ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މުބާރާތްތަކުގެ ނަތީޖާފާޅުކޮށްފި

މި އަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ޓަކައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ބޭއްވި މުބާރާތްތަކުގެ ނަތީޖާފާޅުކޮށްފިއެވެ.

އިއްޔެ ހަވީރު ގައުމީ ޔުނިވަރސިޓީގެ މައި ކެންޕަހުގައި ބޭއްވި ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ދިވެހިބަހުގެ ދުވަހު ބޭއްވި މުބާރާތްތަކުން 1ވަނަ ހާސިލުކުރި ދަރިވަރުންނަށް އިނާމު ބައްސަވައިދެއްވީ ވެސް މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމެވެ.

280ށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި މުބާރާތްތަކުގެ ތެރެއިން ތާނަ ޓައިޕުކުރުމުގެ މުބާރާތުން 1ވަނަ ހޯދީ އަޙްމަދު ޔޫނުސް ޝަރީފެވެ. ބަސްތޫރަ މުބާރާތުން 1ވަނަ އައިމިނަތު ޙިޝްމާ އަޙްމަދު ހޯދި އިރު، އަތުލިޔުމުގެ މުބާރާތުން 1ވަނަ ހޯދީ ޒިދުނާ މުހައްމަދެވެ. ސިޓީ ލިޔުމުގެ މުބާރާތުން 1ވަނަ އާއިޝަތު ނަޞްރާ ހޯދި އިރު، ވާހަކަދެއްކުމުގެ މުބާރާތުން 1ވަނަ ހޯދީ އުސްވާ ޢަލީއެވެ. ހުނަރު ހުށަހެޅުމުގެ މުބާރާތުން ބެޗެލަރ އޮފް ނާރސިންގ (އޮޕްޝަން އޭ)، 7 ވަނަ ސެމިސްޓަރގެ ދަރިވަރުންގެ ކުލާސް 1ވަނަ ހޯދި އިރު ފާރު ނޫސް މުބާރާތުން 1ވަނަ ހޯދީ ބެޗެލަރ އޮފް މެޑިކަލް ލެބޯޓަރީ ސައިންސް (ގްރޫޕް އޭ)ގެ ދަރިވަރުންގެ ކުލާހެވެ. ބޯކިބާ މުބާރާތުން ދެބައި އެއްކޮށް އެއްވަނަ ހޯދީ ބީއެސްޑަބްލިއު، ސެމް 2ގެ ދަރިވަރުންގެ ކުލާހެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ފެކަލްޓީ އޮފް އާޓްސްއިން ބޭއްވި މުބާރާތްތަކުގައި 12 ކުލާސް ވާދަކޮށްފައިވާ އިރު ތަފާތު 8 މުބާރާތެއް ކުރިއަށް ގެންދިޔައެވެ. އިއްޔެ ހެނދުނުން ފެށިގެން ހަވީރުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މުބާރާތްތައް އޮތީ ޔުނިވަރސިޓީ މައި ކެންޕަހުގައެވެ. އަތޮޅުތެރޭގެ ކެންޕަސްތަކުގައި ވެސް މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން ލ.ގަމު ކެންޕަހާއި، ކުޅުދުއްފުށި ކެންޕަހާއި ، ހިތަދޫ ކެންޕަހުގައި ވެސް ދިވެހިބަހުގެ ދުވަސް ފާހަގަކުރުން ކުރިއަށް ގެންގޮސްފައިވެއެވެ.

މިއީ މިފަހަކަށް އައިސް ދިވެހިބަހުގެ ދުވަސް މިހާ ކުލަގަދަކޮށް މިހާ ގިނަ ދަރިވަރުން ބައިވެރިވި ފަހަރެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *