ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓަން ޑިޕްލޮމާ ފެންވަރަށް މީހުން ތަމްރީނު ކުރަން ފަށަނީ

ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓަން ޑިޕްލޮމާ ފެންވަރަށް މީހުން ތަމްރީނުކުރަން ކޯހެއް ފަށަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މިއަދު ސޮއިކޮށްފިއެވެ.

އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޑިޕްލޮމާ އިން ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމެންޓް ކޯސް ފަރުމާކޮށް ހިންގުމުގެ އެއްބަސްވުމުގައި އެ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ. ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޠާރިޤު އިބްރާހީމެވެ.

ހަ މަސްދުވަހުގެ ތެރޭގައި ޑިޕްލޮމާ އިން ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމެންޓް ކޯސް ފަރުމާކޮށް އަންނަ އަހަރުގެ ތެރޭގައި ކިޔަވައިދޭން ފަށާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ޑިޕްލޮމާ އިން ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމެންޓް ކޯސް ހިންގަނީ، ކޮންޒަވޭޝަން އޮފް އެޓޯލް އިކޯ ސިސްޓަމް ތުރޫ އެންޑް އެފެކްޓެވްލީ މެނޭޖްޑް ނެޝަނަލް ޕްރޮޓެކްޓެޑް އޭރިޔާ އިސްޓޭޓް (ކެޓެނޭޓް) ޕްރޮޖެކްޓުގެ ދަށުން އިންޓަރނޭޝަން ޔޫނިއަން ފޯ ކޮންޒަރވޭޝަން އޮފް ނޭޗަރ އައިޔޫސީއެން އެހީގެ ދަށުންނެވެ. އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ކެޓެނޭޓް ޕްރޮޖެކްޓުގެ ލޯގޯ ތިމާވެއްޓަބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވަނީ އިފްތިތާޙުކޮށްދެއްވާއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ޠޯރިޤް ވިދާޅުވީ، ތިމާވެށީގެ ދާއިރާއިން މީހުން ބިނާކުރުމަށް އެމްއެންޔޫއާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެ މަސައްކަތްތަކުގެ އަލީގައި ޑިޕްލޮމާ އިން ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމެންޓް ކޯސް ވެސް ކާމިޔާބު ކަމާއެކު ކުރިއަށްދާނެ ކަމަށެވެ.

ވަޒީރު ޠޯރިޤް ވިދާޅުވީ، ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ 93 ސަރަހައްދެއް އެބައޮތް ކަމަށާއި އޭގެތެރޭގައި 3 ބަޔޮސްފޮޔަރ ރިޒާވް ވެސް ހިމެނޭ ކަމަށާއި އަދި އިތުރު 3 ބަޔޮސްފިޔާރ ރިޒާވް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ހިމާޔަތްކުރެވިފައިވާ ތަންތަން ހިމާޔަތްކޮށް ބަލަހައްޓާނެ މީހުން ބޭނުންވޭ. އެފަދަ މީހުން ނެތް ނަމަ އެފަދަ ތަންތަން ޙިމާޔަތްކުރުމުގެ ހަޤީޤީ މަޤްޞަދު ހާސިލެއް ނުވޭ" ޠޯރިޤް ވިދާޅުވިއެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމް ވިދާޅުވި ގޮތުގައި، ޑިޕްލޮމާ އިން ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމެންޓް ކޯހަކީ ގުދުރަތީ މާހައުލު ބެލެހެއްޓުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެއެވެ. އެ ޔުނިވަރސިޓީއާއި ތިމާވެއްޓާ ބެހޭ ވުޒާރާއެކު ވި އެއްބަސްވުމުން ދައްކުވައިދެނީ ތިމާވެށި ހިމާޔަތްކުރުމާއި ގުދުރަތީ ވަޞީލަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށް ޤައުމީ ފެންވަރުގައި ދެ ފަރާތުން ކުރަމުންދާ މަސައްކަތުގެ މުހިންމުކަމެވެ.

އަދި ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާއަށް ބޭނުންވާ މީހުންގެ ހުނަރު އިތުރުވެ އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކަށް ސައިންޓިފިކް ތަޖުރިބާއާއި އިލްމީ ހޯދުންތައް ފޯރުކޮށްދެވިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ޝެހެނާޒް ވިދާޅުވީ އެ ޔުނިވަރސިޓީގެ ކޮލެޖް އޮފް އޯޝަން ސައިންސާއި އެންދެރި ޕްރޮޖެކްޓާއި ގުޅިގެން ސެޓިފިކެޓް ލެވެލް 4 ކޯހެއްކަމަށްވާ އެޑްވާންސް ސެޓިފިކެޓް އިން ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓު އެންޑް ރޭންޖާރސް ޓްރޭނިން ކޯހެއް ހިންގާފައިވާކަން ފާހަގަކޮށްފައެވެ. ލ. އަތޮޅު ކެމްޕަހުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް 11 ދަރިވަރުން ފުރިހަމަކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *