އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން ލިޔުއްވާފައިވާ ތިން ފޮތެއް ނެރުމާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ފޮތް ހަދިޔާކުރުމަށް، ޚާއްޞާ ޙަފުލާއެއް ބާއްވައިފިއެވެ.
އައިޔޫއެމްގެ ލައިބްރަރީން އިސްނަގައިގެން ބޭއްވި މި ހަފުލާގައި ޚާއްޞަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދެވެ.
އުސްތާޛު މުޢީދު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރެއިން މިއަދު އިފުތިތާޙު ކުރީ، "ޅެން ހަދަން ދަސްކޮށްދޭ ފޮތް"، "ޙިކުމަތްތެރިން" އަދި "ޙިކުމަތްތެރިންގެ ޚުލާޞާ" އެވެ.

އިފްތިތާޙުކުރެވުނު ފޮތްތަކުގެ އިތުރުން، މުއީދުގެ މާސްޓަރސް ޑިސަރޓޭޝަން ކަމުގައިވާ "ދިވެހިރާއްޖޭގައި ޣައިރު މުސްލިމުންނާ މުޢާމަލާތުކުރާނެ ގޮތް: ފިޤުހީ ނަޒަރަކުން" މި ދިރާސާ އާއި، 14 ޢިލްމީ ފޮތެއް ވަނީ އައިޔޫއެމްގެ ލައިބްރަރީއަށް ހަދިޔާކުރައްވާފައެވެ.
މި ފޮތްތަކުގެ ތެރޭގައި "ޢުމަރު ޚައްޔާމުގެ ރުބާޢިއްޔާތު"، ރާއްޖެ އިސްލާމްކުރެއްވި ބޭކަލަކާބެހޭ ގޮތުން ލިޔުއްވާފައިވާ "އެއީ ކޮންބޭކަލެއް؟"، "އިސްލާމީ ސާސްތުރައިގެ ބައެއް މަލަ"، "ރާއްޖޭގެ ތާރީޚުން ނުކުތާއެއް"، "ޙަމީދުގެ ހަނދާނުގައި" އަދި "ލޮބުވެތި ސާޖިދާގެ ހަނދާނުގައި" މި ފޮތްތައް ހިމެނެއެވެ.

އަދި "ރަމަޟާނިއްޔާތު 1″، "ޝަރުޢީ ދިރާސާ ތައްޔާރުކުރުމުގެ ޢިލްމީ މަންހަޖު"، "ޢަރަބިލިޔުމުގެ ފިޔަވަޅު 1″، "ދިވެސް އަކުރުން ލިޔުމަށް އެހީއެއް" އަދި "އިބްރާހީމް މުޙައްމަދު ޞާލިޙް" ހިމެނޭހެން 5 އީ-ފޮތެއް ވެސް ވަނީ ހަދިޔާކުރައްވާފައެވެ.
މީގެއިތުރުން އުސްތާޛު މުޢީދުގެ ދަރިކަނބަލުން ފަނަން ޢަބްދުލްމުޢީދު ޙަސަން ލިޔުއްވާފައިވާ "އިސްލާމީ ފިޤުހުގެ ހަތަރު މަޛުހަބުގެ ހަތަރު އިމާމުން" މި ފޮތްވެސް ވަނީ ކުތުބުޚާނާއަށް ހަދިޔާކުރައްވާފައެވެ.
މި އަގުހުރި ޢިލްމީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، މި ހަފުލާގައި، އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން އަދި ދަރިކަނބަލުން ފަނަން ޢަބްދުލްމުޢީދު ޙަސަން އަށް ވަނީ ހަނދާނީ ލިޔުން އަރުވާފައެވެ.
advertisment
ހިޔާލު