ކުރިއަށް ދާން ބޭނުންވާނަމަ ނުރަނގަޅު އާދަތަކާއި ޚިޔާލާއި ފިކުރު ދޫކޮށްލަން ޖެހޭ

ކުރިއަށް ދާން ބޭނުންވާނަމަ ނުރަގަނޅު އާދަތަކާއި ޚިޔާލާއި ފިކުރު ދޫކޮށްލަން ޖެހޭ ކަމަށް ކަލާފާނު ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވެއްޖެއެވެ.

ދޫނިތަކުގެ ތެރޭގައި ހިމެނޭ ބާޒުން މިސާލު ނަންގަވައި ރޭ ބޭއްވި އެ ސްކޫލުގެ ފާއިތުވި އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި ޕްރިންސިޕަލް ނާޒް ވިދާޅުވީ، ބަދަލަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމުގައި ގިނަ ފަހަރު، ވޭނާއި އުނދަގުލާއި ބިރުވެރިކަމާއި ދަތިކަން ވެސް ހިމެނޭ ކަމަށެވެ.

ކަލާފާނުގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނެވެރިން ބައިވެރިވި ހަފްލާގައި ނާޒް ވިދާޅުވި ގޮތުގައި، ބާޒުގެ ކިބައިން ވަރަށް ގިނަ ކަންކަން ދަސްކުރެވިދާނެއެވެ. ބާޒުގެ އުމުރުން ގާތްގަޑަކަށް 40 އަހަރުވުމުން އޭގެ ނިޔަފަތިތައް ނުވަތަ އޭގެ ތޫނު ވަކިތައް ހަލާކުވެ ކާނާ ހޯދަން ދަތިވެއެވެ. ވަރަށް ބޮޑަށް ބުރަހެލިވެ އޭގެ ކުރީގެ ހަލުވިކަމާއެކު ދުރަށް ދަތުރުކުރުމަށް ތަކުލީފުތަކެއް އުފުލަން ޖެހެއެވެ. މި ހިސާބުން އެ ދޫންޏަށް ދެ ގޮތެއް އޮންނަ ކަމަށާއި އެއީ ބަލިކަށިވެ ނާއުއްމީދު ކަމާއެކު މަރުވާން ދޫކޮށްލައިގެން ހުރުން ނުވަތަ ވޭންދެނިވި އާ ބަދަލުވުމެއްގެ މަރުހަލާއަކަށް ދިއުންކަން ނާޒްލީން ފާހަގަކުރެއްވިއެވެ.

އެ މަރުހަލާގައި 150 އެއްހާ ދުވަސް ބާޒު ހޭދަކުރަން ޖެހެއެވެ. މި މަރުހަލާގައި ބާޒު ފަރުބަދަތަކުގެ މައްޗަށް ގޮސް އޭގެ ތުންގަނޑު ފަރުބަދައިގެ ތޫޏު ހިލަތަކުގައި ޖަހާ  ތުންގަނޑު ހަލާކުކޮށްލާ ކަމަށާއި އޭގެ ފަހުން އެ ދޫނީގެ ނިޔަފަތި ވެސް އެކީ ނައްޓާލާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި މުއްދަތުގައި ބަލިކަށިވެ، ފިޔަތައް ފައިބައި ގައިން ލޭ ކޮށި، ވޭންދެނިވި ދުވަސްތަކެއް ތަހައްމަލު ކުރޭ" ބާޒުގެ ބަދަލުވަމުން އަންނަ އެ އުނދަގޫ މަރުހަލާ ނާޒް ވިދާޅުވެދެއްވިއެވެ.

ނާޒްލީ ވިދާޅުވި ގޮތުގައި، އެ އުނދަގޫ މަރުހަލާގައި ފަސް މަހެއްހާ ދުވަހު  ބާޒު ހޭދަކުރުމަށްފަހު އައު ނިޔަފަތިތަކާއި އާ ތުންގަނޑެއް އުފެދި، އަލުން އުދުހެންފަށައެވެ.

" މާބާރުގަދަ ރީތި ފިޔަތަކާ އެކު ބާޒު މުޅިން އާ ދޫންޏަކަށް ބަދަލުވެގެން ދޭ. އޭގެ ފަހުން އިތުރު 30 ހަކަށް އަހަރު ދިރިއުޅޭ ކަމަށް ވޭ" ނާޒްލީން ވިދާޅުވިއެވެ.

ބާޒުން މިސާލު ނަންގަވައި ނާޒުލީން ވިދާޅުވީ، ބަދަލަކީ ފަސޭހައެއްޗެއް ނޫން ކަމަށެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގައި އާ ފުރުޞަތު ތަކަށް ޖާގަ ދިނުމަށްޓަކައި ކުރީގެ ގޮތްތައް ދޫކޮށް ވިސްނުން ބަދަލުކޮށްލުން އެއީ ބުއްދިވެރިގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"އޭރުން ކުރިން ދުވަހަކުވެސް ނުދެވުނު ހިސާބަށް ކުރިއަށް ދިއުމަށް މަގުފަހިވެގެން ދާނެ ކަމަށް އުއްމީދު ކުރެވޭ" ކަލާފާނު ސްކޫލުގެ ޕްރިންސިޕަލްކަމާ ދާދި ފަހުން ހަވާލުވެ ވަޑައިގެންނެވި ނާޒްލީން ވިދާޅުވިއެވެ.

ފާއިތުވި ދިރާސީ އަހަރު ކަލާފާނު ސްކޫލުން ވަނީ، އެ ސްކޫލުން ފާސްވި ދަރިވަރުން 80 އިންސައްތައިގައި ހިފަހައްޓާފައެއެވެ. އަދި ގްރޭޑް ދިހައެއް ނިންމައި، ސާނަވީ އިމްތިހާނުތައް ހެދި 83 ދަރިވަރުންގެ ތެރެއިން 5 މާއްދާއިން ފާސްވި ދަރިވަރުންގެ އިންސައްތަ 70 ށް އިންސައްތަ އަށް އަރާފައިވެއެވެ. މި ދަރިވަރުންގެ ތެރެއިން 29 ދަރިވަރަކު ޤައުމީ ފެންވަރުގެ އެންމެ މޮޅު 10 ދަރިވަރިންގެ ތެރޭގައި ހިމެނިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *