އަމްފާގެ ފަރާތުން ކ. އޭއީސީގެ މުދައްރިސުންނަށް އިންކްލޫސިވް އެޑިޔުކޭޝަނާ ގުޅޭ ޚާއްޞަ ސެޝަނެއް

އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އާއި ކޭއޭއީސީ އިން އެކުވެގެން އިންކްލޫސިވް އެޑިޔުކޭޝަނާ ގުޅޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަން ކުރިއަށް ގެންދެވީ އޮސްޓްރޭލިއާގެ ސިޑްނީގެ ސެއިންޓް ޕިއުސް ޓެން ކޮލެޖުގެ ސްޓޫޑެންޓް އެންގޭޖްމަންޓް، އެންރިޗްމަންޓް އެންޑް ޑައިވަރސިޓީގެ ވެރިޔާ މިސްޓަރ ޑެނިއަލް ބަރޓަންއެވެ.

ބަރޓަން ސެޝަން ނަންގަވައިދެއްވީ، ކްލާސްރޫމުން ބޭރުގައި: ދަރިވަރަކާއި މުދައްރިސަކާއި ބެލެނިވެރިއެއްގެ ހައިސިއްޔަތުން އިންކްލޫޝަންއާ ގުޅޭ ފިލާވަޅުތަކުގެ މައްޗަށެވެ.

އިންކްލޫސިވް އެޑިޔުކޭޝަންގައި، ދުޅަހެޔޮކަން އަދި މުޖުތަމަޢުގެ ބައިވެރިވުމާ ގުޅޭގޮތުން ތަޖުރިބާކާރެއްގެ ހައިސިއްޔަތުން، އުނގެނުމުގައި ދަރިވަރުންނަށް އެހީތެރިވާން ބޭނުންކުރެވިދާނެ ޢަމަލީ އުކުޅުތަކާއި، ކިޔަވައިދިނުމުގައި އަޅާލުމާއި، މަޑުމައިތިރިކަމާއި އަދި އެއްބާރުލުން ދިނުމުގެ މުހިންމުކަމާ ބެހޭގޮތުން އޭނާ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

ސެޝަންގައި ކުރިއަށް ގެންދިޔަ މަޝްވަރާގައި ކ. އޭއީސީގެ މުދައްރިސުން ޢަމަލީގޮތުން ބައިވެރިވެ، އެބޭފުޅުންގެ އަމިއްލަ ކްލާސްރޫމްތަކުން ލިބިފައިވާ ތަޖުރިބާތައް ހިއްސާކުރެއްވިއެވެ. އަދި އިންކްލޫސިވް އުސޫލުތައް އެބޭފުޅުންގެ ސްކޫލް މުޖުތަމަޢުގައި ތަރުތީބުކުރެވިދާނެ ގޮތްތަކާ މެދު ވިސްނުން ގެންގުޅުއްވިއެވެ.

މި ސެޝަނަށްފަހު ކޭއޭއީސީގެ ޕްރިންސިޕަލް އަޙްމަދު މިހާދު ވިދާޅުވީ، ބަރޓަން ކުރިއަށް ގެންދެވި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަނަކީ އެ ސްކޫލުގެ މުދައްރިސުންނަށް ލިބިގެން ދިޔަ ވަރަށް މުއްސަނދި ތަޖުރިބާއެއް ކަމަށެވެ. އިންކްލޫސިވް އެޑިޔުކޭޝަނާއި ދަރިވަރުންގެ ތަޢުލީމަށް އެހީތެރިވުމުގައި ބެލެނިވެރިންގެ ދައުރާ ގުޅޭގޮތުން އޭނާ ހިއްސާކުރެއްވި ޚިޔާލުތަކަކީ ވަކިން ޚާއްޞަކޮށް އަގުހުރި މަޢުލޫމާތެއް ކަމަށެވެ. އެ ފުރުޞަތު ތަނަވަސްކޮށްދީފައި ވާތީ އަމްފާއަށް އޭނާ ޝުކުރުއަދާކުރެއްވިއެވެ. އަދި މުސްތަޤްބަލުގައި އެ ފަދަ އިތުރު ސެޝަންތަކަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކ. އޭއީސީއަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ސެޝަނަކީ އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދު ތަޢުލީމީ އެއްބާރުލުން ދިނުމާއި މަޢުލޫމާތު ބަދަލުކުރުމުގެ އިތުރުން ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް އަމްފާއިން ކުރަމުންދާ ފުޅާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ސެޝަނުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސްކޫލުތަކާއި އެފަދަ ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށް އަމްފާއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *