ކުޑަކުދިންގެ ދުވަހު، ކުޑަކުޑަ ވިޔަފާރިވެރިންގެ މުއްސަނދި ޚިޔާލުތަކުން އުފަންވި އުފެއްދުންތައް

"ޔަންގް އެންޓަޕްރެނާ ފެއާ" ގެ ސްޓޯލެއް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައްލަވާލައްވަނީ- ފޮޓޯ: މާލޭ ސިޓީކައުންސިލް

ކުޑަކުދިންގެ ދުވަސް އިއްޔެ މުޅި ރާއްޖޭގައި ފާހަގަކުރަމުން ދިޔައިރު، އާޓިފިޝަލް ބީޗަށް ދިޔަ އެންމެންނަށް ފެނުނީ ކުޑަކުޑަ ވިޔަފާރިވެރިންތަކެއްގެ މުއްސަނދި ޚިޔާލުތަކުން އުފަންވި ތަފާތު ފަންނުވެރި އުފެއްދުންތަކެވެ. އާޓްފިޝަން ބީޗްގައި އިއްޔެ އޮތީ 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން "ޔަންގް އެންޓަޕްރެނާ ފެއާ" ގެ ނަމުގައި ބޭއްވި މާކެޓް ފެއާއެކެވެ.

މި ފެއަރ ހުޅުވައިދިނީ ވެސް ވިޔަފާރީގެ ދާއިރާގައި މިހާރުވެސް ހުނަރު ދައްކަމުން އަންނަ 17 އަހަރުގެ ޝަޒްވް ޝަބާޢުއެވެ.

މި ފެއާގައި ކުދިން ވިއްކީ އެކުދިންގެ އަމިއްލަ ހިޔާލުގެ މައްޗަށް އެކުދިން އަމިއްލަ އަށް އުފެއްދި ތަކެއްޗެވެ. މި ފެއަރއިން ކުދިންނަށް ދަސްކޮށްދިނީ، ވިޔަފާރިއާއި އަމިއްލަ އުފެއްދުންތެރިކަމަށް ކުދިންގެ ހިތުގައި ޝައުގު އުފައްދައި، މާލީ މުއާމަލާތްކުރާނެ ގޮތުގެ ހުނަރު އެކުދިންގެ މެދުގައި ކުރިއެރުވުމާއި، ކުދިންނަށް، އެކުދިންގެ އަމިއްލަ ހިޔާލާއި ވިސްނުން ކުރިއަށް ނެރެ ޕްރޮމޯޓްކުރުމުގެ މުހިއްމުކަމެވެ.

މި ފެއަރގައި 24 ސްޓޯލެއް ހަދާފައިވާއިރު، އެ ސްޓޯލްތަކުން ވިއްކި އުފެއްދުންތަކަކީ އަމިއްލައަށް ވަކިވަކި ކުދިން އުފެއްދި ތަކެއްޗާއި ގުރޫޕްގެ ގޮތުގައި ކުދިން އުފެއްދި ތަކެއްޗެވެ. އާންމުންގެ ބޮޑު ތަރުހީބެއް މި ތަކެއްޗަށް ލިބިގެންދިޔައިރު، ޒުވާން ހުނަރުވެރި ކުޑަކުޑަ ވިޔަފާރިވެރިންގެ ގޮތުގައި ފެނިގެން ދިޔައީ، އަމިއްލަ އަށް ބޭކް ކޮށްގެން ތަކެތި އުފައްދާ ކުދިންނާއި، އެޕް ޕިޗް ކުރާ ކުދިންނާއި، އަމިއްލަ ގަހަނާ އުފައްދާ ކުދިންނާއި، ތަފާތު އަތްތެރި މަސައްކަތް ކުރާ ކުދިންނާއި އާޓިސްޓް މަސައްކަތާއި ކަލިނަރީ ހުނަރު ދައްކާ ކުދިންނެވެ. އަދި ވާހަކަ ފޮތް އަމިއްލައަށް ނެރޭ ކުދިން ވެސް ފެނިގެންދިޔައެވެ.

މި ފެއަރގެ އެންމެ ސަޅި ތަންކޮޅަކީ، ފެއާ ކުރިއަށްދިޔަ ވަގުތު ސްޓޯލްގައި ހިނގާ ހުރިހާ ކަމެއްގައި ވެސް ހުރިހާ ޒިންމާއެއް އެ ކުދިން އަމިއްލަ އަށް ނެގުމެވެ. ތަން ޒީނަތްތެރިކުރުމާއި އުފެއްދުންތައް ވިއްކުމުގައި ވެސް އުޅުނީ އެ ކުދިންނެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނީ، ފެއާގައި ތަމްސީލުކުރާނެ ހިޔާލު އުފެއްދުމާހަމައިން ފެށިގެން ގޮސް، ސްޓޯލްގައި އެ ހިޔާލު ޕްރޮޑަކްޓެއްގެ ގޮތުގައި މާކެޓްކޮށް ވިއްކީ ވެސް އެ ކުދިން އަމިއްލައަށް ކަމަށެވެ.

"އެ ކުއްޖެއްގެ ޕްރޮޑަކްޓް މާކެޓް ކުރުމުން ފެށިގެން ގޮސް ވިއްކުމުގެ ހުރިހާ ކަމެއް ވެސް ކުރީ އެ ކުދިން. ބެލެނިވެރިން ތިއްބެވީ ކުދިންގެ ހުނަރު ބައްލަވަން" އެ އޮފީހުގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ފެއަރގައި ބައިވެރިވާން އެދުނު ހުރިހާ ކުދިންނަށް ފުރުޞަތު ނުދެވުނީ ޖާގައިގެ ދަތިކަން ހުރުމުން ކަމަށާއި ހުޅުވާލީ ވެސް އެންމެ 12 ޖާގައަށް ކަމަށެވެ. އެހެން ނަމަވެސް މުއްދަތު ހަމަވި އިރު ލިބުނު 24 އެޕްލިކޭޝަން ހުށައެޅި ކުދިންނަށް ފުރުޞަތު ދޭން އެ އޮފީހުން ނިންމީއެވެ.

އޭނާ ވިދާޅުވީ، ފެއަރއަށް ބެލެނިވެރިންނާއި ކުދިންގެ ފަރާތުން ވަރަށް ރަނގަޅު ކޮމެންޓް ލިބިފައިވާ ކަމަށާއި އުއްމީދުކުރިވަރަށްވުރެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެހެންވެ ކުރިއަށް އަހަރުގައި ވެސް މި ފެއަރ ކުރިއަށް ގެންދާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *