ބައިނަލްއަޤުވާމީ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ބަރަކާ ޗެރިޓީގެ ފަރާތުން ކ. ހިންމަފުށީ ސްކޫލުގެ 8 ކުލާސްރޫމަށް ބޭނުންވާ ޑެސްކް ހަދިޔާކޮށްފިއެވެ.

ރަސްމީކޮށް ޑެސްކުތައް ސްކޫލާ ޙަވާލުކުރެއްވީ އެކަމަށްޓަކައި އެ ސްކޫލުގައި އިއްޔެ ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބަރަކާ ޗެރިޓީ މޯލްޑިވްސްގެ ރައީސް އަޙްމަދު ޒަކީ އެވެ. ސްކޫލުގެ ފަރާތުން ޑެސްކްތަކާއި ޙަވާލުވީ އެ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް އިނާޝާ އެވެ. ޑެސްކުތައް ޙަވާލުކުރެއްވުމަށް ފަހު ޒަކީ ވިދާޅުވީ މިއީ ގިނަ ބައެއްގެ މަދަދުވެރިކަމާއެކު ހިންގުނު ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށެވެ.

ބަރަކާ ޗެރިޓީން އިއްޔެ ހަދިޔާކޮށްފައިވަނީ އެ ސްކޫލްގައި އަލަށް އިމާރާތްކޮށްފައިވާ ކުލާސްރޫމްތަކަށް ބޭނުންވާ 132 ޑެސްކެވެ. މި ޑެސްކުތައް ބަރަކާ ޗެރިޓީއަށް ޖަހައިދީފައިވަނީ ހިންމަފުށީ އައްސޭރި ޖަލުގެ ވަޑާންގެއިންނެވެ. މިއީ މުޖުތަމަޢަށް ފައިދާހުރި ކަމެއް ކޮށްދިނުމަށާއި، ވަޑާމުގެ މަސައްކަތް ދަސްކޮށްދިނުމަށް ލިބުނު ވަރަށް ފަހި ފުރުޞަތެއް ކަމަށް އައްސޭރި ޖަލުން ދެކެއެވެ.

ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް އިނާޝާ ވިދާޅުވީ މިއީ ހަމަ އެކަނި ޑެސްކުތަކެއް ނޫންކަމަށާއި، މިއީ އެތައް ދަރިވަރުންނެއްގެ ތަޢުލީމީ ޙަޔާތަށް ލިބިގެންދިޔަ ވަރަށް ދީލަތި އެހީއެއް ކަމަށެވެ. މި ރަސްމިއްޔާތުގައި އަގުވަޒަންކުރުމުގެ ގޮތުން ސްކޫލުގެ ފަރާތުން ދާއިރާގެ މަޖިލިސް މެންބަރާއި، ބަރަކާ ޗެރިޓީ އާއި އައްސޭރި ޖަލަށް ހަނދާނީ ފިލާ އަރުވާފައި ވެއެވެ.


advertisment
ހިޔާލު