ތ. ކިނބިދޫ ސްކޫލުގެ ކޮންމެ މުދައްރިސަކާއި ކޮންމެ މުވައްޒަފަކު ބޭނުން ކުރަން ކޮމްޕިއުޓަރު ސިސްޓަމެއް ހަމަޖައްސައިދީފިއެވެ. މިއީ މީގެ ދެ އަހަރު ކުރިން އެ ސްކޫލުން ފެށި ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

"ކޮންމެ މުދައްރިސަކަށް، ކޮންމެ މުވައްޒަފަކަށް ކޮމްޕިއުޓަރ ސިސްޓަމްއެއް ހޯދަން ދެކުނު ހުވަފެން މިއަދު މިވަނީ ހަޤީޤަތަކަށް ވެފައި. މިއަދު އަޅުގަނޑުމެން ކޮންމެ މުދައްރިސެއްގެ މޭޒުމަތީގައި މިހުރީ މުޅިން އަމިއްލަ އެންމެ ޒަމާނީ ކޮންޕިއުޓަރ ސިސްޓަމެއް. އެންމެ ހިތްހަމަ ޖެހުނު ކަމަކީ މިކަމުން މުދައްރިސުންގެ މަސައްކަތްތަކަށް އެތައް ފަސޭހަކަމަކާއި ހަލުވިކަމެއް ލިބި، މިކަމުގެ ފައިދާ ސީދާ ކިޔަވާކުދިންނަށް ލިބޭނެތީ" ކިނބިދޫ ސްކޫލުގެ ފޭސްބުކް ޕޭޖުގައި އެކަން ފާހަގަކޮށް ލިޔެފައިވެއެވެ.

އަމިއްލަ ލެޕުޓޮޕު ކޮންމެ ދުވަހަކު ދެކޮޅަށް އުފުލުމުގެ އުނދަގޫ ބުރަ މި ހިސާބުން ދެން ނިމުމަކަށް މި އައީ ކަމަށާއި މި ފޮނި ހުވަފެން ހަޤީޤަތަކަށް މިވީ އެތައް ބައެއްގެ ބުރަ މަސައްކަތާއި ދީލަތީ އެހީއާ ވެސް އެކުގައިކަން އެ ޕޭޖުގައި ލިޔެފައިވެއެވެ.

އައި 7ގެ ޑެސްޓޮޕް ކޮމްޕިއުޓަރު ސިސްޓަމެއް ކޮންމެ މުވައްޒަފަކަށް އެ ސްކޫލުން ހޯދައި ދިނީ ފަންޑްރެއިޒިންގެ ގޮތުގައި ހޯދާފައިވާ ފައިސާއާއި ސްޓާފު ފަންޑާއި އަދި ކޮންމެ ސްޓާފެއް ވަކިން ހަދިޔާކުރި ފައިސާއިންނެވެ.
ޕްރިންސިޕަލް އަޙްމަދު އަބްދުﷲ ދަރިވަރު ނޫހަށް މިރޭ ވިދާޅުވީ، ކޮމްޕިއުޓަރު ސިސްޓަމްތަކާއެކު ކޮންމެ މުވައްޒަފެއްގެ މަސައްކަތަށް ބޮޑު ލުޔެއް ލިބިގެން ހިނގެއްޖެ ކަމަށާއި އޭގެ ހެޔޮ އަސަރު މަސައްކަތުގެ މާހައުލުން ފެންނާނެ ކަމަށެވެ.

ކިނބިދޫ ސްކޫލުގައި މަސައްކަތް ކުރަމުންދާ 50 މުވައްޒަފުންގެ ތެރެއިން ސްޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރާ 5 މުވައްޒަފުން ފިޔަވައި އެހެން ހުރިހާ މުވައްޒަފުންނަށް ކޮމްޕިއުޓަރ ސިސްޓަމެއް މިހާރު ހަމަޖައްސާފައިވާ ކަމަށާއި ސަޕޯޓް ސްޓާފުން ބޭނުން ކުރަން ވެސް އެއް ސިސްޓަމް ބަހައްޓާފައިވާ ކަމަށް އަޙްމަދު ވިދާޅުވިއެވެ.
"ސަލާމް ފޯމް ހުށައެޅުން ފަދަ ކަންތަކަކީ ޑިޖިޓަލްކޮށް ކުރާ މަސައްކަތްތަކަށް ވާތީ އެމީހުންނަށް ވެސް އެކަން ކުރަން ބާރުއެޅުމުގެ ގޮތުން ސިސްޓަމެއް ބެހެއްޓީ" ޕްރިންސިޕަލް އަޙްމަދު ވިދާޅުވިއެވެ.
300 އެއްހާ ދަރިވަރުން ކިޔަވަމުންދާ ކިނބިދޫ ސްކޫލުގައި މިހާރު ކިޔަވަމުން ގެންދެއެވެ.


advertisment
ހިޔާލު