ޑރ. އަހުމަދު ޒަކީ ނާފިޒު
ދުނިޔޭގެ ބޮޑެތި މީޑިއާ ތަކުގައި މިއަދު މަސައްކަތްކުރާ ވަރަށް ގިނަ މީހުންނަކީ އެމީހުންގެ ތައުލީމީ ހަޔާތުގައި ނޫސްވެރިކަން ކިޔަވައިގެން ނޫސްވެރިކަމުގެ ވަޒީފާތަކުގައި ދެމިތިބި މީހުންނެވެ. ނޫސްވެރިކަމުގެ ފަންނު ކިޔަވައިގެން، މަސައްކަތް ރަނގަޅަށް ދަސްކޮށްގެން، މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދައިގެންނެވެ. ކަންއޮތީ މިހެން ކަމުގައި ވިޔަސް، ދުނިޔޭގެ ވަރަށް ގިނަ މީޑިއާތަކުގައި މަސައްކަތްކުރާ ވަރަށް ގިނަ ނޫސްވެރިންނަކީ ކޮންމެވެސް އެހެން އެއްޗެއް ކިޔަވައިގެން، އެ މަސައްކަތުގައި އުޅެމުން ނޫސްވެރިކަން ކުރާ މީހުންނެވެ. މިސާލަކަށް ވަރަށް މޮޅު މެޑިކަލް ޑޮކްޓަރަކު، ބަލި މީހުން ބަލާ ކްލިނިކް ވަގުތުގެ ބޭރުން، ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފާނެއެވެ. މިއިން އެނގޭ އެއްޗަކީ، ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ މީހަކު، ޑޮކްޓަރުކަން ކިޔަވައިގެން ވެސް ނޫސްވެރިކަން ކުރުމަށް ހުރަހެއް ނެތްކަމެވެ. ހަގީގަތަކީ، ޑޮކްޓަރަށް ވުމަށް ފަހު، ނޫސްވެރިކަން ވެސް ކުރާނަމަ، އޭނާ ވެގެންދާނީ، ބަލިތަކާއި ބެހޭ ޚަބަރު ވަރަށް ރަނގަޅަށް ލިޔާ ނޫސްވެރިއަކަށެވެ.

މިއަދުގެ ދުނިޔޭގައި ކޮވިޑްގެ ޢާލަމީ ވަބާ ފެތުރި، އެ ނުރައްކަލުގައި މި ދިވެހިރާއްޖޭގެ އާބާދީގެ ވަރަށް ގިނަބަޔަކަށް މިބަލީގެ އަސަރު ކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި ކޮވިޑް ގެ ޚަބަރަކީ އެންމެނަށް ވެސް އެނގެން ބޭނުންވާނެ އެއްޗެކެވެ. މިފަދަ ޚަބަރު، އެންމެ ރަނގަޅަށް ތައްޔާރުކޮށް ފުރިހަމަ މައުލޫމާތާއި އެކު މީހުންނާއި ހަމަޔަށް އޮޅުންނާރާނެ ގޮތަށް ގެނެސް ދެވޭނެ އެއްބަޔަކީ ޑޮކްޓަރުކަން ކިޔަވައިގެން ހުރެ، ނޫސްވެރިކަމުގައި އުޅޭ މީހުންނެވެ. މިއިން އެނގޭ އެއްޗަކީ، ނޫސްވެރިކަމުން ކުރިއަށް ދާން ބޭނުންވާ ކޮންމެ މީހަކީ ނޫސްވެރިކަން ނޫން އެހެންކަމެއްގައި އުޅެން ނުޖެހޭނެ މީހެއް ނޫނެވެ.

ޑޮކްޓަރީ ފަންނު ފަދަ، ތަފާތު ހުނަރުވެރި ފަންނުތަކުގައި މަސައްކަތްކުރާ މީހުން ނޫސްވެރިކަމަށް ވަންނަނީ، ނޫސްވެރިކަމުގެ ހުނަރު ދަސްކޮށްގެންނެވެ. މީހުން ކައިރިން، ނުވަތަ، ނޫސްވެރިކަން ދަންނަ މީހުންގެ އެހީތެރިކަމާއި އެކު، އަމަލީ ތަޖުރިބާ އިންނެވެ. ނޫނީ، ނޫސްވެރިކަން ދަސްކޮށްދޭ ކޮންމެވެސް ކުޑަ ސެޓްފިކެޓެއް ހަދައިގެންނެވެ.
ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ސާނަވީ ސްކޫލްތަކުގައި ކިޔަވާ ކުދީން، އެކުދީންގެ ތައުލީމީ ހަޔާތް ބައްޓަން ކުރަމުންދާއިރު، ނޫސްވެރިކަމުގައި ވެސް އުޅެއެވެ. ބައެއް ކުދީންނަކީ އެކުދީންގެ ސްކޫލްގައި ނެރޭ ކޮންމެވެސް ނޫހަކަށް ނުވަތަ މަޖައްލާ އަކަށް ލިޔާ ކުދީންނެވެ. މިގޮތަށް ސްކޫލް ނޫސްތަކަށް ލިޔާ ކޮންމެ ކުއްޖަކީ ނޫސްވެރިކަން ކިޔަވާ ކުއްޖަކަށް ނުވިޔަސް، އެކުދީންގެ ތެރެއިން ބައެއް ކުދީންނަކީ، ފަންނީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ނޫސްވެރިކަމެއް، ނުވަތަ ލިޔުންތެރިކަމެއް، ކޮންމެވެސް ފެންވަރެއްގައި ކުރުމަށް ޝައުގުވެރިވެދާނެ ކުދިބައެކެވެ. އެކުދީން ބޮޑެތި މީހުނަށް ވެ، އޭގެ މާފަހުން، ލިޔުމުގެ މަސަްކަތުގެ ތެރެއަށް ވަންނައިރު، އެކަމަށް ޝައުގުވެރިކަން އުފައްދާދީފައި ވަނީ، ހަމަ ޔަގީނުންވެސް، އެކުދީންގެ މަދަރުސީ ނޫސްވެރިކަމުގެ ތެރެއިންނެވެ. ނޫސްވެރިކަމުގެ ބިންގާ އަޅައިދީފައިވަނީ އެކުދީންގެ ސްކޫލުގެ ތެރެއިންނެވެ.

މަދަރުސީ ނޫސްވެރިކަމަކީ ރާއްޖޭގެ ތައުލީމީ ވެށީގެތެރޭގައި، ނޫސްވެރިކަމުގެ ކުރީކޮޅުން ފެށިގެން ކޮންމެވެސް ވަރަކަށް ހިނގަމުންދާ ހަރަކާތެކެވެ. އޭރު، މަދަރުސީ ނޫސްވެރިކަމުގައި އުޅުނު މީހުން ބަދަލުވީ މޮޅު ލިޔުނެތެރީންނަށެވެ. އެޒަމާނެކޭ އެއްގޮތަށް، މިޒަމާނުގައި ވެސް ސްކޫލް ނޫސްވެރިކަމުގެ ތެރޭގައި އުޅެމުން، ފަހުން ތައުލީމީ ހަޔާތުގެ ޕްރޮފެޝަނަލް ތަމްރީނު ކޮންމެވެސް އެހެން ފަންނަކުން ނިންމާލިޔަސް، ރާއްޖޭގެ މީޑިއާގައި މިއަދު ހަރަކާތްތެރިވާ ބައެއް މަޝްހޫރު މީހުންނަށް މީޑިއާގައި މަސައްކަތްކުރުމަށް ފުރުސަތު ފަހިވެފައިވަނީ އެމީހުންގެ ސްކޫލް ނޫސްވެރިކަމުގެ ތެރެއިން، މީޑިއާ ތަކާއި ބަދަހިކުރެވޭ ގުޅުމުގެ ތެރެއިންނެވެ. އެހެންކަމުން، ސްކޫލް ނޫސްވެރިކަމާއި، ރާއްޖޭގެ މީޑިއާ ތަކާއި ދެމެދު ބަދަހިގުޅުން ބާއްވައި، އެގުޅުން ދެމެހެއްޓުމަކީ، ސްކޫލްތަކުގެ ކުދީންގެ މުސްތަގުބަލް އާރާސްތުކުރުމުގައި އެކުދީންގެ ރަސްމީ ކަރިކިއުލަމް ގައި ހިމެނޭ މާއްދާތަކުގެ ބޭރުން، އިތުރު ހަރަކާތަތަކުގެ ތެރެއިން ހުޅުވާލަދެވޭ ފަހި ފުރުސަތު ތަކަށް ވެގެންދާނެ ކަމެކެވެ. އަދި ދެވަނަ ކެރިއަރަކަށް ލިޔުންތެރިކަމާއި، ނޫސްވެރިކަމުގެ ރޮނގު އިޚުތިޔާރުކުރަން ހުޅުވާލެވޭނެ މަގެކެވެ.
މިއަދު، ރާއްޖޭގެ ބައެއް ސްކޫލްތަކުގައި މަދަރުސީ ނޫސްވެރިކަން ކުރުމަށް ފަހި ފުރުސަތުތަކެއް ވަނީ ހުޅުވިފައެވެ. އެއްބައި ސްކޫލްތަކުގައި، އެކި ކްލާސތަކުގެ ކުދީން އަމިއްލައަށް ކްލާސް ނޫސްވެރިކަމެއް ފަށައި ކްލާހުގެ ލެވެލްގައި ނޫސް ނެރޭއިރު، ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ވަނީ މީޑިއާ ކްލަބު އުފައްދާފައެވެ. ސްކޫލް މީޑިއާ ކްލަބުތަކުން، ސްކޫލްގައި ހިންގާ އެކިއެކި ޙަރަކާތްތަކާއި ބެހޭ ޚަބަރު ހިމަނައިގެން، މީޑިއާ ކްލަބުގެ ނިޒާމުގެ ތެރެއިން ސްކޫލް ނޫސް ނެރެއެވެ. މިގޮތުން ނެރޭ ނޫސްތަކަކީ، އެ ސްކޫލެއްގައި ނޫސްވެރިކަމުގެ ފަންނަށް ލޯހުޅުވިފައި ތިބި މުދައްރިސުންގެ އެހީތެރިކަން ވެސް ލިބިގެން ނެރެވޭ އެއްޗެއްސެވެ. އެހެންކަމުން، މިގޮތަށް ނޫސްނެރޭ ކޮންމެ މީޑިއާ ކްލަބެއްގައި ހަރަކާތްތެރިވާ ދަރިވަރުންނަކީ، މީޑިއާގެ އިތުރު ތަމްރީނު ދީގެން ސްކޫލް މީޑިއާ ތެރޭގައި ރަނގަޅު ނޫސްވެރިކަމެއް ކުރެވިދާނެ ކުދިބައެކެވެ. ސްކޫލް މީޑިއާ ކްލަބަކީ، ސްކޫލްތަކުގައި ކިޔަވަމުންދާ ކުދީންގެ ތެރެއިން މީޑިއާ އަށް ޝައުގުވެރިކަން ހުންނަ ކުދީންނަށް ދެވަނަ ކެރިއަރ އެއްގެ ގޮތުގައި މީޑިއާ އިން ކުރިއަށް ދިއުމަށް ފުރުސަތު ފަހިކޮށްދެވެވިދާނެ ތަނެކެވެ. މީޑިއާ ކްލަބުތަކާއި މީޑިއާ ކިޔަވައިދޭ އިންސްޓިޓިއުޝަންތަކާއި ވިލަރެސްކުރެވިގެން، ނޫސްވެރިކަމުގެ ކުދި ވާކްޝޮޕްތައް ހިންގުމާއި. ނޫސް މީޑިއާ ގެ އެކި މަންސަތަކާއި ގުޅިގެން، މީޑިއާ ކްލަބުގެ ކުދީންގެ އުފެއްދުމަށް ފުރުސަތުތައް ފަހިވެގެން ދިއުމަކީ، މަދަރުސީ ޙަޔާތުގެ ތެރެއިން ބިންގާއެޅޭ ސްކޫލް ނޫސްވެރިކަމުން، ރާއްޖޭގެ މެއިން ސްޓްރީމް މީޑިއާ އަށް ވަންނަން ހުޅުވާލެވޭ ދޮރެއްވެސް މެއެވެ.

މި ދެންނެވި އެއްޗެއްގެ އަލީގައި ބަލާއިރު، މިއަދު، ރާއްޖޭގެ ބައެއް ސްކޫލްތަކުގައި އުފައްދާފައިވާ މީޑިއާ ކްލަބުތަކަކީ މުހިއްމު ކްލަބްތަކެކެވެ. މިފަދަ މީޑިއާ ކްލަބުތައް ނެތް ސްކޫލްތަކުގައި، އެ ސްކޫލްތަކުގެ ދަރިވަރުންނަށް އިސްވެ ދެންނެވި ފަދަ ފުރުސަތު ފަހިކޮށްދިނުމަށް މީޑިއާ ކްލަބު ހަދައި ކުދީންގެ ބައިވެރިވުން އިތުރުކުރުމަކީ މުހިއްމުކަމެކެވެ. އެހެނީ، މަދަރުސީ ލެވެލް ގައި ރާއްޖޭގައި ނޫސްވެރިކަމާއި ގުޅޭ މާއްދާ އެއް ކިޔެވުމުގެ ފުރުސަތު ނެތުމާއި އެކު، މީޑއާ ކްލަބުތަކަކީ، ސްކޫލަތްކުގައި އެފަދަ ފުރުސަތުތަކެއް ކުދީންނަށް ހޯދައިދެވޭނެ ވަރަށް ރަނގަޅު ފަރާތެކެވެ. ސްކޫލް މީޑއާ ކްލަބުތަކުގެ ހަރަކާތްތަށް އިތުރުކުރެވި، ކިޔަވާކުދީންގެ ރޯލް ފުޅާކުރެވޭނެގޮތަކަށް، ކުލަބުތަކުގެ ހިންގުން ހަރުދަނާކުރެވިއްޖެނަމަ، މަދަރުސީ ދައުރަށް ފަހު، އެކުދީންނަށް މީޑިއާ އިން ކެރިއާ އެއް ހުޅުވާލަ ދިނުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމާއި މެދު ޝައްކެއް ނެތެވެ.
މިހެން ދަންނަވާއިރު، މިއަދުވެސް، މީޑިއާ ކްލަބުތަކާއި ނުލައި މަދަރްސީ ނޫސްވެރިކަމަށް ފުރުސަތު ހޯދައިދޭ ސްކޫލަތައްވެސް އެބަހުއްޓެވެ. އެހެނަސް، އެފަދަ ސްކޫލްތަކުގައި ނެރޭ ނޫސްތަކަކީ އެ ޚަބަރު އުފައްދާ ސްކޫލްގެ މާހައުލުގައި ޝާއިއުކުރެވޭ ތަކެއްޗެވެ. އެ ނޫސްތަކަކީ، އެހެން ސްކޫލެއްގެ ދަރިވަރުންނަށް ކިޔާލުމުގެ ފުރުސަތު އޮންނަ ނޫސްތަކެއް ނޫނެވެެެ. އެފަދަ ނޫސްތަކަށް ލިޔާ ކުދީންގެ ލިޔުންތެރިކަމަށް އެންމެ ހިތްވަރު ލިބޭނެ އެއްގޮތަކީ އެކުދީންގެ ލިޔުންތައް، އެހެން ސްކޫލްތަކުގެ ކުދީންނަށް ވެސް ކިޔާލެވޭނެ ގޮތެެއް ވުމެވެ. މިފަދަ ފުރުސަތު ހޯދައި ދެވިއްޖެނަމަ، އެއީ، ނޫސްވެރިކުދީންގެ ލިޔުންތެރިކަން ކުރިއެރުވުމަށާއި ޝައުގުވެރިކަން އިތުރުކުރުމަށް ސްކޫލް ފެންވަރުގައި ދެވިދާނެ ވަރަށް ބޮޑު ހިތްވަރެކެވެ.

ދެންނެވި ފަދަަ ދޮރެއް ހުޅުވާލަދިނުމުގައި އެކިއެކި ސްކޫލްތަކުގައި ހެދިފައިހުރި މީޑިއާ ކްލަބުތަކަށް ރޯލެއް އަދާކުރެވިދާނެއެވެ. ނޫސްވެރި ކުދީންގެ ލިޔުންތަކުގެ ފެންވަރު ރަނގަޅުކުރުމުގައި، ނޫސްވެރިކަމުގެ ތަމްރީނުދޭ މުއައްސަސާ ތަކާއި ގުޅިގެން، ނޫސްވެރިކަމުގެ ފެންވަރު މަތިކޮށް ދިނުމުގައި ބޮޑުއެހީތެރިކަމެއް ދެވިދާނެއެވެ.
ސްކޫލް މީޑިއާ ކްލަބުތަކުގެ ހިންގުން ހަރުދަނާކޮށް ސްކޫލްތަކަށް އެކްލަބުތަކުގެ ހަރަކާތްތައް ވިލަރެސް ކުރާނެ ކޯޑިނޭޓަރ މުދައްރިއްސެއް ކަނޑައެޅި، އެފަރާތަކާއި ރާއްޖޭގެ މީޑިއާތަކުގެ އިސް ފަރާތްތަކާއިއެކު ގުޅުން ވަރުގަދަކުރެވުމުން، ސްކޫލް ނޫސްވެރިކަމުގެ އެކިއެކި ޙަރަކާތްތަކާއި މުބާރާތްތަކަށް މީޑއާ އިން ޖާގަހޯދުމަށް ވެސް ފަސޭހަވެގެންދާނެކަމަށް ފެނެއެވެ. މީޑިއާ ތަކާއި މުޅި ސްކޫލެއްގެ ގުޅުން ވަރުގަދަ ކުރުމަށް ވުރެ ބޮޑަށް، ސްކޫލް މީޑިއާ ކްލަބަކުން އެފަދަ ކަންކަމުގައި އިސްނެގުމުން، މީޑިއާ ތަކުގެ ތަރުހީބު ބޮޑުވާނެކަމަށް ފެނެއެވެ. އެއީ މީޑިއާ ކްލަބަކީ، ހަމައެކަނި މީޑިއާގެ ކަންކަމުގައި މީޑިއާ އަށް ޝައުގުވެރިވާ ކުދިބަޔަކު ތިބި ތަނަކަށް ވާތީވެ، އެކުދީންނާއި ގުޅުން ދެމެހެއްޓުމަކީ ރާއްޖޭގެ މީޑިއާގެ އިސް މުއައްސަސާތަކުގެ ވެސް މަސްލަހަތަކަށް ވާނެތީ އެވެ. އަދި، މީޑިއާ ކްލަބުތަކަކީ މީޑިއާތަކާއި ސްކޫލްތަކާއި ދެމެދު އެޅޭ ދާލަމަކަށް ވެގެން ދާނެތީއެވެ. މިފަދަ ދާލަންތަކުގެ މަތިން މީޑިއާ ހަރަކާތްތައް ކުރިއަށް ގެންދިއުމުން، މީޑިއާ ކްލަބުތައް ހަރަކާތްތެރިވާ ސްކޫލްތަކުގެ ގެ ޕްރޮފައިލް ވެސް މަތިވެގެންދާނެކަމެއްކަމެވެ. އެއީ، އެފަދަ ސްކޫލްތަކާއި މެދު ބެލެނިވެރީން ވެސް ވަރަށް އީޖާބީގޮތުން ބަލާނެ ތީއެވެ. ކުދީންނަށް ހޯދައިދޭ ރަނގަޅު ކޮންމެ ފުރުސަތަކީ އެކުދީންގެ ބެލެނިވެރީންނަށް ވެސް ބަލައިގަނެވޭނެ ފަހިކަމަކަށް ވާނެތީއެވެ. ހަމައެއާއި އެކު އެފަދަ ފުރުސަތުތައް ހުޅުވާލަދޭ ސްކޫލްތަކަށް ކުދީންގެ ޝައުގުވެރިކަން ވެސް އުފައްދާނެކަމެކެެވެ. ވަރުގަދަ ސްކޫލް ނޫސްވެރިކަމެއް ފަށާދެވޭ ސްކޫލަތަކަކީ މުޖުތަމައުގައި، މީޑިއާގެ ތެރެއިން، އެތަންތަން ފާހަގަވެގެން ދާނެތަންތަނެވެ.
ސްކޫލް މީޑއާ ކްލަބުތަކާއި މީޑިއާ ގެ އިސް މުއައްސަސާތަކާއި ގުޅުން ވަރުގަދަވުމާއި އެކު ހުޅުވޭ ތަމްރީނު ފުރުސަތުތަކާއި، ކުދީންގެ ނޫސްވެރިކަން ވަރުގަދަކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިންް، ސްކޫލްތަކަށް އަމާޒުކޮށްގެން، "މަދަރުސީ މީޑިއާ ފެއާ" ވެސް ބޭއްވިދާނެއެވެ. މި ފެއާ އަކީ، ސްކޫލްތަކުގެ ކުދީންގެ މުޅި ދިރާސީ އަހަރުގެ މީޑިއާ ހަރަކާތްތައް ދައްކުވައިދޭ ތަނެކެވެ. އެ ފެއާ ތަކަކީ ސްކޫލްތަކުގައި މީޑިއާ ހަރަކާތްތަކުގައި އެންމެ ޝައުގުވެރިކޮށް އުޅޭ އަދި ނޫސްވެރިކަމާއި ގުޅޭ އެކި އެކި ފަންނުތަކުގައި ބޮޑަަށް އުޅެން ބޭނުންވާ ކުދީންނާއި މީޑިއާ އިންޑަސްޓްރީ ގެ އިސް ފަރާތްތަކާއި އެކު ތަފާތު މާހައުލެއްގައި ބައްދަލުވެލައި އެކުދީންނަށް ލަފާ އާއި މަޝްވަރާ ދެވޭނެ ފުރުސަތު ވެސް ހޯދައިދެވޭނެ ފެއާތަކެކެވެ.
އެ ފަދަ ފެއާ އަކުން ކުރެވިދާނެ ދެވަނަ ކަމަކީ، މިސާލަކަށް، ސްކޫލް ނޫސްވެރިކަން ކުރާ ކުދީން ގެ މެދުގައި ބޭއްވޭ މުބާރާތްތަކުން އެންމެ މަތިން ވަނަދެވޭ ނޫސްވެރި ކުދީންނަށް އެކުދީންގެ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމެވެ. އަދި އެކުދީންނަކީ، "އަހަރުގެ އެންމެ މޮޅު ނޫސްވެރި ދަރިވަރު" ހޮވުމަށް ބޭއްވޭ ފައިނަލް އަށް ކޮލިފައިވާ ކުދީންނަށް ވެސް ހޮވާލެވިދާނެއެވެ. މިގޮތުން "ފައިނަލް" އަށް ހޮވާލަވޭ ކުދީން ތިބި ސްކޫލްތަކާއި، މީޑިއާ ކައުންސިލް ފަދަ ތަނަކާއި ގުޅިގެން، "އަހަރުގެ އެންމެ މޮޅު ނޫސްވެރި ދަރިވަރު" ހޮވުމަށް އުފައްދާ ޚާއްސަ ނޫހެއްގައި ލިޔުމުގެ ފުރުސަތު ދެވި، އެންމެ ރަނގަޅަށް ލިޔުން ހުށައެޅި ކުއްޖަކަށް ކޮންމެ އަހަރަކުވެސް "ސްޓޫޑަންޓް ޖާނަލިސްޓް އޮފް ދަ އިޔަރ" ނުވަތަ "އަހަރުގެ އެންމެ މޮޅު ނޫސްވެރި ދަރިވަރު" ހޮވިިދާނެއެވެ. މިއީ، ސްކޫލް ނޫސްވެރިކަންކުރާ ކުދީން، ގައުމީ ފެންވަރެއްގައި އެކުދީންގެ ލިޔުންތެރިކަމުގެ ހައިބަތު މައްަޗަށްް ގެންދިއުމުގައި ވަރަށް ބޮޑުބައެއް އަދާކޮށްދޭނެ ކަމެއްވެސް މެއެވެެ.

ކޮންމެ އަކަސް، ރާއްޖޭގައި މަދަރުސީ ނޫސްވެރިކަން ސްކޫލް ފެންވަރުގައި އޮންނަތާ އެތައް ދިހަ އަހަރެއް ވެއްޖެއެވެ. މިއަދު ބޭނުންވަނީ މި ނޫސްވެރިކަން ފުޅާކޮށް ސްކޫލް ދަރިވަރުންގެ ނޫސްވެރިކަން މަތީ ހަރުފަތަކަށް ގެންދިއުމަށެވެ. ނޫސްވެރިކަމުގައި ހަރަކާތްތެރިވާ ކުދީންނަށް ފަހި ފުރުސަތުތަކެއް ހުޅުވާލަދީގެންނެވެ. މަދަރުސީ ނޫސްވެރިކަމުގެ ތެރެއިން އެކުދީންނަށް މީޑިއާގައި ބައިވެރިވުމުގެ ފުރުސަތު ހޯދާލަ ދެވޭނެ ފަދަ މަގު ކޮށާލަދިނުމަކީ މަދަރުސީ ނޫސްވެރިކަމުގެ ތެރެއިން ކުރެވިދާނެކަމެކެވެ. ނޫސްވެރިކަމަކީ، ގައުމީ ހޭލުންތެރިކަން އިތުރުކުރުމުގައި ޒިއްމާދާރު މަސައްކަތްތަކެއް ކުރާ ބަޔަކު އުޅޭ ރޮނގެކެވެ. ކިޔަވާ ކުދި ބައަކަށް ސްކޫލުގެ ހަރަކާތްތަކުގެ ތެރެއިން ސްކޫލުގެ ބޭރުން ބޭއްވޭ ހަރަކާތްތަކުގައި މީޑިއާގައި ތަމްސީލުވުމަށް ފަހި ފުރުސަތު ހޯދައިދެވޭނަމަ، އެ ކުދީންނަކީ ހިއްމަތްތެރި، ޚިދުމަތްތެރި ޒިއްމާދާރު ކުދީންތަކެއް އުފައްދަން ސްކޫލްތަކުން ކުރާ އުއްމީދުގައި އިތުރު ކުރި ޖަހާނެކަމެކެވެ. މިއަދުގެ މީޑިއާއަކީ ގައުމުގެ ފަރުދުންގެ އިންޓެލެކްޗުއަލް ތަރައްގީއަށް ބޭނުންވާ އަގުހުރި މައުލޫމާތު ފޯރުކޮށްދޭ، މީހުންގެ ހޭލުންތެރިކަން އިތުރުކޮށްދޭ ވަސީލަތަކަށް ވީހިނދު، އެފަދަ ތަންތަނަށް ޚިކުމަތްތެރި، ޝައުގުވެރި، މީޑިއާގައި އުޅެން ބޭނުންވާ ކުދީންނާއި، މީޑިއާތަކާއި ދެމެދު ރަނގަޅު ފާލަމެއް އަޅައިދޭން ޖެހެއެވެ. ދަރިވަރުންނަށް އެފަދަ އީޖާބީ ފުރުސަތު ހޯދައިދޭ ސްކޫލް ތަކުގެ ގައުމީ ވަނަވަރު، ގައުމުގެ އާއްމު ރައްޔިތުންގެ ކުރިމަތީގައި އެތައްތަނެއް މައްޗަށް ޖެހިގެންދާނެ ކަމާއި މެދު ޝައްކެއް ނުކުރަމެެވެ.
advertisment
ހިޔާލު