ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެގްޒަމިނޭޝަން ކޮންޓްރޯލަރުގެ މަޤާމަށް ނަހުޒާ ޝަރީފު މިއަދު އައްޔަން ކުރައްވައިފިއެވެ.
އެމްއެންޔޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މަޤާމުގެ ލިޔުން ނަހުޒާއާ ހަވާލުކޮށްދެއްވީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު، ޑރ. އައިޝަތު ޝެހެނާޒު އާދަމެވެ.
ތަޢުލީމީ ދާއިރާއާ ނަހުޒާ ގުޅިވަޑައިގެންނެވީ 1990 ވަނަ އަހަރު ތާޖުއްދީން ސްކޫލުންނެއެވެ. މިޑްލް ސްލޫލް ޓީޗަރުކަމާއި ސްޕަވައިޒަރެއްގެ ގޮތުގައި އެ ސްކޫލުގައި ނަހުޒާ މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން ކަލާފާނު ސްކޫލުގައި ލީޑިންގ ޓީޗަރެއްގެ ގޮތުން މަސައްކަތް ކުރެއްވުމަށްފަހު، ޑެޕިއުޓީ ޕްރިންސަޕަލް މަޤާމް އަދާކުރެއްވިއެވެ. އޭގެ ފަހުން އިމާދުއްދީން ސްކޫލުގައި ވެސް ޑެޕިއުޓީ ޕްރިންސިޕްކަމުގެ މަޤާމް އަދާކުރެއްވިއެވެ. އޭގެ ފަހުން މަސައްކަތް ކުރެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ކޮލިޓީ އެސުއަރެންސް ޑިޕާޓްމަންޓްގައެވެ. އެ ޑިޕާޓްމަންޓްގައި ސީނިއަރ އޮފިސަރ އަދި ސީނިއަރ ކޮލިޓީ އެސުއަރެންސް އޮފިސަރެއްގެ ގޮތުން މަސައްކަތް ކުރައްވާފައިވެއެވެ.
މަޤާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ނަހުޒާ ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީގެ ގޮތުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ދުނިޔެއެއްގައި، މި ހަގީގަތް އަޅިގަނޑުމެންގެ އިމްތިޙާނު އެގްޒާމަށް ވެސް ރިފްލެކްޓިވް ވާން ޖެހޭ ކަމަށެވެ. އިމްތިޙާނުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކުރެވޭނެ ކަންތައްތައް އެކަށައެޅުމަށް މަސައްކަތް ކުރާއިރު ހާމާކަން ބޮޑުކަމާއި އިންސާފުވެރިކަމާއެކު ކަންކަން ކުރުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އިމްތިޙާނު ކުރިއަށް ގެންދާ ޕްރޮސަސްގެ މައްޗަށް އިތުބާރު ބިނާކުރުމަކީ އަޅުގަނޑުމެންގެ އެއް އުޞޫލު ކަމަށާއި ކޮންމެ ދަރިވަރަކަށް ވެސް ޤާބިލުކަމާއި ހުނަރުވެރިކަން ދައްކުވައިދިނުމުގެ ހަމަހަމަ ފުރުޞަތު ލިބިދީފައިވާކަން ކަށަވަރު ކުރުމަށް ގަދައަޅައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ނަހުޒާ ވަނީ ދެއްވާފައެވެ.
ދަރިވަރުންގެ ކަންތައްތައް ރަނގަޅު ކުރުމަށް ސްޓާފުންގެ ކެޕޭސިޓިއާ އޮޕަރޭޝަނަލް ރެސިލިއަންސް ބިނާކުރުމަށް އަހައްމިއްޔަތުކަންދޭނެ ކަމަށާއި މުވައްޒަފުންގެ ތަމްރީނާއި ހުނަރު އިތުރުކުރުމާއި އެކި ދާއިރާ ތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރަމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނަހުޒާ ވިދާޅުވިއެވެ.
މުއައްސަސާގެ ތަޖުރިބާއާއި ހިންގުމުގެ ހަރުދަނާކޮށް ވަކިވަކި މައުލޫމާތުގެ ވަޞީލަތްތަކަށް ބަރޯސާވުން މަދުކޮށް ކުރިމަގުގައި ދިމާވެދާނެ ބަދަލުތަކަށް ތައްޔާރުވުމަށް ވެސް ނަހުޒާގެ ވާހަކައިގައި އިޝާރާތް ކުރެއްވިއެވެ.
ޕޮލިސީ އެންޑް ކޮލިޓީ ކޮންޓްރޯލް ޔުނިޓާއި ފެކަލްޓީތަކާއި ސެންޓަރުތަކާއި ސްލޫލްތައް ގުޅިގެން އިމްތިޙާނުގެ އުޞޫލުތައް ހާމަކަންބޮޑުކޮށް އޮޑިޓް ކުރެވޭނެ ފަދަ ގޮތް ހެދުމަށް މެދުނުކެނޑި މަސައްކަތްކުރައްވާނެ ކަމަށް ވެސް ނަހުޒާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އެތެރޭގެ މިންގަނޑުތަކެއް ޙާޞިލްކުރުމެއް ނޫން. ޤައުމިއަދި ބައިނަލްއަގުވާމީ އިދާރާތަކުގެ މިންގަނޑުތަކާ ދުނިޔޭގެ ފެންވަރުގެ ބެންޗްމާކްތައް ފުރިހަމަކޮށް ތައުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ މަޤާމެއް ހޯދައިދިނުން" ނަހުޒާ ވިދާޅުވިއެވެ.
ހިޔާލު