ޤުރުއާން މުބާރާތުން އެއްވަނަ މިޒްހާ އާއި އަފާފު އަދި ރިފްޤާއަށް، މަދަހަ މުބާރާތުން އެއްވަނަ ނަޝްވާއަށް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ) ގެ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުން ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމް ދިނުމުގެ ހަފްލާ ބާއްވައިފިއެވެ. މި ހަފްލާ ޝަރަފުވެރިކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
ޤުރުއާން މުބާރާތް ކުރިއަށް ގެންދިޔައީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ބައެވެ. ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ، ސެންޓަރ ފޯރ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރު މިޒްހާ ހުސައިން ޖަލީލެވެ. މި ބައިން ދެވަނަ ސްކޫލް އޮފް ނަރސިންގެ އާމިނަތު މައިސަމް މުޙައްމދު ހޯދިއިރު، ތިންވަނަ ހޯދީ ސްކޫލް އޮފް މެޑިސިންގެ މަރިޔަމް ނައިސަމް ސަޢީދެވެ.
ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ދެ ދަރިވަރުން ހޯދިއެވެ. އެއީ، ފެކަލްޓީ އޮފް އާރޓްސްގެ މަރްޔަމް ރިފްޤާއާއި ސްކޫލް އޮފް ނަރސިންގެ މަރިޔަމް އަފާފު މުޙައްމަދެވެ. ދެވަނަ ހޯދީ ސްކޫލް އޮފް ނަރސިންގެ އައުފާ ރަޝީދެވެ. ތިންވަނަ ހޯދީ ވެސް ސްކޫލް އޮފް ނަރސިންގެ ދަރިވަރެކެވެ. އެއީ އާމިނަތު ނަސްރަތެވެ.
ޤުރުއާން މުބާރާތުން އެއްވަނަ، ސްކޫލް އޮފް ނަރސިންގ އިން ހޯދިއިރު، ދެވަނަ ހޯދީ ފެކަލްޓީ އޮފް އެޑިޔުކޭޝަނުންނެވެ. ތިން ވަނަ ލިބުނީ، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އަށެވެ.
މަދަހަ މުބާރާތުން، ވަކިވަކި ދަރިވަރުންގެ ބައިން އެއްވަނަ ހޯދީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ނަޝްވާ އަބަދުލް މުހުސިނެވެ. ދެވަނަ ލިބުނީ ބިޒްނަސް ސްކޫލުގެ މުޙައްމަދު ޝިފާއުއަށެވެ. ތިންވަނަ ލިބުނީ، ސްކޫލް އޮފް ނަރސިންގެ ފާތިމަތު މަފާޒާއަށެވެ.
ގުރޫޕް މަދަހަތަކުގެ ބައިން އެއްވަނަ ލިބުނީ، ސްކޫލް އޮފް މެޑިސިންއަށެވެ. ދެވަނަ ލިބުނީ، ފެކަލްޓީ އޮފް އެޑިޔުކޭޝަންއަށެވެ. ތިންވަނަ ލިބުނީ، ސްކޫލް އޮފް ނަރސިންއަށެވެ.
މަދަހަ މުބާރާތުން އެއްވަނަ ހޯދީ ސްކޫލް އޮފް ނަރސިންގއިންނެވެ. ދެވަނަ ސްކޫލް އޮފް މެޑިސިންއިން ހޯދިއިރު ތިންވަނަ ހޯދީ ފެކަލްޓީ އޮފް އެޑިޔުކޭޝަނުންނެވެ.


advertisment
ހިޔާލު