ކުޑަކުދިންނަށް އަމާޒުކޮށްގެން ހުސްނާ ފަހްމީ (ޙުސްނާ މިސް) ލިއުއްވަމުން ގެންދަވާ އަރާ ކުރި ސީރީޒްގެ 46 ވަނަ ފޮތް ޚާއްޞަ ކުރީ 3 ނޮވެމްބަރ 1988 ވަނަ ދުވަހު ރާއްޖޭގައި ހިނގައިދިޔަ ނުރައްކާތެރި، އަދި ބިރުވެރި ހާދިސާގެ މައްޗަށެވެ.
"މާމަގެ ކަޅު ޑައިރީ- 3 ނޮވެމްބަރ" ގެ ނަމުގައި ޙުސްނާ މިސް ލިއުއްވި ކުޑަކުދިންގެ މި ވާހަކަފޮތް އެމްއެންޔޫގެ ފޮތް މައުރަޒުން ގަންނަން ލިބޭނެއެވެ.
މި ފޮތަކީ ކިޔަވާ ކުދިންނަށް އެންމެ ފަސޭހައިން 3 ނޮވެމްބަރގެ ހާދިސާގެ މައުލޫމާތު ހޯދައިލެވޭނެ ފަދަ ކުރު ގޮތަކަށް އެ ހާދިސާގެ ގެނެސްދެއްވުމުގެ މައްޗަށް ފިކުރުކުރެއްވުމަށް ފަހު، ތަފާތު އުސްލޫބަކުން ލިޔުއްވާފައިވާ ފޮތެކެވެ. ޙުސްނާ މިސް ވިދާޅުވީ، ކިޔަވައިދެއްވުމުގައި ލިބިވަޑައިގަތް ތަޖުރިބާގެ އަލީގައި މި ފޮތް ލިޔުމުގައި ބޭނުންކުރެއްވި އުސްލޫބަކީ ކުދިން ގަޔާވާނެ އުސްލޫބެއްގެ ގޮތުގައި ތަޖުރިބާ ކުރެއްވިފައިވާކަމަށެވެ.

މި ފޮތް ލިޔުއްވުމަށް ޓަކައި ޙުސްނާ ފަހްމީ މައުލޫމާތު ހޯއްދަވާފައިވަނީ، ނޮވެމްބަރު 3 ޢުދުވާނީ ޙަމަލާ (1991) ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ފޮތާއި އަދި ނޮވެލްޓީ އަލްމަރްޙޫމް ޢަލީ ޙުސައިން ލިޔުއްވި "މިހާރު ދިވެހިން 3 ނޮވެމްބަރ 1988 ދަންނަނީ ކިހާވަރަކަށް؟" މި ފޮތްތަކުންނެވެ. އޭގެ އިތުރުން އެ ދުވަހު ލިޔުންތެރިޔާއަށް ތަޖުރިބާކުރެވުނު ބައެއް ކަންކަން ހިއްސާކުރައްވާފައިވެއެވެ. މި ފޮތުގައި އެ ދުވަހުގެ މަންޒަރުތައް ސިފަކޮށްދެއްވުމުގެ ގޮތުން އެ ހާދިސާގެ ކުލަ ފޮޓޯ ތަކާއި އޭގެ އިތުރުން، އެ ބިރުވެރި މަންޒަރު ސިފަކޮށްދެއްވުމަށް ޓަކައި ޚިޔާލީ ކުލަ ކުރެހުންތައް ހިމަނުއްވާފައި ވެއެވެ.
މި ފޮތަކީ މާމަދަރިންނަށް މާމައަކު 3 ނޮވެމްބަރގެ ހާދިސާ ކިޔައިދިނުމަށް ބޭނުންކުރެވުނު އުސްލޫބެއްގެ މައްޗަށް ވާހަކައިގެ ބޮޑުބައި ޑައިލޮގު އުސޫލުން ގެނެސްދެވިފައިވާ ފޮތެކެވެ. އެހެންކަމުން މި ފޮތަކީ ޓީޗަރުންނަށް ފަސޭހަކަމާއެކު ކުލާސްތެރޭގައި ކުދިން ޝައުޤުވެރިވާނެ ގޮތަށް ބޭނުން ހިފޭނެ ފޮތެކެވެ. އެއީ ދިވެހި ޤައުމިއްޔަތާގުޅޭ ތާރީޚު ފިލާވަޅެއްގެ ގޮތުން 3 ނޮވެމްބަރގެ ހާދިސާ ކިޔައިދެއްވާއިރު ކުދިން ބައިވެރިކޮށްގެން ޑުރާމާ (ރޯލްޕުލޭ) ފަދަ ތަމްސީލުތައް ކުލާސްތެރޭގައި ގެންދިއުމަށް މި ފޮތުގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެތީއެވެ. އެ ގޮތަށް ގެންދެވިއްޖެ ނަމަ، ކުދިން މާއްދާއާމެދު ޝައުޤުވެރިވުމާއެކު އެ ފިލާވަޅުގެ މަގުސަދު ހާސިލްވުން ފަސޭހަވެގެންދާނެކަމަށް ޙުސްނާ މިސް ފާހަގަކުރައްވައެވެ.

މި ފޮތުގައި 3 ނޮވެމްބަރ ގައި ހިނގައިދިޔަ މުހިންމު ކަންކަމާއި އެކަންކަން ހިނގައިދިޔަ ވަގުތުތަކާއި ކަންހިނގައި ދިޔަގޮތުގެ ތަފުސީލުތައް ކުރުކޮށް އެކަމަކު އެއްވެސް ބައެއް އުނިނުކޮށް ގެނެސްދެއްވާފައިވެއެވެ. ޖުމުލަކޮށް ދެންނެވޭނީ މި ފޮތަކީ 3 ނޮވެމްބަރ ހާދިސާގެ ޚުލާޞާއެއް ފެންނަގޮތަށް ކުރަހައިލާފައިވާ ތަސްވީރެއްކަމަށެވެ.
"އަރާކުރި ސީރީޒް" ގެ ނަމުގައި މިމވޭތުވެ ދިޔަ 7 އަހަރުތެރޭގައި އެކިއެކި އުމުރުފުރާތަކަށް އަމާޒުކުރައްވައިގެން 46 ފޮތެއް މުޖުތަމަޢަށް ޙުސްނާ މިސް ވަނީ ނެރެދެއްވާފައެވެ. އޭގެ ތެރޭގައި އަކުރުދަސްކުރާ ފޮތްތަކުން ފެށިގެން ފިލިތަކާއި ސުކުންތަކުގެ ފޮތްތަކާއި ދޭހައިގެ ފޮތްތަކާއި މަޖާ އަދި ޢިބްރަތްތެރި ވާހަކަތަކާއި މަސައްކަތު ފޮތުގެ (ވާކް ބުކްގެ) އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނެއެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުން ފޮތް ލިޔެ އެކުލަވައިލުމާއި، ޝާއިޢުކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު މިއަހަރު ޙުސްނާ މިސްއަށް ލިބިވަޑައިގެންފައިވެއެވެ. އަދި އިޖުތިމާޢީ ގޮތުން ބާރުވެރިކުރުމުގެ ރޮނގުން 2023 ވަނައަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައި ވާއިރު 2021 ވަނައަހަރު ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރުމުގެ އެވޯޑު ލިބިވަޑައިގެންފައިވެއެވެ.
advertisment
ހިޔާލު