ރޯދަމަހު ސްކޫލްތައް ބަންދުކުރުމާ މެދު ސްކޫލްތަކުގެ މުދައްރިސުންނާއި، ޕްރިންސިޕަލުންނާއި ބެލެނިވެރިންނާ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.
ރޯދަމަހު ސްކޫލްތަކުގެ ކިޔެވުން ބަންދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ގިނަ ބެލެނިވެރީން އެދެމުންދާތީ، އެއީ ކުރެވިދާނެ ކަމެއްތޯ ބެއްލެވުމަށް ދެއްވާފައިވާ އިރުޝާދާއި ގުޅިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ފަހު އެ މަޝްވަރާ ކުރިއަށް ގެންދަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު، ފޭސްބުކުގައި ލިޔުއްވާފައިވެއެވެ.
ރައީސް ދެއްވި އިރުޝާދާ ގުޅިގެން ބައެއްފަރާތްތަކުން އެ ކަމާއިގުޅޭގޮތުން އޮޅުންފިލުވަން ބޭނުންވާތީ ތަފްޞީލްތަކެއް ވެސް މިނިސްޓަރު ވަނީ ހިއްސާ ކުރައްވާފައެވެ.
އެގޮތުން މިނިސްޓަރު ޑރ. އިސްމާއިލް ފާހަގަކުރައްވާފައި ވަނީ:
1- ރޯދަމަހުގެ ފަހު 10 ބަންދުވުމުން، އެދުވަސްތައް އުނިކޮށް ރޯދަމަހުގެ ބާކީ ސަރުކާރު ހުޅުވާ ދުވަސްތަކުގެ އަދަދަކީ 12 ނުވަތަ 13 ދުވަހެވެ. މި 12 ނުވަތަ 13 ދުވަހުގައި ކިޔަވައިދެވެނީ ރޯދަމަސް ނޫން އެހެންމަސްތަކުގެ 6 ދުވަހުގެ ކިޔަވައިދިނުމެވެ.
2- ރޯދަމަސް ބަންދުކުރުމަށް ގިނަ ބެލެނިވެރިން ރައީސްގެ އަރިހުން އެދިފައިވަނީ މަދު ވަގުތުތަކަކަށް އިސްކޫލަށް ދަރިވަރުން ގޮވައިގެން ދިއުމުގެ ތަކުލީފުގެ އިތުރަށް، ރޯދަމަހުގައި ކިޔަވައިދިނުމަށް މިހާރު ހަމަޖެހިފައިވާ 12 ނުވަތަ 13 ދުވަހުގެ ކިޔަވައިދިނުން އެހެން މަސްތަކުގެ ހައެއްކަ ދުވަހުން ގެންދެވޭނޭކަމަށް ބެލެވޭތީއެވެ. މީގެ އިތުރަށް ރޯދަމަހުގައި ގިނަ އަދަދެއްގެ ދަރިވަރުން ގަވާއިދުން އިސްކޫލަށް ހާޒިރުނުވުމާއި މުދައްރިސުންގެ ތެރެއިންވެސް ބައެއް މުދައްރިސުން އާންމު މަސްތަކާއި ޚިލާފަށް ރޯދަމަހުގައި ސަލާމުގެ ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީ ނެގުން އިތުރުކަމަށް ރެކޯޑުތަކުން ދައްކާތީއާއި އަދި މިކަންކަމުގެ ސަބަބުން ކިޔަވައިދިނުން އެންމެ އެކަށީގެންވާ ގޮތަށް ނުގެންދެވުމަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ.
3- ރޯދަމަހުގެ ދުވަސްތަކުގައި ޢާންމު އުސޫލުން ކިޔަވައިދިނުމުގެ ބަދަލުގައި ޕްރޮޖެކްޓް-ބޭސްޑް ލާނިންގ ފަދަ ހަރަކާތްތަކާއި، އިސްލާމްދީނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތަކާއި، ކީރިތި ޤުރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމަށް ހިންގާ ތަފާތު ހަރަކާތްތަކާއި މުބާރާތްތަކުގެ އިތުރަށް އަދަބީ ހަރަކާތްތަކަށް އިސްކަންދީގެން އިސްކޫލުގެ ހަރަކާތްތައް ކުރިއަށް ގެންދެވިދާނެއެވެ. އަދި މީގެ އިތުރަށް މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓުގެ އެކި ހަރަކާތްތައްވެސް ގެންދެވިދާނެއެވެ.
4- މިފަދަ ބަދަލެއް ގެނައި ކަމުގައިވިޔަސް، ބައިނަލްއަޤުވާމީ އިމްތިހާނުތަކަށް ތައްޔާރުވާ ކީ ސްޓޭޖް 4 އަދި 5ގެ ދަރިވަރުންގެ ކިޔެވުން އޮންނާނެއެވެ.
5- މި ދުވަސްތަކުގައި ހުރިހާ މުދައްރިސުން ރަސްމީކޮށް މަސައްކަތައް ނުކުންނަވާނެއެވެ. މުދައްރިސުންގެ އަހަރީ ޗުއްޓީ ލިބޭނީ އަބަދުވެސް އޮންނަގޮތައް ކޮންމެ އަހަރެއްގެ ދިރާސީ އަހަރު ނިމުމުންނެވެ. މިގޮތުން 2025ގެ ދިރާސީ އަހަރުން ފެށިގެން މުދައްރިސުންގެ އަހަރީ ޗުއްޓީ ލިބޭނީ ޑިސެމްބަރ މަހުން ފެށިގެންނެވެ .
"ރައްޔިތުންނާއެކު" ނަމުގައި ކުރިއަށް ގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، މި ފަހަރު ރޯދަމަސް އެކީ ބަންދުކުރީ ދިރާސީ އަހަރަށް ގެނައި ބަދަލާ ގުޅިގެން ގެނައި ބަދަލުތަކުގެ ތެރެއިން ކަމަށާއި އަންނަ އަހަރުން ފެށިގެން ރޯދަމަސް އެކީގައި ސްކޫލްތައް ބަންދުކުރަން އެދިވަޑައިގެންނެވީ ކިޔަވައިދޭ ގަޑިތައް ނުގެއްލޭނެ ގޮތަކަށް އެކަން ކުރެއްވުމަށެވެ. މުޅި ރޯދަ މަސް ބަންދުކުރާ ގޮތަށް މި ފަހަރު ހަމަޖެއްސުމުން ގިނަ ބެލެނިވެރިންގެ ފަރާތުން އެކަމަށް އެދެވޭ، ރަނގަޅު ހިޔާލު ތަކެއް ލިބިވަޑައިގެންނެވިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރޯދަ މަހުގެ ފަހު 10އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ނިންމީ، ރޯދަމަހަކީ އަޅުކަމުގެ މައްސަރެއް ކަމަށާއި ރޯދަ މަހުގެ ފަހު 10 އަށް އިތުރު ސަމާލުކަމެއް ދިނުމަށް ދީނުގައި ވެސް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެއީ ލައިލަތުލް ގަދުރިއަށް މަސައްކަތްކޮށް އެ ރޭގައި ދަރުމަ އާއި ސަވާބު ލިބިގަތުމަށް ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު މިހާރު ވާނީ އެޑިއުކޭޝަން މިނިސްޓްރަަށް ދަންނަވާފައި ދެން އަންނަ ކޮންމެ ރޯދަ މަހެއްގައި ވެސް ސްކޫލްތައް ބަންދުކުރެވޭނެ ގޮތެއް ހަމަޖެއްސޭތޯ. އެއްވެސް ވަރަކަށް ކިޔަވައިދޭ ގަޑިތައް ނުގެއްލޭނެ ގޮތަކަށް." ރައީސް ވިދާޅުވިއެވެ.
ދިރާސީ އަހަރަށް ގެނައި ބަދަލާއެކު މި އަހަރުގެ ދިރާސީ އަހަރު ފަށާނީ އަންނަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ. އަންނަ އަހަރުން ފެށިގެން ޖެނުވަރީގައި ދިރާސީ އަހަރުގެ ކިޔެވުން ފަށާނެއެވެ.
advertisment
ހިޔާލު