ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އިއްޔެ ނެރުނު ތަފާސް ހިސާބުގައި ސްކޫލަށް ހާޒިރު ނުވާ އުމުރުގެ ތަފާސް ހިސާބުތައް އެކުލަވާލާފައިވާގޮތް ގޯސް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ފޭސްބުކުޕޭޖުގައި އެމަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި، ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ 9،000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިކަމަށްބުނެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގެ ތަފާސް ހިސާބަށް ރިޔާއަތް ކޮށް ދުވަހު ނޫސް "މިހާރު"ން ގެނެސްދީފައިވާ ޚަބަރަކީ ރަނގަޅު ތަފާސް ހިސާބުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚަބަރެއް ނޫން ކަމަށެވެ.
އަދި ޚަބަރުގައި ހަވާލާ ދީފައިވާ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްކްސްގެ ތަފާސް ހިސާބުތައް އެކުލަވާލާފައިވާގޮތް ވެސް ގޯސް ކަމަށް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.
" 2022ވަނަ އަހަރު 9000 ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަމަށް ދޭހަވާގޮތަކަށް ތަފާސް ހިސާބު އެކުލަވާލިއިރު މި އަދަދުގެ ތެރޭގައި އުމުރުން 2 އަހަރާއި 3އަހަރުގެ ކުދިން ހިމަނާފައިވެއެވެ. މިއީ ތައުލީމުގެ ގާނޫނުން ރަސްމީ ތައުލީމު ހާސިލްކުރުމަށް ސްކޫލަށް ދާންޖެހޭ އުމުރުފުރާގެ ކުދިންނެއް ނޫނެވެ. ވީމާ، ރަސްމީ ތައުލީމު އުނގެނުން މަޖުބޫރު ނޫން އެތައް ހާސް ތުއްތު ކުދިން ހިމަނައިގެން، ނުވަވަރަކަށް ހާސް ދަރިވަރުން ސްކޫލަށް ނުދާކަމަށް ދޭހަވާ ގޮތަކަށް ތަފާސްހިސާބު ނެރުމަކީ ގޯހެކެވެ." މިނިސްޓަރު ލިޔުއްވާފައިވެއެވެ.
ޑރ. އިސްމާއިލް ލިޔުއްވާފައިވާ ގޮތުގައި، ކުރިން ނޭޝަނަލް ބިއުރޯ އޮފް ސެޓެޓިސްޓިކްސް އިން ނެރެފައިވާ ރިޕޯޓެއްގައިވަނީ، 2022ވަނަ އަހަރު ގަވާއިދުން ސްކޫލަށް ނުދާކަމަށް ފާހަގަ ކުރެވިފައިވަނީ 229 ކުދިން ކަމަށެވެ. އެއީ މާލެއިން 85 އަދި އަތޮޅޫތެރޭގެ އެކި ރައްތަކުން 144 ކުދިން ކަމަށެވެ.
"އަޅުގަނޑު އެޑިޔުކޭޝަން މިނިސްޓަރުކަމާ ހަވާލުވެ އެންމެ ގިނަ މަސައްކަތްކުރަމުން މިދާ އެއްކަމަކީ ގްރޭޑް 10 ނިންމުމަށްފަހު ދަރިވަރުން މަތީސާނަވީގައި ބައިވަރިކުރެވޭ މިންވަރު މަތިކުރުމަށް ވާންޖެހޭ ތައްޔާރީތައްވުމެވެ. މިގޮތުން މިދިއަ އަހަރު ގްރޭޑް 10 ނިންމާ ދަރިވަރުން މަތީސާނަވީ މަރުހަލާގައި އިތުރު ކުރުމަށް 23 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމެއް ފެށުނެވެ. އެޕްރޮގްރާމުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް މި އަހަރު އެ ޕްރޮގްރާމް ރަސްމީކޮށް އޭލެވެލް ކިޔަވައިދޭ ހުރިހައި ސްކޫލެއްގައި ތަންފީޒު ކުރެވިގެން ދާނެއެވެ. ﷲގެ ވާގިފުޅާއެކު، ޒަމާނުއްސުރު މަތީސާނަވީ މަރުހަލާއިން ދަރިވަރުން ބާކީކޮށް މަގުމަތިކުރަމުން އައި ސަގާފަތް ނައްތާލާނަމެވެ" ޑރ. އިސްމާއިލް ވިދާޅުވެފައިވެއެވެ.


advertisment
ހިޔާލު