އިންސާނާ ވަޒަން ކުރެވޭނީ އޭނާގެ ދުލުން ބުނާ ބަސްތަކުން

އިންސާނާ ވަޒަން ކުރެވޭނީ އޭނާގެ ދުލުން ބުނާ ބަސްތަކުންނެވެ. އޭނާ ހަނުހުރެއްޖެ ނަމަ އޭނާއާ މެދު، ނިޔާއެއް ކަނޑައަޅާކަށް ނޭނގޭނެއެވެ. އޭނާ ވަހަކަދައްކައިފި ނަމަ، އޭނާގެ ޝަޚްޞިއްޔަތު ފާޅުވާނެއެވެ. ހަރުދަނާކަމާއި ދޯހަޅިކަން ފެނިދާނެތެވެ.

މިއަދުގެ ހުޠުބާ އަމާޒު ކުރީ ހަރުހުރުމުގެ އަޚްލާގުގެ މައްޗަށެވެ. ކަމަކާ މެދު އިންސާނާ ވިސްނައި، އޭނާގެ ޢަމަލުތައް މުރާޖަޢާކޮށް، އޭނާގެ ކަންތައްތަކަށާއި ޙާލަތްތަކަށް ބަލައި ވަޒަންކުރާ އިރު، އޭނާ ހަނުހުރުމުގެ އަތަށް ލެނބޭ ކަމަށް ހުޠުބާގައި ފާހަގަކޮށްފައިވެއެވެ. ހަނުހުރުމަކީ މުއުމިނުންގެ ސިފަތަކުގެތެރޭގައި ހިމެނޭ ސިފައެއް ކަމަށާއި އެއީ ބުއްދިވެރީންނާއި ވިސްނުންތެރީންގެ ސިފަ ކަމަށް ބަޔާން ކޮށްފައިވެއެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫ ޛައްރުގެފާނަށް ކީރިތި ރަސޫލާ ދެއްވި ނަސޭހަތުގައި ވެއެވެ. ޚުލްޤު ހެޔޮވުމާއި ހަނު ހުރުމުގައި ވަރުގަދައަށް ހިފަހައްޓާށެވެ! ފަހެ ހަމަކަށަވަރުން މި ދެކަމަށް ވުރެން ހެޔޮ ކަމަކާއިގެން ތިބާ ﷲއާ ބައްދަލެއް ނުކުރާނެތެވެ.

ހުޠޫބާގައި ބުނެފައި ވަނީ، ބުއްދިވެރި ގޮތަކީ މަޞްލަޙަތެއް ނެތް ނަމަ، ހަނުހުރުމެވެ. ބޭކާރު ވާހަކަތައް ނުދެއްކުމެވެ.

" ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެކެވެ. ފަހެ އޭނާ ބާޠިލު ވާހަކަތަކާ ދުރުހެލިވެ ހުރެއްޖެ ނަމަ، އޭނާ ވާނީ ސުވަރުގޭގެ އަހުލުވެރިއަކަށެވެ. އޭނާ ބާޠިލުވާހަކަދައްކަން ފަށައިފި ނަމަ ޝައިޠާނާ އޭނާ އަތްއަތަށް ދަމާން ފަށައިފާނެތެވެ. އެކަލޭގެ އެދޭގޮތަށް އެދޭ ކޮންމެ ވަގުތަކު އޭނާ އަނބުރައިލައިފާނެއެވެ. އިންސާނާއަށް އޭނާގެ ބަސްތައް ކޮންޓުރޯލުނުކުރެވިއްޖެ ނަމަ އޭނާއަކީ އަނގަ ހުތުރު، ހިތް ފަސާދަވެފައިވާ މީހަކަށް ވެދާނެއެވެ" މިއަދުގެ ހުޠުބާގައި ބުނެފައިވެއެވެ.

" އިންސާނާ ވަޒަން ކުރެވޭނީ އޭނާގެ ދުލުން ބުނާ ބަސްތަކުންނެވެ. އޭނާ ހަނުހުރެއްޖެ ނަމަ އޭނާއާ މެދު، ނިޔާއެއް ކަނޑައަޅާކަށް ނޭނގޭނެއެވެ. އޭނާ ވަހަކަދައްކައިފި ނަމަ، އޭނާގެ ޝަޚްޞިއްޔަތު ފާޅުވާނެއެވެ. ހަރުދަނާކަމާއި ދޯހަޅިކަން ފެނިދާނެތެވެ."

ރަސޫލުﷲ ގެ ފާނުގެ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އާދަމުގެދަރިޔާ ހެނދުނު ހޭލާ އިރަށް އޭނާގެ ގުނަވަންތައް އާދޭހާއެކު ބުނާނެތެވެ. އަހަރެމެންގެ ޙައްޤުގައި، ތިބާ މާތް ﷲއަށް ބިރުވެތިވާށެވެ! ފަހެ އަހަރެމެންނަކީ ތިބާގެ ސަބަބުން ޖަޒާ ލިބޭނެ ބައެކެވެ. ތިބާ ސީދާވެގެންފި ނަމަ އަހަރެމެންނަށް ސީދާކަން ލިބޭނެތެވެ. ތިބާ ކަސިޔާރުވެއްޖެ ނަމަ، އަހަރެމެން ވެސް ކަސިޔާރުވެދާނެތެވެ."

މުއުމިނާއަކީ އޭނާގެ ދުލަށް ރައްކައުތެރިވާ މީހެއް ކަމަށާއި ޢަމަލު ގިނަކޮށް ބަސް މަދުކުރާ މީހެއް ކަމަށް ބަޔާން ކޮށްފައިވެއެވެ. މުއުމިނާ ވާހަކަދައްކާނީ އޭނާގެ ނަފްސަށާއި އޭނާގެ މުޖްތަމަޢަށާއި އޭނާގެ ވަޠަނަށް ފައިދާ ހުރި ކަންކަމުގައެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވައިވަނީ "ހެޔޮބަސްބުނެ ފައިދާލިބިގަތް މީހާއަށާއި، ހަނުހުރެ ރައްކައުތެރިކަން ހޯދި މީހާއަށް ﷲ ރަޙްމަތްލައްވާށިއެވެ!"

ކިރިތި ރަސޫލާ މުސްލިމުންނަށް އަމުރުކުރައްވަނީ ހެޔޮ ބަހެއް ނޫނީ ނުބުނުމަށެވެ.  ރިވެތި ބަހުން މީހުންނާ މުޚާޠަބުކޮށް މުޢާމަލާތުކުރާ މީހާއަށް ﷲގެ ޙަޟްރަތުގައި މަތިވެރި މަޤާމެއް ލިބެއެވެ. މީސްތަކުންގެ ގާތުގައި ރުހުމާއި މަޤްބޫލުކަން ލިބެއެވެ. މީސްތަކުންގެ ގާތުގައި އޭނާ ވާނީ އެ މީހުންގެ ޙަޔާތަށް އަލިކޮށްދޭ ދަންމަރަކަށެވެ. މީސްތަކުން އޭނާއަށް އިތުބާރުކޮށް އޭނާގެ ގާތަށް ނަސޭހަތް ހޯދުމަށް އަންނާނެތެވެ. އޭނާ ވާނީ މުޖްތަމަޢު އިޞްލާޙުކޮށްދޭ ފަރުދަކަށެވެ.

ހަނުހުރުމުގެ އިމަކީ ތިބާއާ ބެހޭ ކަންކަމުގައި ރިވެތި ބަހުން ބަސްބުނުމެވެ. ތިބާ މިއަދު ބުނާ ކޮންމެ ކަލިމައަކާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ތިބާއާ ސުވާލުކުރެވޭނެތެވެ. އެހެންކަމުން ވާހަކަދައްކަންވާނީ މި ކަމަށް ސަމާލުވެގެންނެވެ.

ހުޔޫބާ ގައި ގޮވާލެއްވީ ހަނުހުރުމުގެ ޚުލްޤުން ޒީނަތްތެރިވުމަށެވެ ބޭނުންވާ މިންވަރަށް ވާހަކަދެއްކުމަށެވެ. މި ޒަމާނުގެ މީސްމީޑިޔާތަކުގެ މަންސަތަކަށް ވަދެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަނުކުރުމަށެވެ. ވަގުތަކީ މާތް ﷲ ދެއްވި ނިޢުމަތެއް ކަމާއި އެ ނިޢުމަތާމެދު ޣާފިލުވާ މީހުން ވަރަށް ގިނަވެފައިވާއިރު އެ ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *