ތިން މަސް ދުވަހުގެ ޚަޠީބު ކަމުގެ ކޯސް ނިންމާ ކައުންސިލަރުންނަށް ޚުޠުބާ ކިއުމުގެ ހުއްދަ ދެނީ

ތިން މަސް ދުވަހުގެ ޚަޠީބު ކަމުގެ ކޯސް ނިންމާ ކައުންސިލަރުންނަށް ޚުޠުބާ ކިއުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއީ އަތޮޅުތަކުގައި ޚުޠުބާ ކިއުމަށް ހުރި ދަތިތައް ފުޅާ ދާއިރާއެއްގައި ޙައްލުކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކައުންސިލަރުންނަށް ޚުޠުބާ ކިއުމުގެ ހުއްދަ ދިނުމަށް، ކައުންސިލަރުންގެ ތެރޭގައި މިކަމަށް ޝައުޤުހުރި ފަރާތްތަކަށް، ޚަޠީބުކަމުގެ 3 މަސް ދުވަހުގެ ކޯހެއް، ޤުރުއާން މަރުކަޒު މެދުވެރިކޮށް ގެންދަންވަނީ ނިންމާފައި ކަމަށާއި މީގެ ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ.

މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވި ގޮތުގައި، މި ކޯހުގައި ޚަޠީބު ކަމަށް ބޭނުންވާ ފިޤުހު، ޤުރުއާން، ޢަޤީދާ ހަދީސް ކިޔަވައިދޭނެ ކަމަށާއި ޤުރުއާން ފިޔަވައި އެހެން މާއްދާތައް އޮންލައިންކޮށް ގެންދާނެއެވެ. ޤުރުއާން ކިޔަވައިދޭނީ ކައުންސިލަރުން މާލެ އައިސްގެން، ނުވަތަ އަތޮޅުތަކުގައި ޤުރުއާން މަރުކަޒުގެ ގޮފިތައް މެދުވެރިކޮށެވެ.

ކައުންސިލަރުންނަށް ޚާއްޞަ  މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ފުންނާބު އުސް އިލްމުވެރިން ކަމަށާއި އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހު މި ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލާނެ ކަމަށް ވެސް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވިއެވެ.

އަތޮޅުތަކުގައި ޚުޠުބާ ކިއުމަށް ހުރި ދަތިތައް ހައްލު ކުރުމުގެ ބޭނުމުގައި އިސްލާމިކް މިނިސްޓްރީން އަންނަނީ ޒުވާން ޚަޠީބުން ވެސް ތަމްރީނު ކުރަމުންނެވެ. މިހާތަނަށް 250 ދަރިވަރުން ތަމްރީނުކޮށްފައިވާއިރު، އިތުރު ދަރިވަރުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *