ކަލާފާނު ސްކޫލްގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފަން ފެއަރ "ކަލާފަންފެއަރ" މިއަހަރު ވެސް ބޭއްވުމަށް އެ ސްކޫލުން ތައްޔާރުވަމުން އެބައާދެއެވެ. މި ނޮވެމްބަރ މަހުގެ 14 އަދި 16 މި ދެދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ފެއަރގައި މިއަހަރުވެސް ތަފާތު ކުޅިވަރުތައް ހިމެނޭ ސްޓޯލްތަކާއި ސްޓޭޖް ހަރާކާތްތަކުގެ އިތުރުން "ފީފާ ޗެލެންޖް" ގޭމް މުބާރާތެއް ވެސް ކުރިއަށް ގެންދާނެކަމަށް އެ ސްކޫލުން މައުލޫމާތުދެއެވެ. އަދި މީރު ކާނާތައް ހިމެނޭ ކެންޓީނަކާއި ޖަންބްލް ސޭލެއް ވެސް ހިމެނޭ ގޮތަށް ކުރިއަށް ދާ މި ފެއަރގައި، ނުހަނު ފުރިހަމަ ބިރުވެރި ހޮހަޅައެއްވެސް ހުންނާނެކަމަށް ސްކޫލުން ބުނެއެވެ.

ސްޓޭޖު ޝޯވްގެ ތެރެއިން މަޝްހޫރު ބޮޑުބެރު ގްރޫޕްތަކުގެ ފަރި ހަރަކާތްތަކާއި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީގެ ޚާއްޞަ ހުށަހެޅުންތައް ވެސް ފެނިގެންދާނެއެވެ.
އަދި މިޝޯވްއަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ މެދުގައި ކޮންމެ ދުވަހަކު ނެގުމަށް ހަމަޖެހިފައިވާ ލަކީޑްރޯތަކަށް ބޮޑެތި އިނާމްތަކެއް ހުށަހެޅިފައިވާކަމަށް ވެސް ސްކޫލުން މައުލޫމާތުދެއެވެ. އެގޮތުން ދެވޭ އިނާމްތަކުގެ ތެރޭގައި، އެކި މަންޒިލުތަކަށް ކުރެވޭ ދަތުރުތަކާއި ބައިސްކަލް ފަދަ ތަކެއްޗާއި ގެސްޓްހައުސް ސްޓޭ ފަދަ އިނާމްތައް ހުށަހެޅިފައިވާކަމަށް ސްކޫލްގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވިއެވެ.

ފެއަރ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 14 ވަނަ ދުވަހުގެ ރޭގަނޑު އަދި 16 ވަނަ ދުވަހުގެ ހަވީރާއި ރޭގަނޑެވެ. ރޭގަނޑުގެ ދަންފަޅި ފެށޭނީ 19:45 ގައެވެ. އަދި ހަވީރު ދަންފަޅި ފެށޭނީ 15:45ގައެވެ.
advertisment
ހިޔާލު