ތިން ދަރިވަރުން މެލޭޝިއާގައި މި ސްކޮލަރޝިޕްގެ ދަށުން މި އަހަރު ކިޔަވާނެ
ކ. މާފުށީ ކައުންސިލް ސްކޮލަރޝިޕް ޕްރޮގްރާމަށް ބަދަލު ގެނެސް ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުން ކިޔެވޭނެ ގޮތް ހަދައިފިއެވެ. މި ބަދަލާއެކު މި އަހަރު ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނަށް އިއްޔެ ވަނީ ލިޔުން ހަވާލުކޮށްފައެވެ.

މާފުށީ ކައުންސިލުގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން ދެނީ ފަސް ފުރުޞަތެވެ. އޭގެތެރެއިން ތިން ފުރުޞަތު ދެނީ އެ ރަށު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ރާއްޖެއާއި ރާޢްޖެއިން ބޭރުން މަތީ ތައުލީމު ޙާޞިލް ކުރުމަށެވެ. ދެން އޮތް ދެ ފުރުޞަތު ދެނީ މާފުށީ ސްކޫލުން ސާނަވީ ނިންމާ ދަރިވަރުންގެ ތެރެއިން ނެޝަނަލް ޓޮޕްޓެންގެ އެންމެ މޮޅު ދެ ދަރިވަރުންނަށެވެ.
މާފުށީ ކައުންސިލު ސްކޮލަރޝިޕް ޕްރޮގްރާމް ފެށީ 2024 ވަނަ އަހަރުއެވެ. އޭރު ސްކޮލަރޝިޕް ކުރިއަށް ގެންދިޔައީ ވިލާ ކޮލެޖާ ގުޅިގެން އެ ކޮލެޖްގައި ޑިގްރީއަށް ކިޔެވުން ކުރިއަށް ގެންދާ ގޮތަށެވެ. 2024 ވަނަ އަހަރު ސްކޮލަރޝިޕް ލިބުނު ތިން ދަރިވަރުން މިހާރު ވެސް އެ ކޮލެޖްގައި ޑިގްރީ ޕްރޮގްރާމް ކުރިއަށް އެބަ ގެންދެއެވެ. އެއީ، އާމިނަތު އަނާ އަބްދުލް އަޒީޒާއި އައިޝަތު ނަބާ ފުއާދާއި މިރާޙް އިބްރާހިމް ޒުހޫރެވެ.
މާފުށީ ސްކޫލުން އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން މިދިޔަ އަހަރު ސްކޮލަރޝިޕް ލިބުނީ، މުޙައްމަދު ނަހުޒާން އާއި އަޙްމަދާއި އިސްމާއިލް ވިއާމް އިބްރާހިމެވެ. މީގެ ތެރެއިން ނަހުޒާން ކިޔަވަން ތައްޔާރު ވަމުންދަނީ މެލޭޝިއާއަށް ކިޔަވަން ދާށެވެ. ވިއާމް ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ފަށާނީ އޭލެވެލް ނިންމާފައެވެ.

ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން މާފުށީ ޒުވާނުންނަށް މި އަހަރު ހުޅުވާލި ފުރުޞަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވީ ދެ ފަރާތެކެވެ. އެއީ ޒަހާ ވަހީދާއި ފާޠިމަތު ރިޝާ އަޙްމަދެވެ. ތިން ވަނަ ފަރާތެއް ހޮވުމަށް އަލުން އިއުލާން ކުރަން މާފުށީ ކައުންސިލުން ވަނީ ނިންމާފައެވެ.
މާފުށީ ސްކޫލް ނިންމާ ދަރިވަރުންނަށް ދޭ ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންގެ ނަންތައް އިއުލާން ކުރާނީ އެ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައެވެ.
މާފުށީ ކައުންސިލުން ސްކޮލަރޝިޕް ދެނީ، އެ ރަށު ޒުވާނުންގެ މެދުގައި މަތީ ތަޢުލީމަށް ޝައުޤުވެރިކަން އިތުރުކޮށް، ތަޢުލީމީ ގޮތުން ކުރިއަރާފައިވާ ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައެވެ.
ރާއްޖެއިން ބޭރުން ޑިގްރީއަށް ކިޔަވާ ކޮންމެ ދަރިވަރަކަށް ކޯހަށް ހިނގާނެ ޚަރަދުގެ ގޮތުގައި ދެނީ ޖުމްލަ 300،000 ރުފިޔާއެވެ. އަދި ސްޓައިޕެންޑްގެ ގޮތުގައި މަހަކު 3000 ރުފިޔާ ދެއެވެ.


advertisment
ހިޔާލު