ޙަމަދު ސްކޫލުގެ އެންމެ މޮޅު ދަރިވަރުންނަށް ރިމްނާ އާއި ރޫޔަމް

ހަލީފާ އާލް ޘާނީ ސްކޫލުން އެންމެ މޮޅު ދަރިވަރުންނަށް ޢާއިޝަތު ރިމްނާ ނަދީމާއި ޙައްވާ ރޫޔަމް ހޮވައިފިއެވެ. ރިމްނާއަށް އެންމެ މޮޅު ދަރިވަރުގެ މަޤާމް ލިބުނީ 2024 ވަނަ އަހަރު ސާނަވީންނެވެ. 2025 ވަނަ އަހަރު މަތީ ސާނަވީން އެންމެ މޮޅު ދަރިވަރުގެ މަޤާމް ލިބުނީ ރޫޔަމް އަށެވެ.

ރިމްނާ ވަނީ، 2024 ވަނަ އަހަރުގެ ޖީ.ސީއީ އޯ ލެވެލް، އައި ޖީ ސީ އެސް އީ އަދި އެސް އެސް ސީ އިމްތިޙާނުގައި ބައިވެރިވި 8 މާއްދާއިން ވެސް މަތީ ދަރަޖައިގައި ފާސްވެ ރާއްޖޭގެ ގަދަ ދިހައެއްގެ ފަޚުރުވެރި އެއްވަނައިގައި ހިމެނި މަތީ އަރުތަވެރިންގެ އިނާމާއި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ޙާޞިލްކޮށްފައެވެ. ތަފާތު އާ މަޢުލޫމާތު ހޯދުމަށް ޝައުޤުވެރިކަން ހުންނަ ރިމްނާގެ މިހާރުގެ އުއްމީދަކީ މަތީސާނަވީން ވެސް ފުރިހަމަ ކާމިޔާބީއެއް ޙާޞިލްކޮށް، އިކޮނޮމިކްސްގެ ދާއިރާއިން ކުރިއަށް ދިއުމެވެ.

2025 ވަނަ އަަހަރު މަތީ ސާނަވީން ހުރިހާ ގޮތަކުން އެއްވަނައަށް ދިޔަ  ރޫޔަމް އަކީ ޖީ.ސީއީ އޯ ލެވެލް، އައި ޖީ ސީ އެސް އީ އަދި އެސް އެސް ސީ އިމްތިޙާނުގައި ބައިވެރިވި 8 މާއްދާއިން ވެސް މަތީ ދަރަޖައިގައި ފާސްވެ ރަނގަޅު ނަތީޖާއެއް ހޯދާ 2022,2023 ވަނަ އަހަރު ރާއްޖޭގެ ގަދަ ދިހައެއްގެ އަށްވަނަ ހޯދި ދަރިވަރެކެވެ.

އަދި މަތީސާނަވީ މަރްޙަލާގައި 2025 ވަނަ އަހަރު ބޭއްވުނު އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިހާނުގައި ބައިވެރިވެ ހުރިހާ މާއްދާއަކުންވެސް މަތީ ދަރަޖައިގައި ފާސްވެ ރާއްޖޭގެ ގަދަ ދިހައެއްގެ ހަތަރުވަނައިގައި ހިމެނި މަތީ އަރުތަވެރިންގެ އިނާމާއި ހައި އެޗީވާސް ސްކޮލަރޝިޕް ރޫޔަމް ޙާޞިލްކޮށްފައިވެއެވެ.  ރޫޔަމް ކުރިއަށް ދާން ބޭނުންވަނީ އެކައުންޓިންގެ ދާއިރާއިންނެވެ.

2024 ވަނަ އަހަރު ސާނަވީން ދެވަނަ ދަރިވަރަކަށް ހޮވުނީ، ސާއީ ޢީސާ ފިރާޤެވެ. ދެވަނަ ހޯދި ޢީސާއަކީ، ސީނިއަރ ޕްރިފެކްޓްކަމުގެ އިތުރުން އެންވަޔަރމަންޓް ކްލަބުގެ ވައިސް ޕްރެޒިޑެންޓްކަމާއި، ސްޕޯރޓްސް ކްލަބުގެ ކެޕްޓަންކަން ޒިންމާދާރުކަމާއެކު އަދާކޮށްފައިވާ ލީޑަރެކެވެ. އަދި މިހާރު ޑެޕިއުޓީ އެކްޓިވިޓީ ކެޕްޓަންކަމުގެ މަޤާމު އަދާކުރަމުންދާ ސާއީ ޤަބޫލުކުރާ ގޮތުގައި ކުރާ ކޮންމެ ކަމެއްގައިވެސް ޝައުޤުވެރިކަން އުފައްދާ، ދިރިއުޅުމުގެ މަޤްޞަދު ދެނެގަނެ، ތިބާ ކުރިއަށް ދިއުމަށް ބާރުއަޅައިދޭނެ ވަރުގަދަ ސަބަބެއް ހޯދާ، އެކަމެއްގައި ސާބިތުވުމަކީ ކާމިޔާބަށް ވާޞިލުކޮށްދިނުމަށް އެޅޭ ބާރަކަށްވާނެއެވެ.

ސާނަވީން ތިންވަނަ ހޯދީ އާމިނަތު މަލަކް އަޙްމަދު ޒަކީއެވެ. މަލަކް އަކީ، ސީނިއަރ ޕްރިފެކްޓްކަމާއި ޖަމާލުއްދީން ހައުސްގެ ކެޕްޓަންކަމާއި، އަދި ސްކައުޓް ޑެޕިއުޓީ ކެޕްޓަންކަން ފަދަ ލީޑށަރޝިޕް މަޤާމުތައް ޒިންމާދާރުކަމާއެކު އަދާކޮށްފައިވާ ޤާބިލު ލީޑަރެކެވެ. އަބަދުވެސް ނަމާދަށް ފަރުވާތެރިވެ، ދީނީ ކަންކަމަށް އިސްކަންދޭ މަލަކު ޤަބޫލުކުރާގޮތުގައި ކަންކަމުގައި ސާބިތުކަމާއެކީ މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އިތުރު ޙަރަކާތްތަކުން ލިބޭ ރިވެތި ސިފަތަކާއި ހުނަރާއެކު ތަޢުލީމާއި ތަރުބިއްޔަތު އެކުވެގެން މެނުވީ ފުރިހަމަ ކާމިޔާބެއް ނުލިބޭނެކަމާއި އަބަދުވެސް ފަހި ވިސްނުމާއިއެކު ގަދައަޅާ މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް އެކަމެއްގެ ފޮނި ނަތީޖާ ލިބޭނެކަމުގެ ޔަޤީންކަން މަލަކްގެ މަދަރުސީ ޙަޔާތުގެ ތަޖުރިބާއިން ބުނެދެއެވެ. ދިވެހިބަހާއި ތާރީޚާއި ޘަޤާފަތަށް ލޯބިކުރާ މަލަކްގެ ހުވަފެނަކީ މެޑިސިންގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކޮށް، އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ މަތިވެރި ޢަޒުމުގައި ކުރިއަށްދިއުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *