ރާޅުތަކުގެ ތެރޭގައި ދޮންބެ އަޙްލާމް އަލީ ދައްކާ ޖާދޫ ފެނުމުން އޭނާގެ ހިތް މަޑުމަޑުން ގެންދަން ފެށީ އެނބުރެމުން އަންނަ އެ ބިޔަ ރާޅުތަކުގެ ތެރެއަށެވެ. އެ ޚިޔާލުގެ ތެރެއިން އޭނާ ނެރެ، ދޮންބެގެ ރައްޓެހިންތަކެއް އެއް ދުވަހަކު އޭނާ ގެންގޮސް ބެހެއްޓީ މޫދުގައި އޮތް ސަރފިން ބޯޑެއްގެ މަތީގައެވެ. ބޯޑްމަތީގައި ކޮޅަށް ހުރެވެނީކީ ވެސް ނޫނެވެ. އޭނާއާ ދިމާލަށް ރާޅެއް އަންނަ ކޮންމެ ފަހަރަކު ނޭވާ ކުރުވެ ބިރުން ގޮސް ތުރުތުރުއަޅައެވެ. ހިތް ތެޅޭވަރުން ހީވަނީ އޭނާ އަރައިހުރި ބޯޑާއެކު ޖަހާލަފާނެ ހެންނެވެ. އަރިއަޅާލާ ކޮންމެ ފަހަރަކު އެމީހުން އޭނާ ހިފަހައްޓަނީއެވެ. އޭރު އިނާނަކަށް ފަތަންވެސް ނޭނގެއެވެ. އުމުރަކީ އެންމެ 10 އަހަރެވެ. އެއީ، މިދިޔަ އަހަރު، މޯލްޑިވްސް ސަރފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބޭއްވި ހަތަރު މުބާރާތް ވަަނަހޯދާ 18 އަހަރުން ދަށުގެ ސާފް ލީގް ކާމިޔާބު ކުރި މާލެ އަތޮޅު ގުރައިދޫ ސްކޫލުގެ އިނާން އަބްދުލް ހަންނާން، 15އ ގެ ސަރފިން ދަތުރުގެ ފެށުމެވެ.

އޭގެ ފަހުން، ރާޅާއަޅަންދާއިރު ކޮންމެ ދުވަހަކުހެން ދޮންބެ އޭނާ ގެންދެއެވެ. އުމުރުން އެހާ ހަގުވީމާ އެކަން ކުރާކަށް އޭނާއަށް ރަސްމީ ހުއްދައެއް ނޯވައެވެ. އެހެންވެ ފުރަތަމަކޮޅު ރާޅަށް ދަނީ މަންމަމެންނާއި ސްކޫލަށް ވެސް ސިއްރުންނެވެ. ދޮންބެގެ ފަހަތުން ރާޅަށް ނައްޓާލަނީ މަންމަގެ ފަރާތުން އަންނަ ރޯޅިއަކަށް ބެލުމެއް ނެތިއެވެ.
"ރާޅަށް ދިޔަކަން އެނގިއްޖެނަމަ މަންމަގެ ފަރާތުން އަދަބެއް ނުލިބި ސަލާމަތެއް ނުވާނެ. ބައެއް ދުވަސްދުވަހު ގެއިން އެބަ ނެރެލާ"
އަދަބެއް ލިބުނަސް އިނާންގެ ހިތެއް ރާޅަކާ ވަތްކެއް ނުވެއެވެ. އެއަށްވުރެ އެކަމަށް އޮތް ޝަޢުޤުވެރިކަން ބޮޑެވެ.
މަންމަގެ ހުއްދައާއި އެހީތެރިކަމާއެކު އެކަން ކުރަން ފެށިއިރުވެސް ރަށުގެ ބައެއް މީހުންގެ ފަރާތުން އޭނާއަށް އިވެމުން ދިޔައީ މަލާމާތާއި ފުރައްސާރައެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި ރާޅަށް ދަނީ ވަކަރުގޭ ކުދިންނެވެ. އެއީ ދިރިއުޅުމަށް ކުރެވޭނެ މަސައްކަތެއް ނޫނެވެ. ރާޅާއަޅައިގެން މުސްތަގުބަލެއް ނުހޯދޭނެއެވެ.

މީހުން ކިޔާ އެއްޗަކަށް ކަންފަތް ދޭކަށް އިނާން ބޭނުމެއްނޫނެވެ. އެކަމަކަށް އޭނާ ފަރުވާލެއް ނުބަހައްޓައެވެ. ސަރފިން ބޯޑް ދޫކޮށްނުލާ އޭނާ ބެލީ އޭގެ މަތީގައި ކޮޅަށް ހުރެވޭތޯއެވެ. އިތުރު ތަމްރީނާއެކުގައެވެ. އަޒުމަކަށްވީ ކާމިޔާބު ސަރފަރަކަށް ވުމެވެ.
އިނާން ދިޔައީ އޭނާގެ ހުނަރު ތަރައްޤީކުރަމުންނެވެ. މުބާރާތަކަށް އެރޭ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ރަށުގައި ރާޅާއަޅާފައި ބަންދުވަސްތަކާ ދިމާކޮށް، ފެރީގައި އޭނާ ދަނީ ތުލުސްދޫއަށެވެ. ބުރާސްފަތި ދުވަހު ހަވީރު ތުލުސްދޫއަށް ގޮސް ކޯކް ސަރފިން ޕޮއިންޓްގައި ޕްރެކްޓިސް ކޮށްފައި ރަށަށް ދަނީ ހޮނިހިރުގައެވެ. މިއީ އާންމުކޮށް އޭނާ ޕްރެކްޓިސް ކުރާ ތާވަލުގެ އެއްބައެވެ.
2022 ވަނަ އަހަރުގެ ސަރފިން ލީގުގެ 18 އަހަރުން ދަށުގެ ޖޫނިއާ ހަތަރު އިވެންޓެއްގައި އިނާން ވާދަކުރިއެވެ. އެ އަހަރު ނިންމާލީ ރޭންކިންގެ ދެވަނައިގައި އޮވެގެންނެއެވެ. ޖެހިގެން އައި 2022 ވަނަ އަހަރު ހިންމަފުށީގައި ބޭއްވި ގާމާދޫކޮޅު ސަރފިން މުބާރާތުން އުމުރުފުރައިން ދެ ވަނަ ލިބުނެވެ. އެއީ އޭނާގެ ކާމިޔާބީގެ ހަރުގަނޑުގެ ފުރަތަމަ ހަރުފަތެވެ. 2023 ވަނަ އަހަރު ވެސް އިނާނަށް ކާމިޔާބު ކުރެވުނީ އެންމެ މުބާރާތެކެވެ. މާލޭގައި ބޭއްވި ރަންނަމާރި ޗެލަންޖްގައި އުމުރު ފުރައިން ދެވަނަ ލިބުނެވެ.

2024 ވަނަ އަހަރަށް އޭނާ ކަނޑައެޅި އަޒުމަށް ވާޞިލްވެ، ހަތަރު މުބާރާތް ވެސް ވަނަ ހޯދާ އެ އަހަރު ނިންމާލީ ދިވެހި ސަރފް ލީގުގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައެވެ.
އިނާންގެ ކާމިޔާބީތައް:
- 2022 ވަނަ އަހަރު ހިންމަފުށީގައި ބޭއްވި ގާމާދޫކޮޅު މުބާރާތުން ދެވަނަ
- 2023 ވަނަ އަހަރު މާލޭގައި ބޭއްވި ރަންނަމާރި ޗެލަންޖުގައި އުމުރު ފުރައިން ދެވަނަ
- 2024 ވަނަ އަހަރު ގައްދޫގައި ބޭއްވި ކަޅެގަލެކޮޑާއިން 18 އަހަރުން ދަށުން ދެވަނަ
- 2024 ވަނަ އަހަރު ބޭއްވި މުލީކޮޅު ރާޅު ޖޫނިއަރ ޗެމްޕިއަންޝިޕް
- 2024 ވަނަ އަހަރު ތުލުސްދޫގައި ބޭއްވި މުބާރާތުން އުމުރު ފުރައިން އެއްވަނަ
- 2024 ވަނަ އަހަރު މާލޭގައި ބޭއްވި ރަންނަމާރި ޗެލަންޖުގައި އުމުރު ފުރައިން އެއްވަނަ
ސަރފިން ފަށައިގަތްއިރު ބޯޑެއް ހޯދުމަކީ ވެސް އިނާނަށް އުނދަގޫކަމެކެވެ. އޭރު ބޭނުން ކުރަން ފެށީ ރައްޓެހިންނާއި ބޭބެއިން އަތުން ބޯޑް ހޯދައިގެންނެވެ. މުބާރާތަކުން ވަނައެއް ނުލިބެނީސް ސީސްޕޯޓްސްއިން އޭނާ ސްޕޮންސަރކޮށް އެމްބަސަޑަރަކަށް ހެދުމަކީ ރާޅާއެކު ކުރިއަށް ދިއުމަށް އިނާނަށް ހުޅުވުނު ފުރުޞަތެކެވެ. އެއާއެކު ބޭނުން ކުރަންޖެހޭ ހުރިހާ އެއްޗެއް ދައްޗެއް ނެތި އޭނާއަށް ލިބެން ފެށިއެވެ.

ގުރައިދޫގައި ޕްރެކްޓިސް ކުރިއަށް ގެންދަނީ މެދުފަރު (ރިޕްޓައިޑް) އާއި ފޮކްސީ ޕޮއިންޓުގައެވެ. އެތަނުގައި ޕްރެކްޓިސް ކުރާއިރު ކޯޗަކު ނުހުރެއެވެ. އެހެންވެ އެކަން ކުރަނީ އިބޫ ކޯޗަށާއި އަހުމަދު އާގިލް އޭނާގެ ބަހުރުވައިން ނަމަ ތުލުސްދޫ "އައްމަޑޭ" އަށް ވީޑިއޯ ފޮނުވައިގެން ގެންނެވެ. ސަރފަރެއްގެ ގޮތުގައި ހުނަރު ތަރައްޤީ ކުރަން ބޭރުގެ ސަރފަރުންގެ އުކުޅުތައް ވެސް ވީޑިއޯ ބަލައިގެން އޭނާ އައީ ދަސްކުރަމުންނެއެވެ.

އިނާނަށް ރާއްޖެއިން ބޭރުން އެންމެ ކަމުދަނީ އޮލިމްޕިކްސްގައި އެންމެ ފުރަތަމަ ފަހަރަށް ބޭއްވި ސާފިން އިވެންޓުން ރަން މެޑަލް ހޯދި ބްރެޒިލްގެ އިޓާލޯ ފެރޭރާއެވެ. ރާއްޖެއިން އޭނާގެ ލެޖެންޓަކީ ރާޅު އައްމަޑޭއެވެ.
ރާއްޖެއިން ބޭރުގައި ރާޅާއަޅަން ދިއުމަކީ އިނާންގެ އުއްމީދެކެވެ. އެކަން ކުރަން ކުރާކަމަކީ ބުރަކޮށް މަސައްކަތް ކުރުމެވެ. އަހަރުން އަހަރަށް ހުނަރު ތަރައްޤީ ކުރުމެވެ.
" އެންމެ ދާން ބޭނުންވަނީ ހަވާއީގެ ޕައިޕްލައިން ގައި ރާޅައަޅާލަން" މުލީކޮޅު މުބާރާތަށް މިހާރު ތައްޔާރުވަމުން އަންނަ އިނާން ބުންޏެވެ.

ސަރފިންގައި އެންމެ ބޮޑު އެހީތެރިކަމެއް އިނާނަށް ލިބެމުން އަންނަނީ އާއިލާގެ ތެރެއިންނެވެ. މަންމައާއި ދޮންބެގެ ފަރާތުންނެވެ. އަދި އިބޫ ކޯޗާއި އައްމަޑޭއާއި ސަރފިން އެސޯސިއޭޝަންގެ ފޮޓޯގްރާފަރު ހުޕާގެ ފަރާތުންނެވެ.
އޭނާ އެންމެ އުފާވަނީ ގުރައިދޫގައި، ރާޅަށްދާ ކުދިން މިހާރު އިތުރުވަމުން އަންނާތީއެވެ. ސިއްރުން ފިލައިގެން ގޮސް ރާޅަށް ދާކަށް އެކުދިންނަކަށް ނުޖެހެއެވެ. ކުރިން ވަކަރުގޭކުދިން ކުރާ ކަމެއްގެ ލޭބަލް އޮތް ކުޅިވަރު، މިއަދު އެންމެން ބަލައިގަންނަ ކުޅިވަރަކަށް ވެއްޖެއެވެ.

"މިހާރު އޮތީ ކުރިން އޮތް މާހައުލެއް ނޫން. މީހުންގެ ވިސްނުން ބަދަލުވެއްޖެ. ރާޅަށްދާ ކުދިން އިތުރުވާން ފަށައިފި. ރާޅާއެޅުމަކީ ހަޤީޤަތުގައި ވެސް ކުޅިވަރެއްގެ ގޮތުގައި ރަށުގެ ރައްޔިތުން ބަލައިގެންފި" އިނާނަށް އެކަމުން ލިބެނީ ހިތްވަރެވެ.
މުލީކޮޅު ރާޅު ޖޫނިއަރ ޗެމްޕިއަންޝިޕްގެ ފަޚުރުވެރި ޓްރޮފީ ހިފައިގެން ރަށަށް ދިއުމުން ރަށުގެ ރައްޔިތުން ކަހަލަ ގޮތަކަށް ނުކުމެ އޭނާއަށް މަރުހަބާ ކިޔެއެވެ. ރަށު ސްކޫލާއި ކައުންސިލުން އެކަން ފާހަގަކުރިއެވެ. ކަރުގައި މާފަތިއަޅައި ލެޖެންޓެއްގެ ޝަރަފު އޭނާއަށް ދިނެއެވެ.
ކުރި މަލާމާތާއި ފުރައްސާރަ އިނާން ބަދަލުކޮށްލީ ތައުރީފަށެވެ. މިއަދު ގުރައިދޫގެ ކޮންމެ ރައްޔިތެއްގެ ދުލުން އޭނައަށް ކުރަނީ ތައުރީފެވެ. އޭނާގެ ހުނަރުން ރަށަށް ލިބެމުންދަނީ ރީތި ނަމަކާއި ޝަރަފެވެ. މިއަދު އެއީ މުޅި ރާއްޖެއަށް ބަލާއިރު ވެސް ކުރިއަރަމުން އަންނަ ޒުވާން ހުނަރުވެރި އެތްލީޓެކެވެ.
advertisment
ހިޔާލު