އައިޔޫއެމް އިޤްރައު ފޮތް މަޢުރަޒު" މި މަހު 13ން 16އަށް

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ އިޤްރައު ފޮތް މައުރަޒު މި އަހަރު ބާއްވަން ނިންމާފައި ވަނީ ނޮވެމްބަރު 13ން 16އަށް އެ ޔުނިވަރސިޓީގެ ހޯލުގައެވެ.

އައިޔޫއެމްއިން ބުނީ، މި މައުރަޒުގައި ފޮތް ވިއްކާ އަދި ޝައިޢު ކުރާ ފަރާތްތަކުގެ އިތުރުން  ލިޔުންތެރިންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

އިޤްރައު ފޮތް މައުރަޒަކީ ހެޔޮއަގުގައި ފޮތް ގަތުމުގެ މާހައުލެއް އުފެއްދުމާއި ފޮތް ވިއްކާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށް ދިނުމުގެ އިތުރުން، މުޖްތަމައުގެ އަފުރާދުންގެ މެދުގައި ފޮތްތެރިކަމަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ މަޢުރަޒެކެވެ. ފޮތް މައުރަޒުގައި އެކި އުމުރުފުރާތަކުގެ ތަފާތު މާއްދާތަކުގެ ފޮތްތައް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

އައިޔޫއެމްއިން ބުނީ، ފޮތް މައުރަޒަކީ އާންމުންނަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ ހަރަކާތަކަށް ވުމާއެކު، ޢިލްމީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ދެ ދުވަހަކަށް ބަހާލައިގެން އިސްލާމީ ޝަރީއަތުގެ އިތުރުން ދިވެހި ބަހާއި ފޮތްތެރިކަމުގެ މައްޗަށް ޢިލްމީ ގޮތެއްގައި މަޝްވަރާ ކުރުމަށް ދެ ޑިސްކަޝަން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ޑިސްކަޝަން ތަކުގައި އާންމުންނަށް ސުވާލު ކުރުމުގެ ފުރުޞަތު ވެސް ހުޅުވާލާފައިވާ ކަަމަށެވެ.

ފޮތް މައުރަޒު ކުރިއަށް ގެންދާއިރު، އެކު އުމުރުފުރައިގެ ކުދިންނަށް އަމާޒުކޮށްގެން މަދަހައާއި ބަންޖާއި ރައިވަރު އަދި ވާހަކަ ކިޔުމާއި ތަފާތު ހުނަރުތައް ދަސްވާނެ ފަދަ ހަރަކާތްތައް ހިމެނޭގޮތަށް " ނޮލެޖް ކޯނަރ" ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ ނޮވެމްބަރު މަހުގެ 15އާއި 16 ވަނަ ދުވަހުގެ ހަވީރު 4ން 6އަށެވެ. މީގެ އިތުރުން 6 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ " ބުކްމާކް" ފަރުމާ ކުރުމުގެ މުބާރާތެއް ވެސް ކުރިއަށް ގެންދަން  އައިޔޫއެމްއިން ވަނީ ނިންމާފައެވެ.

އައިޔޫއެމްއިން ބުނީ، އިޤްރައު ފޮތް މައުރަޒުގައި އޮންލައިންކޮށް ފޮތް ވިއްކުމަށް އިޤްރައު ވެބެސައިޓް މެދުވެރިކޮށް ފޮތް ވިއްކުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި މައުރަޒު އިފްތިތާޙު ކުރުމުގެ ހަފުލާގައި ފޮތް އިފުތިތާޙު ކުރުމާއި ފޮތް ހަދިޔާ ކުރުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައި ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *