ހަނިމާދޫ ސްކޫލުގައި، ފެނުގައި ގަސް އިންދަން ދަސްކޮށްދޭ ކުޑަ ޓްރެއިނިންގ ސެންޓަރެއް

ހދ. ހަނިމާދޫ ސްކޫލުގައި ގްރީންހައުސްއަކާއެކު ހައިޑްރޯޕޯނިކް ސިސްޓަމެއްތަކެއް ޤާއިމް ކޮށް ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފިއެވެ. ދެ މަހާއި ބައިގެ މުއްދަތަށް މިހާރު ކުރިއަށް ގެންދާ ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށް ގެންދަނީ އެ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނަށެވެ.

ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށް ގެންދަނީ، ހަނީމާދޫ އެގްރިކަލްޗަރ ސެންޓަރާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އެ ސްކޫލުގައި ޤާއިމް ކުރި " ސްކޫލް ހައިޑްރޯޕޯނިކްސް ޕްރޮގްރާމް" ގެ ދަށުން ތަރައްޤީ ކުރި ޓްރެއިނިންގ ސެންޓަރުގައެވެ. އެ ސެންޓަރުގައި ގްރީންހައުސްއެއްގެ އިތުރުން އެއް ފަހަރާ ތިން ބާވަތް ހެއްދޭ ގޮތަށް ހައިޑްރޯފޯނިކްސް ތިން ސިސްޓަމް ވަނީ ޤާއިމްކޮށްފައެވެ.

" މިއީ ކުޑަ ޓްރެއިނިންގ ސެންޓަރެއް، މި ތަނުގައި ދަރިވަރުންނާއި ޓީޗަރުންނާއި އަމާޒުކޮށް ދާއިމީ ގޮތެއްގައި ޓްރެއިނިންގ ޕްރޮގްރާމް ހިންގަމުން ގެންދާނަން" ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ނާހިދު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

ނާހިދު ވިދާޅުވީ، ޓްރެއިނިންގ ތެރެއިން ލެޓިއުސް އާއި ކިއުކަމްބާ ކާމިޔާބު ކަމާއެކު ބައިވެރިން ހައްދާފައިވާ ކަމަށާއި މެލަން ހެއްދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ.

ބައިވެރިން ހެއްދި ލެޓިއުސްއާއި ކިއުކަމްބާ، އެ ބޭނުންވި ފަރާތްތަކަށް ވަނީ ވިއްކާފައެވެ. އެންމެ ފަހުން ވިއްކީ ކިއުކަމްބާއެވެ.

ހަނިމާދޫ ސްކޫލުން ނިންމާފައި ވަނީ އެ ސްކޫލުގެ ކޮންމެ ގުރޭޑަކަށް ވެސް ގަސްއިންދުމުގެ ޓްރެއިނިންގ ޕްރޮގްރާމެއް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާށެވެ. އޭރުން އެ ސްކޫލް ނިންމާ ކޮންމެ ދަރިވަރަކަށް ފެނުގައި ގަސްއިންދުމުގެ އަސާސީ ހުނަރުތައް ހުންނާނީ ލިބިދީފައެވެ.

" ބޭނުންވަނީ ޓްރެއިނިންގ ސެންޓަރުގެ ބޭނުން އެންމެ ފައިދާ ހުރި ގޮތެއްގައި ދަރިވަރުންނަށް ލިބިދެވޭނެ ގޮތަށް އިންތިޒާމްތައް ރާވަން. އަދސި އޭގެ ބޭނުން ޓީޗަރުންނާއި ބެލެނިވެރިންނަށް ވެސް ހިފޭ ގޮތަށް" ނާހިދު ވިދާޅުވިއެވެ.

" މިހާރު ކުރިއަށް ގެންދާ ޓްރެއިނިންގ ނިމުނީމާ، ކުދިންނާއި ޓީޗަރުން އަދި ބެލެނިވެރިން އެހެން ކުދިންނަށާއި ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމްތައް ހިންގައިދޭނެ. އޭރުން ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނީ"

ނާހިދު ވިދާޅުވީ، އެ ޓްރެއިނިންގ ސެންޓަރު ތަރައްޤީ ކޮށްދިނުމުގެ އިތުރުން ބޭނުންވާ އެހީތެރިކަން ބޭނުންވާ ކޮންމެ ފަހަރަކު ލިބޭނެ ކަމުގެ ޔަޤީންކަން އެގްރިކަލްޗަރަލް ސެންޓަރުން ދީފައިވާ ކަމަށާއި އެއީ އެ ސެންޓަރުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.

ހަނިމާދޫ ސްކޫލުގައި 500 އެއްހާ ދަރިވަރުން މިކަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *