ތަމީމްގެ "މުސާޢަދާ" އޭއައި ވޮއިސް އެޕްލިކޭޝަނުން އަރަބިއްޔާ ދަރިވަރުންނަށް ކިޔެވުމަށް އެހީއެއް

ފިލާވަޅަޅުތަކާ ގުޅޭ ގޮތުން ކުރާ ކޮންމެ ސުވާލަކަށް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ޖަވާބު ދޭ  

އަލް މަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ސައިންސް ފެއަރ ނިމިގެން ދިޔައިރު، އެންމެ ފާހަގަކޮށްލެވުނު އެއް ޕްރޮޖެކްޓަކީ ގުރޭޑް 11ގައި ކިޔަވަމުން އަންނަ މުޙައްމަދު ތަމީމް އަޙްމަދު އުފެއްދި "މުސާޢަދާ" އޭއައި ވޮއިސް އެޕްލިކޭޝަނެވެ.

މުސާޢަދާގެ މާނައަކީ އެހީތެރިކަމެވެ. އަރަބިއްޔާގައި ކިޔަވައިދޭ އަޒްހަރު ޔުނިވަރސިޓީގެ ސަތޭކައެއްހާ ފޮތް އެ އެޕްލިކޭޝަނުގައި އޭނާ ވަނީ ހިމަނާފައެވެ. ސްކޫލުގެ މަންހަޖުގެ ތެރެއިން ކޮންމެ ސުވާލެއް ކުރި ނަމަވެސް އޭގެ ތާރީފާއި ދަސްކުރާނެ ގޮތް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ޚުލާސާ ގޮތެއްގައި ޢަރަބި ބަހުން ކިޔައިދެއެެވެ.

ތަމީމް، ދަރިވަރު ނޫހަށް ކިޔައިދިން ގޮތުގައި ތިން މަސް ދުވަހުގެ މަސައްކަތުން އުފެއްދި އޭއައި ވޮއިސް އެޕްލިކޭޝަނާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށާއި ދެން އޮތީ ގިނަ ދަރިވަރުންނާއި ސްކޫލަށް ބޭނުން ކުރެވޭ ގޮތަށް އެޕްލިކޭޝަނެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަރުހަލާ ކަމަށެވެ.

"މި އެޕްލިކޭޝަން އަދި މި އޮތީ ވަރަށް ޅަފަތުގެ ސްޓޭޖެއްގައި. އެންމެ ބޭނުންވި ގޮތަށް ކޯޑްވެސް އަދި ނުކުރެވޭ. އިތުރު ފުރިހަމަ ކަމެއް ގެނެސް ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކުރެވިއްޖެ ނަމަ އެއީ ދަރިވަރުންނަށާއި ސްކޫލަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް" ތަމީމް ބުންޏެވެ.

ތަމީމް ބުނީ، އެޕްލިކޭޝަން ތައްޔާރު ކޮށްފައި ވާނީ ސްކޫލުގެ ސިސްޓަމާ ވެސް އިންޓަރގުރޭޑް ކުރެވޭ ގޮތަށް ދުރުމުސްތަގުބަލަށް ވިސްނައިގެން ކަމަށެވެ.

ތަމީމް ބުނި ގޮތުގައި، ދިވެއްސާއި އިނގިރޭސި ފިޔަވައި އެހެން ހުރިހާ މާއްދާތަކެއް އަރަބި ބަހުން ކިޔަވައިދޭއިރު، ދަރިވަރުންނަށް އިތުރު އެހީ ބޭނުންވެއެވެ. ނަމަވެސް އެފަދަ އެހީ ހޯދޭނެ ފަސޭހަ ގޮތެއް ނެތް ކަމަށާއި ގޭތެރޭގައި ވެސް އާންމުކޮށް ވާހަކަ ދައްކަނީ ދިވެހި ނޫނީ އިނގިރޭސި ބަހުންނެވެ. އަރަބި ބަހުން ވާހަކަ ދައްކާނެ އަދި ކިޔެވުމަށް އިތުރު އެހީއެއް ހޯދޭނެ އެހީތެރިއެއްގެ މުހިންމުކަން އަރަބިއްޔާގެ ދަރިވަރުންނަށް ވަރަށް ބޮޑު ކަމަށް ތަމީމް ބުންޏެވެ.

އެހެންވެ އޭނާ އުފެއްދި އެ އެޕްލިކޭޝަނުގެ ބޭނުން ދަރިވަރުންނާއި ސްކޫލުން ބޭނުން ކުރާނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށް ތަމީމް ބުންޏެވެ.

އަރަބިއްޔާ ސްކޫލުގެ ސައިންސް ފެއަރ ބޭއްވީ ގުރޭޑް 7ން 12 ދަރިވަރުންނަށް، ހައުސްތަކުގެ މެދުގައެވެ. ކޮންމެ ހައުސަކުން ހުށައެޅީ ހަތަރު ޕްރޮޖެކްޓެވެ. ޕްރޮޖެކްޓް ހުށައެޅާފައި ވަނީ ދެ ޖިންސް ވަކިންނެވެ. ސައިންސް ކުރިއަށް ގެންދިޔައީ އެ ސްކޫލުގެ ސައިންސް ކުލަބުން އިސްނަގައިގެންނެވެ.

ތަމީމްގެ ޕްރޮޖެކްޓްގެ އިތުރުން މާލެއިން ކުނި ނަގާނެ ފަސޭހަ ނިޒާމެއް ޓެކްނޮލޮޖީގެ އެހީގައި ޤާއިމް ކުރުމާއި، ޕްލާސްޓިކްގެ ބަދަލުގައި ބައޮ ޕްލާސްޓިކް އުފެއްދުމާ ގުޅޭ ޕްރޮޖެކްޓެއް ވެސް މި ފެއަރގައި ދައްކާލާފައިވެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *