ރާއްޖޭގެ ޔުނިވަރސިޓީއަކުން ފުރަތަމަ ފަހަރަށް އެރުވި އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ޝައިޙް އިސްމާޢީލް އަށް

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ފަޟީލަތުއް ޝައިޙް އިސްމާއިލް މުހައްމަދަށް އަރުވައިފިއެވެ. މިއީ ރާއްޖޭގެ ޔުނިވަރސިޓީއަކުން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ދެއްވި ފުރަތަމަ ފަހަރެވެ.

ޝައިޙް އިސްމާއިލަށް މި ޝަރަފު އެރުއްވީ، އިސްލާމިކް ޔުނިވަރސިޓީގެ ދަރިވަރުން ދަސްވެނިވުމަށް މި ރޭ ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ފަޟީލަތުއް ޝައިޙް އިސްމާއިލަށް އެރުއްވީ ބައިގަރުނަށްވުރެ ގިނަ އަހަރު ވަންދެން ޝައިޚް އިސްމާޢީލް ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަމަށާއި އިސްލާމީ ޢިލްމު ފެތުރުއްވުމަށް ކުރެއްވި އަގުނުކުރެވޭ ޚިދުމަތުގެ އަގު އެ ޔުނިވަރސިޓީން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

ފަޟީލަތުއްޝައިޚް އިސްމާޢީލް: ޢިލްމް ފެތުރުއްވުމުގައި ބައިޤަރުނު

މީލާދީން އޮނަވިހިސަތޭކަ ތިރީސް ފަސްވަނަ އަހަރު އޭރު ފާފުއަތޮޅުގެ ރަށެއްގެ ގޮތުގައި އޮތް، މިހާރުގެ ދ.މީދޫ، ބިލެއްގެ، އަށް އުފަންވެވަޑައިގެންނެވި ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ދިވެހި ރާއްޖޭގައި އުފެދުނު ޚިދުމަތްތެރި ދީނީ ޢިލްމުވެރިންގެ ތެރެއިންވެސް އަރާހުންނެވި ބޭފުޅެކެވެ. އެންމެ ފުރަތަމަ ޝެއިޚް އިސްމާޢީލް ތަޢުލީމު ޙާޞިލުކުރެއްވީ އުފަން ގޭގައެވެ.

މީދޫގައި ވިދާ ބަބުޅަމުންދާ ތުއްތު ދަރިވަރަކު ރަށުގެ ވެރިންނަށް ފާހަގަކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ފާފު އަތޮޅުގެ އޭރުގެ ވެރިރަށް މަގޫދޫގައި ހުންނަ އަތޮޅުގެ މަދަރުސާއަށް ކިޔަވަން ދިޔުމުގެ ނަޞީބު ލިބުނެވެ. މަގޫދޫ މަދަރުސާގައި ހޭދަކުރި ތިން އަހަރުގެ ތެރެއިން ފަހު ދެ އަހަރު ވިދިވިދިގެން މަދަރުސާއިން އެއްވަނަ ހޯއްދެވި ދެ ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ. ފަހު އަހަރުގެ ނަތީޖާ ފާޅުކުރިރޭ އޭރު ފ.އަތޮޅުގެ ވަކީލާއި އަތޮޅުވެރިޔާ ނިންމެވީ އެ ދެ ދަރިވަރުންގެ ތެރެއިން ޤުރުއަތުން ހޮވޭ ދަރިވަރަކު އިނާމު ބަލައި މާލެ ދިޔުމަށެވެ. އިނާމަކީ މާލޭގައި ކިޔަވަން ހުރުމުގެ ފުރުޞަތެވެ. ޤުރުއަތުން އެ ފުރުޞަތު ލިބުނީ ތުއްޕުޅު އިސްމާއީލަށެވެ.

މާލޭގައި ޝައިޚް އިސްމާޢީލް ބެހެއްޓެވީ ރަށްރަށުން ތަޢުލީމު ޙާޞިލުކުރުމަށް މާލެ އަންނަ ކުދިން ބޭއްތިއްބެވުމަށް ޙާއްޞަކޮށްފައިވާ ދަނާލު، ދާރުލްއިޤާމާ ގައެވެ. ތަޢުލީމު ހާޞިލުކުރެއްވުމަށް ހަމަޖެހުނީ މަޖީދިއްޔާ ސްކޫލުންނެވެ. މަޖީދިއްޔާ ސްކޫލު ނިންމެވުމަށްފަހު އެންމެ ފުރަތަމަ ވަޒީފާ އަދާކުރެވީ އޭރުގެ ވުޒާރަތުއް ތިޖާރާ ވައްތަމްވީނަށެވެ. ނަމަވެސް އެހެން މީހުންނަށް ޢިލްމު އުނގަންނައިދެއްވުމަށް ހިތްޕުޅުގައި އޮތް ލޯބީގެ އިންތިޒާރު ނިމުމަކަށް އައީ މަޖީދިއްޔާ ސްކޫލުގެ މުދައްރިސެއްގެ މަޤާމަށް ކުރިމަތިލައްވައި ހޮވިވަޑައިގަތުމާއެކުގައެވެ. އެކުއެކީގައި ކަހަލަ ގޮތަކަށް ޕާރޓް-ޓައިމް މުދައްރިސެއްގެ ގޮތުގައި އަމީނިއްޔާ ސްކޫލްގައިވެސް ކިޔަވާދެއްވިއެވެ.

މަތީ ތަޢުލީމަށް އޮތް ޝައުޤުވެރިކަމުގެ ސަބަބުން މުދައްރިސެއްގެ ގޮތުގައި ކުރެއްވި މަސައްކަތްޕުޅުން ހޯއްދެވި ފައިސާ އެއްކުރައްވާ، ދީނީ ތަޢުލީމު އުނގެނިވަޑައިގަތުމަށްޓަކާ އިންޑިޔާއަށް ވަޑައިގަތުމަށް ނިންމެވިއެވެ. 1959 ވަނަ އަހަރު އިންޑިޔާއަށް ވަޑައިގެންނެވުނީ ދިގު ކަނޑުދަތުރަކަށްފަހު އެއް މަހާއި ހަފުތާއެއް ފަހުންނެވެ. މިހާރުގެ ތަމިލްނާޑޫގެ ޢުމަރުއާބާދުގެ ޖާމިޢާ ދާރުއްސަލާމަށް ބަހެއްގައި ވަޑައިގެންނެވިއެވެ. މިއީ މިހާރު 101 އަހަރު ވެފައިވާ، ބޮޑު ޔުނިވަރސިޓީއެކެވެ.

ޝައިޚް އިސްމާޢީލް ޖާމިޢާ ދާރުއްސަލާމުގައި 7 އަހަރު ކިޔަވާވިދާޅުވުމަށްފަހު އެ ޔުނިވަރސިޓީއާ ވަކިވެވަޑައިގެންނެވީ 1967 ވަނަ އަހަރުއެވެ. ޑިގްރީއަށް ކިޔަވާވިދާޅުވުމަށްޓަކާ މަދީނާ އިސްލާމިކް ޔުނިވަރސިޓީއަށް ވަޑައިގެންނެވީ އޭގެ ފަހުންނެވެ. މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި ޝައިޚް އިސްމާޢީލް ކިޔަވާ ވިދާޅުވުމަށް ހަމަޖެހުނީ ކުއްލިއްޔަތުލް ދަޢުވާ ވަލް އުޞޫލުއްދީން ގައެވެ. ގަދަ ހިތްވަރާއެކު ކުރެއްވި މިންނަތުގެ ނަތީޖާއެއްގެ ގޮތުން 4 އަހަރުދުވަހުން ޑިގްރީ ޙާޞިލުކޮށް ދަސްވެނިވެވަޑައިގަތީ 1972 ވަނަ އަހަރުއެވެ. އަދި ހަމަ އެ އަހަރު އެ ޔުނިވަރސިޓީގައި ޓީޗިންގ މެތަޑޮލޮޖީސްގެ 3 މަސްދުވަހުގެ އިތުރު ކޯހެއް ފުރިހަމަ ކުރެއްވިއެވެ. މަދީނާ ޔުނިވަރސިޓީން ޑިގްރީ ޙާޞިލުކުރައްވައި، މާލެ ވަޑައިގެންނެވިއިރު ޝައިޚް އިސްމާޢީލް ވެވަޑައިގަތީ މަދީނާ ޔުނިވަރސިޓީން ޑިގްރީ ޙާޞިލުކުރެއްވުމުގެ ޝަރަފު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ދިވެހި ދަރިވަރުގެ ގޮތުގައެވެ.

މަދީނާ ޔުނިވަރސިޓީގައި ކިޔަވާވިދާޅުވާން ފެށިތާ 3 އަހަރުވުމާ ގާތްވެފައިވަނިކޮށް، އެއަހަރު ޙައްޖުވުމަށް ސަޢުދީޢަރަބިއްޔާއަށް ވަޑައިގެންނެވި ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާގެ އޭރުގެ ރައީސް މިއާން ފަޟްލުލްޙައްޤު އާ ޝައިޚް އިސްމާޢީލާއި އައްޝައިޚް ޙުސައިން ޔޫސުފް ބަދަލުކުރައްވާ، ދިވެހި ކުދިންނަށް ޖާމިޢާ ސަލަފިއްޔާގައި ކިޔެވުމުގެ ފުރުޞަތު ދެއްވުން އެދިވަޑައިގަތުމުން މިކަމަށް އޭނާ ވަގުތުން އިޖާބަދެއްވެވިއެވެ. އެ އަހަރުގެ އެކެޑެމިކް ޗުއްޓީގައި ޝައިޚް އިސްމާޢީލާއި އައްޝައިޚް ޙުސައިން ޔޫސުފް އާ ދެބޭފުޅުން މާލެ ވަޑައިގެން، ޕާކިސްތާނަށް ދަރިވަރުން ކިޔެވުމަށް ފޮނުއްވުމުގެ އިންތިޒާމުތައް ހަމަޖައްސަވަން ފެއްޓެވިއެވެ. ފުރަތަމަ ދަތުރުގައިވެސް ރާއްޖެއިން ޖުމުލަ 25 ކުދިން ފޮނުއްވުމުގެ ކަންކަން އިންތިޒާމު ކުރެއްވިއެވެ.

ފައިޞަލްއާބާދުގެ ޖާމިޢާ ސަލަފިއްޔާ އަށް ދެ ބޭކަލުން ވަޑައިގެން އެ ޔުނިވަރސިޓީގެ ރައީސާ ބައްދަލުކުރައްވާ ދިވެހި ދަރިވަރުންގެ ކަންކަން އިންތިޒާމުކުރެއްވިއެވެ. ޝައިޚް އިސްމާޢީލުގެ އެހީތެރިކަން ލިބިގެން ޕާކިސްތާނުގެ އެކި ޔުނިވަރސިޓީ/ކޮލެޖްތަކުން ކިޔެވި ދިވެހި ދަރިވަރުންގެ ޢަދަދު ސަތޭކައަށްވުރެ މާ ގިނަވާނެކަމަށް ޝައިޚް އިސްމާޢީލު ވިދާޅުވެއެވެ. މި ކުދިންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިން ތިބިކަން ފާހަގަ ކުރެވެއެވެ. މީގެ ތެރެއިން ފާހަގަކުރެވޭ ބައެއް ދަރިވަރުންގެ ތެރޭގައި؛ ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ، ޑޮކްޓަރ ޢަލީ ޒާހިރު، ޑޮކްޓަރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ޑޮކްޓަރ އަޙްމަދު ޒާހިރު، ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ، ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމް، ޑޮކްޓަރ އާދަމް ޝަމީމް، ޑޮކްޓަރ މުޙައްމަދު ޤުބާދު އަބޫބަކުރު، ޑޮކްޓަރ ޢަބްދުﷲ ޖަމީލު، ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙްމަދު، ޑޮކްޓަރ ޙަސަން ސަޢީދު، އައްޝައިޚް މުޙައްމަދު ލަޠީފު، އައްޝައިޚް އަޙްމަދު ފާރޫޤް މުޙައްމަދު، އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން، އަލްއުސްތާޒް އަޙްމަދު ފާއިޒު ޙުސައިން، އައްޝައިޚް ފައްޔާޒް ޢަލީ މަނިކު، އައްޝައިޚް ޢަބްދުﷲ މުޙައްމަދު އިބްރާހީމް، އައްޝައިޚް ޢަބްދުލް ޢަޒީޒު ޙުސައިން، އައްޝައިޚް އަޙްމަދު ސަލީމް، އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު، އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ފަދަ އެތަކެއް ޢިލްމީ ދިވެހި ދަރިން ހިމެނެއެވެ.

މަދީނާ ޔުނިވަރސިޓީ އިން ދަސްވެނިވެވަޑައިގަތުމަށްފަހު މާލެ ވަޑައިގެން ދިވެހި ކުދިންނަށް ޢަރަބި ބަހުން އިސްލާމްދީން އުނގަންނައިދޭން މަދްރަސާ ޠައިބާ ގެ ނަމުގައި މަދަރުސާއެއް އުފެއްދެވީ މަޝްހޫރު ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހީމް ކަލޭފާނުގެވެސް ދީލަތި އެހީތެރިކަމާއެކުގައެވެ. މާފަންނު މަސްޖިދު ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް) މިހާރު ހުރި ބިމުގައި އޭރު ބިނާކުރެއްވި މި ސްކޫލް ވެގެންދިޔައީ މިއަދުގެ ވަރަށް ގިނަ ޢަދަދެއްގެ ޢިލްމުވެރިންގެ އެންމެ ފުރަތަމަ ޢިލްމީ ހިޔާވަހިކަމުގައެވެ. ސްކޫލުގައި ކިޔަވައިދޭން ފެށިތާ އަހަރެއް ފަހުން މަދީނާ ޔުނިވަރސިޓީ ނިންމަވައި ޝައިޚް ޙުސައިން ޔޫސުފް މާލެވަޑައިގެން ސްކޫލް ހިންގެވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތެވެ. އަދި ފަހުން ޝައިޚް އުސްމާން ޢަބްދުﷲ ވެސް ޢަމަލީގޮތުން އުޅުއްވިއެވެ. ޠައިބާ ސްކޫލުގައި، ކިޔަވާދެއްވި މުދައްރިސުންގެ ތެރޭގައި ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި ފަޟީލަތުއްޝައިޚް ޙުސައިން ޢަބްދުއްރަޙްމާނު ފަދަ އަލް އަޒުހަރު ޔުނިވަރސިޓީން ކިޔަވާވިދާޅުވެގެން ވަޑައިގެންނެވި ޢިލްމުވެރިންވެސް ހިމެނެއެވެ. މި ސްކޫލުގެ ފުރަތަމަ އަހަރުވެސް 200 ކުދިން ތަޢުލީމު ޙާޞިލުކުރެއްވިއެވެ.

ކާމިޔާބުކަމާއެކު ޢަރަބި އިސްލާމީ ތަޢުލީމު އުނގަންނައިދެމުން ދަނިކޮށް އޭރުގެ ސަރުކާރުން ޝެއިޚް އިސްމާޢީލްގެ އަތްޕުޅުން ޠައިބާ ސްކޫލް ނަންގަވައި ސަރުކާރުގެ ދަށަށް ގެންނެވިއެވެ. ޝައިޚް އިސްމާޢީލް ހަމަޖެއްސެވީ ބްރީޗް އޮފް ލޯ ގެ ގާޒީކަމަށެވެ. ނަމަވެސް އެ ސްކޫލުގައި ކިޔަވާދިނުމުގެ ކަންކަންވެސް ކުރިއަށް ގެންދެވިއެވެ. އަދި ފަހުން މާވެޔޮ މިސްކިތުގެ އިމާމުކަމަށްވެސް ހަމަޖެއްސެވިއެވެ.

ޝައިޚް އިސްމާޢީލަކީ ޙަވާލުކުރެވޭ ޒިންމާގައި ތެދުވެރިވުމާއި ނަޒާހަތްތެރިވުމުގައި އެފަދަ ދެވަނެއްނެތް ނަމޫނާއެކެވެ. ޝައިޚް ގާޒީކަމުގައި ހުންނަވަނިކޮށް ދައުލަތުން ދަޢުވާކުރެއްވި މައްސަލައެއްގައި ދައުލަތުން ހުށަހެޅި ދަޢުވާއާ އެއްކޮޅަށް ޙުކުމް ކުރެއްވުމަށް ދަތިފުޅުވެގެން އޭރުގެ ޖަސްޓިސް މިނިސްޓަރު އަލްއުސްތާޒް މޫސާ ފަތުޙީގެ އަރިހަށް ގޮސް ދެންނެވީ "ދަޢުވާއާ އެއްގޮތަށް ނިންމުމާމެދު އަޅުގަނޑު ﷲ އަށް ބިރުވެތިވަމެވެ" މިފަދައިންނެވެ. މި މައްސަލައިގާ އެންމެ ފަހުން ޝައިޚް ނިންމެވީ މަޤާމުން ވަކިވުމަށެވެ.

އަމިއްލަފުޅު އިސްނެންގެވުމާއެކު އައްޝައިޚް ޙުސައިން ޔޫސުފްގެވެސް އެހީތެރިކަމާއެކު އުފެއްދެވި އިސްލާމީ ސްކޫލެއް ސަރުކާރަށް ނެންގެވުމާއި ޝަރީޢަތުގެ ކަންކަން ހިނގަމުންދާގޮތުން ގާޒީކަމުގެ މަޤާމުން ވަކިވެވަޑައިގަތުމުން މި ދަނޑިވަޅުގައި އެންމެ ރަނގަޅުވާނީ ރާއްޖެއިން ބޭރުގައި ދީނީ ދަޢުވަތު ފެތުރުމުގައި، އެހެން ނަމަވެސް ދިވެހި ދަރިވަރުންނަށް ޚިދުމަތް ކުރެވޭފަދަ ވަޒީފާއަކަށް ބަދަލުވުންކަމަށް ދެކެވަޑައިގެން، ސަޢުދީ ޢަރަބިއްޔާގެ އޭރުގެ މުފްތީ އައްޝައިޚް ޢަބްދުލްޢަޒީޒް ބިން ބާޒް ގެ ބެއްލެވުމުގެ ދަށުން ހިންގަމުންދިޔަ ދާރުލް އިފްތާ ވައް ދަޢުވަތު ވަލް އިރުޝާދު ގެ ދާޢީ އަދި މުދައްރިސެއްގެ މަޤާމުގައި ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާގެ ވަޒީފާއަށް ވަޑައިގެންނެވިއެވެ.

ޕާކިސްތާނުގައި ދީނީ ޢިލްމު އުނގަންނައިދެއްވުމާއި މިސްކިތްތަކުގައި ދަރުސް ދެއްވުމުގެ ބުރަ މަސްޢޫލިއްޔަތާއެކުވެސް ޝައިޚް އިސްމާޢީލް އެންމެ އިސްކަމެއްދެއްވި އެއްކަމަކީ ޕާކިސްތާނުގައި ތަޢުލީމު ޙާޞިލުކުރާ ދިވެހި ދަރިވަރުންނަށް ޚިދުމަތްކުރެއްވުމެވެ. އެމް.އެޗް.އޭގެ ބާނީ މަރޮށީ ޙުސައިން ޢަބްދުﷲ (ޙުސެންބެ) ގެ އަމިއްލަފުޅު ޚަރަދުގައި ށ.އަތޮޅުގެ ރަށްތަކުން ޕާކިސްތާނަށް ކުދިން ފޮނުއްވި ދުވަސްވަރުގައި ޕާކިސްތާނުގައި އެކުދިންގެ ކަންކަން ބެލެހެއްޓެވުމުގެ ބޮޑު ޒިންމާ އެއް ޝައިޚް އިސްމާޢީލް ނެންގެވިއެވެ. ޝައިޚްގެ އަމިއްލަފުޅު ޚަރަދުގައިވެސް ކަންކަން ހަމަޖައްސަވާދެއްވާ ދަރިވަރުންނަށް ދަތިވާ ކޮންމެ ކަމެއްގައިވެސް މަދަދުގާރަކަށް ވެވަޑައިގެންނެވިއެވެ.

ޢިލްމު ފެތުރުއްވުމަށްޓަކާ ޝައިޚް އިސްމާޢީލް ކުރެއްވީ އެހާ ފަސޭހަ ދަތުރެއްނޫނެވެ. ޝައިޚްގެ މަސައްކަތްޕުޅަށް އެކި ފަހަރުތަކުގައި ވަރަށް ބޮޑެތި ފިއްތުންތައް ކުރިމަތިވިއެވެ. ބައެއް ފަހަރުތަކުގައި ފުލުސްއޮފީހަށް ގެންދަވައި ސުވާލުކުރެއެވެ. އަދި ދެތިންފަހަރު ގޭ ބަންދުގައިވެސް ހުންނަވަންޖެހިވަޑައިގަތެވެ. 2004 ވަނަ އަހަރު ރާއްޖެވަޑައިގެން ދީނީ ދަޢުވަތު ފެތުރުމުގެ ހުއްދައަށް އެދިވަޑައިގަތުމުން އެ ހުއްދަ ދިނުމަށް ސަރުކާރުން އިއުތިރާޒުކުރުމުން، ދެންވެސް ހިތްވަރުދެރަ ނުކުރައްވާ ޝައިޚް ކުރައްވަން ފެއްޓެވީ ޢިލްމީ މަސައްކަތްޕުޅެވެ. މިގޮތުން ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވާ ޝާޢިއުކުރައްވަމުން ގެންދެވިއެވެ. މިހާތަނަށް 40 ފޮތް ވަނީ ޝާއިޢުކުރައްވާފައެވެ. އުމުރުން ދުވަސްވުމާއެކުވެސް، މިހާރުވެސް އެ ގެންދަވަނީ މަދީނާގެ ފަޙުދު ރަސްގެފާނު މުޞްޙަފް ޗާޕުޚާނާއިން ޝާއިޢުކޮށްފައިވާ ޤުރުއާން ތަފްސީރު ފޮތެއްކަމުގައިވާ "އައް ތަފްސީރު މުޔައްސަރު" ގެ ދިވެހި ތަރުޖަމާ އެއްކޮށް ނިންމަވައި 22 ފޮތެއްގެ މުރާޖަޢާވެސް ނިންމަވައި ދެބައިކުޅަ އެއްބައި ފޮތް ޗާޕުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ދީފައެވެ.

ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ދިވެހި ޤައުމު އުފެއްދި މޮޅު ޢާލިމެކެވެ. ދީނީ ކަންކަން މީހުންނަށް އޮޅުންފިލުވައިދެއްވި ދޫފަސޭހަ ދާޢީ އެކެވެ. އެތައް ސަތޭކަ ދަރިވަރުންތަކަކަށް ޢަރަބި އިސްލާމީ ތަޢުލީމު އުނގަންނަވައިދެއްވި މޮޅު އުސްތާޒެކެވެ. ޢިލްމުވެރި ޤަލަންކޮޅެއްގެ ވެރި މުސައްނިފެކެވެ. މާލީ ގޮތުންނާއި ވަޞީލަތުގެ ގޮތުން އަގުނުކުރެވޭނެ ޚިދުމަތް ފޯރުކޮށްދިން މަދަދުވެރިއެކެވެ. އެތައް ދިވެހި ދަރިވަރުންތަކަކަށް ޤައުމުން ބޭރުގައި މަގުދައްކަވައިދެއްވި ޚިދުމަތްތެރިއެކެވެ.

ހުދު ހެދުންކޮޅެއްގައި އަބަދުވެސް ހުންނަވާ ވަރަށް ސާދާ، ރަހުމަތްތެރި މިޒާޖެއްގެވެރި، ޝައިޚް އިސްމާޢީލަކީ ދިވެހި ޢިލްމުވެރިންގެ "ޝޭހް ސާޙަބް" އެވެ. އެމަނިކުފާނުގެ ޢިލްމީ ބަގީޗާގައި މީގެ ބައި ޤަރުނު ކުރިން ފެށިގެން އިންދެވި މުޑުވަށްތަކުން ފޮޅުނީ މުޅިންވެސް ކުލަރީތި، ވަސްމީރު މާތަކެވެ. ހެދިފޯދުނީ މޭވާ އަޅާ އަދި ހިޔާދޭ ބޮޑެތި ގަސްތަކެވެ. ބައިގަރުނަށްވުރެ ގިނަ އަހަރު ވަންދެން ޝައިޚް އިސްމާޢީލް ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަމަށާއި އިސްލާމީ ޢިލްމު ފެތުރުއްވުމަށް ކުރެއްވި އަގުނުކުރެވޭ ޚިދުމަތް މި ޔުނިވަރސިޓީން ބަލައިގަނެ އެ މަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު މިރޭ މިއަރުވަނީ ފަޚުރުވެރިކަމާއެކުގައެވެ. ވަކީން ޚާއްޞަކޮށް ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާ އެންމެ ފުރަތަމަ ބޭފުޅަކީ ޝައިޚް އިސްމާޢީލް ކަމުގައިވުމަކީ އެމަނިކުފާނަށާއި އާއިލާއަށް އަދި އެ މަނިކުފާނުގެ ދަރިވަރުންނަށާއި މި ޔުނިވަރސިޓީއަށްވެސް ލިބޭ ނުހަނު ބޮޑު ޝަރަފެކެވެ.

ޝައިޚް އިސްމާޢީލަކީ ދިވެހި ޢިލްމުވެރިންގެ "ޝޭހް ސާޙަބް" އެވެ. އެމަނިކުފާނުގެ ޢިލްމީ ބަގީޗާގައި މީގެ ބައި ޤަރުނު ކުރިން ފެށިގެން އިންދެވި މުޑުވަށްތަކުން ފޮޅުނީ މުޅިންވެސް ކުލަރީތި، ވަސްމީރު މާތަކެވެ. ހެދިފޯދުނީ މޭވާ އަޅާ އަދި ހިޔާދޭ ބޮޑެތި ގަސްތަކެވެ. ބައިގަރުނަށްވުރެ ގިނަ އަހަރު ވަންދެން ޝައިޚް އިސްމާޢީލް ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަމަށާއި އިސްލާމީ ޢިލްމު ފެތުރުއްވުމަށް ކުރެއްވި އަގުނުކުރެވޭ ޚިދުމަތް މި ޔުނިވަރސިޓީން ބަލައިގަނެ އެ މަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު މިރޭ މިއަރުވަނީ ފަޚުރުވެރިކަމާއެކުގައެވެ. ވަކީން ޚާއްޞަކޮށް ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާ އެންމެ ފުރަތަމަ ބޭފުޅަކީ ޝައިޚް އިސްމާޢީލް ކަމުގައިވުމަކީ އެމަނިކުފާނަށާއި އާއިލާއަށް އަދި އެ މަނިކުފާނުގެ ދަރިވަރުންނަށާއި މި ޔުނިވަރސިޓީއަށްވެސް ލިބޭ ނުހަނު ބޮޑު ޝަރަފެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *