ދަސްވެނީން މަސައްކަތް ކުރަންވީ، ދަސްވި ހުނަރާއި ޢިލްމް ތަރައްޤީކޮށް، ޢިލްމީ ދިރާސާތައް ހަދައި ޢިލްމް އުފައްދައި ފަތުރަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދަސްވެނިވި ދަސްވެނީން މަސައްކަތް ކުރަންވީ، ދަސްވި ހުނަރާއި އިލްމް ތަރައްޤީކޮށް، ޢިލްމީ ދިރާސާތައް ހަދައި ޢިލްމް އުފައްދައި ފަތުރަން މަސައްކަތް ކުރަން ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒު އާދަމް ވިދާޅުވެއްޖެއެވެ.

ވައިސްޗާންސެލަރު، ޑރ. ޝެހެނާޒު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ދިވެހިންގެ ފަޚުރެއް ކަމަށާއި އެއީ ދިވެހި ޤައުމިއްޔަތުގެ ފުދުންތެރިކަމުގެ ރަމްޒެއް ކަމަށެވެ. އަދި އެއީ ދިވެހިރާއްޖޭގެ މުސްތަޤްބަލް ބައްޓަން ކުރުމުގެ މުހިންމު ދަންމަރެއްގެ އިތުރުން ރާއްޖޭގެ ފަސްމަގާއި ކުރިމަގު ގުޅުވައިދޭ ބުރިޖެއް ކަމަށެވެ.

ޑރ. ޝެހެނާޒު ވިދާޅުވީ، ވުމާއެކު ދިވެހި ޖަޒީރާތަކުގެ އަހުލުވެރިންގެ އުއްމީދުތަކުގައި ކުލަޖައްސައި ކުރިމަގުގެ ޖީލުތަކަށް މި ލޮބުވެތި ވަޠަން އަމާނާތްތެރިކަމާއެކު ފޯރުކޮށްދީ، ފާގަތި ތަނަކަށް ހެދުމަށް ބޭނުންވާ އިލްމާ ހުނަރު އުފައްދައި އަށަގެންނެވުމަކީ އެ ޔުނިވަރސިޓީގެ އަމާޒު ކަމަށެވެ. އެ އަމާޒަށް ވާޞިލްވުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު މަތިކޮށް ތަފާތު އެކި ދަރަޖަތަކުގެ ކޯސްތައް އެކި މާއްދާތަކުން ތަޢާރަފުކޮށް މި ޔުނިވަރސިޓީގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ޢިލްމް ހޯދައި ފެތުރުމުގެ ފުރުޞަތުތައް ތަނަވަސް ކުރުމަކީ އެންމެ މުހިންމު އެއް މަޤްޞަދު ކަމަށެވެ.

"ޢިލްމީ ދިރާސާތައް ކުރުން އިތުރުކޮށް ޢިލްމް އުފައްދައި މި ޔުނިވަރސިޓީން ނުކުންނަ ދަސްވެނީންނަކީ ޤައުމު ބިނާކުރުމުގައި ޤާބިލްކަމާއެކު ބައިވެރިވުމަށް ބޭނުންވާ މައުލޫމާތާއި ސިފަތަކާއި ހުނަރުތައް ލިބިފައިވާ ބައެއްކަން ކަށަވަރު ވެގެން ދިއުމަކީ އަޅުގަނޑުމެންނަން ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" ޑރ. ޝެހެނާޒު ދަސްވެނީންނަށް ވިދާޅުވިއެވެ.

"ތިޔަ ހުރިހާ ދަރިވަރުން މިވަނީ ތައުލީމީ ހަރުފަތެއް ގިރާކޮށް އާ އަޒުމަކާއި އާ ހިތްވަރަކާއެކު ވަޒީފާއަށް ނުކުންނަން ނުވަތަ އިތުރަށް މައްޗަށް ކިޔަވަން ތައްޔާރުވެފައި. އަޅުގަނޑުގެ އިސް އިލްތިމާސަކީ ދަސްވި ހުނަރާއި އިލްމް ތަރައްޤީކޮށް ޢިލްމީ ދިރާސާތައް ހަދައި ޢިލްމް އުފައްދައި ފަތުރަން މަސައްކަތް ކުރުން. އަދި ޤައުމީ ރޫޙް ކުރިއަށް ނެރެ ދަސްވި ހުނަރު ބޭނުންކޮށްގެން އަނެއްކުންނަށް އަޅާލައި އެހީތެރިވެ ދުޅަހެޔޮ އުފާވެރި މުޖްތަމައެއް ބިނާކުރުމަށްޓަކައި މަސައްކަތްކުރުން"

ޑރ. ޝެހެނާޒު ވިދާޅުވީ، އަބަދުވެސް ހަނދާން ކުރަންވީ ދިރިއުޅުމުގެ ދަތުރުގައި އަޅުގަނޑުމެންގެ ބާރާއި ކެތްތެރިކަމާ އަޒުމް އިމްތިޙާން ކުރާ ގޮންޖެހުންތަކާ ކުރިމަތިވާނެކަމެވެ. އެ ފަދަ ގޮންޖެހުންތަކާ ކުރިމަތިވާއިރު މާޔޫސްވެ ހިތްވަރު އެލޭގޮތް ވުމަކީ ޠަބީއީ ކަމެއް ނަމަވެސް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާއިރު މާޔޫސްވެ ހިތްވަރު އެލުވައިލައިފިނަމަ އެ ގޮންޖެހުންތަކުން އަރައިގަންނަން އުނދަގޫވެ ދަތިވާނެ ކަމަށެވެ.

"އެއާ ޚިލާފަށް އަބަދުވެސް ވިސްނަންވީ ގޮންޖެހުންތަކުން އަރައިގަންނަން ތިމާއަށް ކުރެވޭނީ ކޮންމަސައްކަތެއްތޯ، އެ ގޮންޖެހުންތަކުގެ ތަޖުރިބާގެ ފިލާވަޅުން ގޮންޖެހުންތައް ކާމިޔާބީއަކަށް ބަދަލުކުރެވޭނީ ކިހިނެއްތޯ. އެހެނީ ޕޮޒިޓިވްކޮށް ވިސްނުން އަޅުގަނޑުމެންނަށް އާ ހިތްވަރަކަށްވާއިރު ނެގެޓިވްކޮށް ވިސްނުމުން އަޅުގަނޑުމެން މާޔޫސްކުރުވުވާ ހިތްވަރުއެލިގެންދޭ"

މަޝްހޫރު ސައިންސިސްޓް އަލްބަޓް އެއިންސްޓެއިން ވިދާޅުވެފައިވާ ފަދައިން، ކޮންމެ ދަތިކަމެއްގެ މެދުގައި ފުރުޞަތެއް އޮންނަ ކަމަށާއި ދަތިކަމެއް ކުރިމަތިވާ ހިނދު އެކަމުން މާޔޫސްނުވެ ކުރިއަށް ދިއުމުގެ ޝަޢުޤުވެރިކަން އުފެދުން މުހިންމުކަން ދަސްވެނީންނަށް އޭނާ ހަނދާންކޮށް ދެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *