ރައީސްގެ ޕީއެޗްޑީގެ ފަހު ހަތަރު މަސްދުވަސް: ދަރިވަރުންނަށް އެތައް ފިލާވަޅެއް

ކޮންކްރީޓް ޓެކްނޯލޮޖީގެ ދިރާސާ ކާމިޔާބު ކުރެއްވީ 20 ގަޑިއިރު މަސައްކަތްކޮށް، ދެ ގަޑިއެއްހާއިރު އަވަހާރަފުޅު ލައްޕަވައިގެން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކިޔެވި ދަރިވަރުން ދަސްވެނި ވުމަށް އިއްޔެ ބޭއްވި ޚާއްޞަ ހަފުލާ ޝަރަފުވެރިކޮށް ދެއްވައި، އެންމެހައި ކިޔަވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް މުހިންމު ފިލާވަޅުތަކެއް އެމަނިކުފާނުގެ ތައުލީމީ ދަތުރުފުޅުން ނަންގަވައިދެއްވިއެވެ. މަތީ ތަޢުލީމީ ހަރުފަތުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެމަނިކުފާނުގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވިއެވެ.

"ހަނދާނަށް ގެންނަންވީ މިއަދާ ހަމައަށް އައުމަށް ކުރި މަސައްކަތް. އެއީ، ވަރަށް މުހިންމު ކަމެއް. އެއީ ކީއްވެތޯ؟ އެއީ، އެހާ ބުރަ މަސައްކަތާ އެކީގައި، މިހާ މަތީ ވަނަތައް ހޯދައިގެން ނުކުމެ، އެ ކުރެވުނު ކަންކަން މަތިން ހަނދާންނުކޮށް، ދެން ކުރިއަށްދާން ވެއްޖިއްޔާ، ޙަޤީޤަތުގައި ތިމާގެ ކިބައިން، ކުރިން އަޅުގަނޑު ދެންނެވިފަދައިން، ޤައުމަށް ކޮށްދެވޭނެ ކަމަކީ ކޮބައިތޯ ބަލައި، އެންމެ ރަނގަޅު މިންވަރެއްގައި، އެކަން ކުރުމުގައި، ކުރިއަށް ދިއުމަށް އުނދަގޫތަކެއް ކުރިމަތިވާނެ. އެ ޢަޒުމް ވަރުގަދައެއް ނުވާނެ"

ދެން އެމަނިކުފާނު އާކޮށް ދެއްވީ އެމަނިކުފާނުގެ ޕީއެޗްޑީގެ މަރުހަލާގައި މަސައްކަތް ކުރެއްވި ގޮތެވެ. ސިވިލް އިންޖިނިއަރިންގ ދާއިރާއިން ޕީއެޗްޑީ ހެއްދެވުމަށް، ކޮންކްރީޓް ޓެކްނޯލޮޖީގެ ދާއިރާއިން ހެއްދެވި ދިރާސާ ކާމިޔާބު ކުރެއްވުމަށް ވަރުގަދަ ޢަޒުމަކާއެކު ބުރަކޮށް ކުރެއްވި މަސައްކަތްޕުޅެވެ.

" ރެޔާއި ދުވާލު ލެބޯޓްރީގައި އުޅެންޖެހުނީ. ވަކި ވައްތަރެއްގެ ސްޕެސިމަންތަކެއް ހަދައިގެން، އޭގެ ދަށަށް ވަދެ އޮވެ، 1.2 މީޓަރު، 1.2 މީޓަރުގެ އެލް. ޝޭޕްގެ ބްލޮކެއް ހަދައި، ވަކި ގޮތަކަށް މިކްސްކޮށްގެން ކޮންކްރީޓް ހަދައިގެން، އޭތި ވަކިގޮތަކަށް ކިޔޯ ކޮށްގެން، އޭގެ މަތީގަޔާއި، އަޑީގަޔާއި، ސަތޭކައަށްވުރެ ގިނަ އެކި ވައްތަރުގެ ޓެމްޕަރޭޗަރ މެޝަރކުރާ ޑިވައިސްތަކާއި، މޫވްމަންޓް މެޝަރކުރާ ޕޮއިންޓްސްތައް އަމިއްލައަށް، ބުރުމާއިން ތޮރުފައިގެން، ހަރުކޮށްގެން، ރެޔާއި ދުވާލު ވަކި ގަޑިތަކެއްގައި، ބިންމަތީ އޮށޯވެ އޮވެގެން، އޭގެން ރީޑިންގ ނަގައިގެން، އެތައް އަހަރެއް ހޭދަކުރީ. އެއީ، ސައިންޓިފިކް ދިރާސާއެއް. އެއަށް ވާގޮތް ބަލަންވެގެން. އޭގައި ބްލޭންކެޓެއް އަޅުވައިގެން، ހޫނުކޮށްގެން، ހޫނު މަޑުކޮށް، ހޫނު މަތިކޮށް ހެދީމަ، ދެން އެވާގޮތެއް ބަލައި، މިކަހަލަ ކަންތައްތަކެއް ކުރީ" ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެ މަސައްކަތާ އެކީގައި ލިޓްރެޗަރ ރިވިއު، އެކަމާ ގުޅޭ ދާއިރާތަކުގެ އެތައް ސަތޭކަ ޕޭޕަރުތައް ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް، ތިއެރޮޓިކަލް އެނަލިސިސްއެއް ހަދައި، އާ އީޖާދެއް ކުރެއްވުމަށް އެތައް ދުވަހެއް މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ.

ދަރުބާރުގޭގައި އޮތް ރަސްމިއްޔާތުގައި ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި، ސުޕަވައިޒަރާއި، އެތައް ބައެއްގެ އެހީތެރިކަމާ އެކީގައި އެ މަސައްކަތް ކާމިޔާބު ކުރެއްވުމަށް، އެކަމަށް ވަގުތު ހުސްކުރެއްވުމަށް ޢާއިލާވެސް މާލެއަށް ބަދަލުކުރެއްވި ކަމަށެވެ.

" ފަހު ހަތަރު މަސްދުވަސް، ކޮންމެ ދުވަހަކު 20 ގަޑިއިރު މަސައްކަތުގައި އުޅުނީ، ޔުނިވަރސިޓީގައި. ކޮންމެ ދުވަހަކު 20 ގަޑިއިރު. ނިދީ ދެ ގަޑިއިރު، ތިން ގަޑިއިރު. ޔުނިވަރސިޓީއަށް ގޮސް އަންނަން ދާނެ ވަގުތާ އެކީގައި، ހަތަރު ގަޑިއިރަށްވުރެ ގިނައަކުން ނުދާނެ އެހެން ކަމަކަށް. އެ މަސައްކަތް އިރާދަކުރެއްވީތީ ކޮށް ނިމުނީމާ، އެކްސްޓަރނަލް އެގްޒެމިނަރ ބުނި ހަނދާން އަދިވެސް އެބަހުރި. ތިމަންނަ އެއްކޮޅުން އަނެއްކޮޅަށް ތިއަރެޓިކަލް އެނަލިސިސް ކިޔާކިޔާވެސް މިސްޓޭކެއް ނުފެނުނޭ. ކިހިނެއްހޭ ހެދީ. އަޅުގަނޑު ދެންނެވީ، ސުޕަވައިޒަރުގެ އެހީތެރިކަމާއެކީގައި، އެ ދިން ސަޕޯޓާއެކީގައި ދެން އަޅުގަނޑު، އެ ގައިޑަންސާ އެކީގައި މަސައްކަތް ކުރީއޭ. ވަރަށް ރަނގަޅު ބޭފުޅެއް ހުންނެވީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތިމާ ދާން ބޭނުންވާ ހިސާބަށް ދިއުމުގައި ހިންމަތާއެކީގައި، ވަރުގަދަ ޢަޒުމަކާ އެކީގައި މަސައްކަތް ކުރީމާ ނަތީޖާ ރަނގަޅުވާނެ ކަމަށާއި ހުރިހާވެސް އެއްޗަކީ ނަތީޖާ ކަމަށެވެ.

" އެ ނަތީޖާގެ މައްޗަށް، ދެން އެމީހާ އިތުރު ހިތްވަރަކާ އެކީގައި، ދެން އޮތް ހަރުފަތަކަށް ދާން މަސައްކަތް ކުރަންޖެހޭނީ"

ޢަޒުމަކަށް ވާންވީ ކިތަންމެ ބޮޑު ޗެލެންޖެއް ކުރިމައްޗަށް އަޔަސް، އަމިއްލަ ނަފްސަށް އިތުބާރުކުރުމަކީ ފުރަތަމަ ކުރަންޖެހޭ މަސައްކަތް ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރިވަރުންނަށް ހަނދާންކޮށް ދެއްވިއެވެ.

"ޕޮޒިޓިވް ތިންކިންގގައި ކުރިޔަށް ދާން. ޕޮޒިޓިވް ތިންކިންގގައި ކުރިޔަށް ދިޔައީމާ، އިރާދަކުރެއްވިއްޔާ ﷲގެ އިރާދަފުޅާއެކީގައި ދިރިއުޅުން ކާމިޔާބުވާނެ. ތިމާގެ ކިބައިން ކަންތައްތަކެއް ޤައުމަށް ކޮށްދެވޭނެ. ޕޮޒިޓިވް ތިންކިންގގައި ތިމަންނައަށް ކަން ކުރެވޭނޭ، ތިމަންނައަކީ ތިމަންނަގެ އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރު ކޮށްގެން، ތިމަންނައަކީ ތިމަންނަގެ ކިބައިން ތިމަންނަގެ ޢާއިލާއަށާއި، ތިމަންނަގެ މުޖުތަމަޢަށް ކަންތައްތަކެއް ކޮށްދެވިދާނެ މީހެއްކަން ގަބޫލުކޮށްގެން ކުރިޔަށް ދާށޭ. މިއަދު ތިހިސާބަށް ތި އާދެވުނީ ވަރަށް މަސައްކަތުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ނަތީޖާއެއް ނެރެން ޖެހޭ ކަމަށާއި ނަތީޖާ ނެރެދިނުމުގައި، ޕޮޒިޓިވް ތިންކިންގގައި ކުރިޔަށް ވަޑައިގަންނަވަން ޖެހޭ ކަމަށާއި ތިމަންނައަކީ ދިވެއްސަކަށްވީތީ، މި ދިވެހި ޤައުމަށް އުފަންވި، ނޭވާލާ ދިވެއްސެއްގެ ފަރާތުން ފެންނަންޖެހޭ ހުރިހާ ކަމެއް ޤައުމަށްޓަކައި ފެންނާނެ މީހެއް ކަމުގައި ޢަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.

" އެއީ، ކީއްވެތޯ؟ އެއީ، އަޅުގަނޑުމެންނަށް ލޯމަރާނުލެވެނެ ޙަޤީޤަތެއް ކަމުގައި މިއަދުގެ މި ދުނިޔެ އޮތީތީ. އަޅުގަނޑުމެންނަކަށް ލޯމަރައެއްނުލެވޭނެ، އަޅުގަނޑުމެންގެ މި ބަވަނަވެފައިވާ މި ދުނިޔޭގައި ކަންތައްތައް މި ވަމުންދާގޮތުން. ހަމައެކަނި ތިމަންނަގެ އަނބިދަރިންނަށް، ޢާއިލާއަށް އެކަނި ވިސްނައިގެން މިވަގުތަކު ނެތް ކުރިޔަށް ދެވޭކަށް. މި ގްލޯބަލައިޒްޑް، މި ބަވަނަވެފައި މި އޮތް ދުނިޔޭގައި، މި ހިނގާ އޮއިވަރުތަކުގައި، ތިމަންނަ މިއީ ދިވެއްސަކަށްވީތީ، އަޅުގަނޑުމެންނާ ހަމައަށް މި ޤައުމު ގެނެސްދިން އަބްޠާލުން އެ ވީ ޤުރުބާނީ މަތިން ހަނދާންކޮށް، އަޅުގަނޑުމެންގެ ޤައުމުގެ ކަންތައްތައް ވެގެންދާނެ ގޮތް ހިތަށް ގެނެސް، ތި ކިޔެވި ކިޔެވުމެއްގެ ބޭނުން، ޤައުމީ ވިސްނުމެއްގައި ހިފައިގެން، އެ ޤުރުބާންވި ހުރިހާ ޤުރުބާނީއެއް ހަނދާނަށް ގެނެސް، އެބަޖެހޭ ތިމަންނައަށް ޤައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލައިދޭން"

ރައީސް ވިދާޅުވީ، ޤައުމު އާރާސްތުކުރުމުގައި ހާސިލުކުރެވޭ ޢިލްމަކީ ބޭނުން ހިފާ އެއްޗަކަށް ހަދަން އެބަޖެހޭ ކަމަށާއި ޤައުމެއް ބިނާކުރެވޭނީ، ދެ ރޮނގަކުން ކަމަށެވެ. އެއީ ފިކުރީގޮތުންނާއި ފިޒިކަލް، ފެންނަން ހުންނަ ގޮތްގޮތުން ކަމަށެވެ.

"ފިކުރީ ގޮތުން މި ކުރަންޖެހޭ ކަންކަމަށް އަޅުގަނޑު މި ދެންނެވީ، ޤައުމީ ވިސްނުމެއްގައި އެބަޖެހޭ ތިޔަބޭފުޅުން މަސައްކަތްތަކެއް ކުރަން. އެހެން ނޫނިއްޔާ، އަޅުގަނޑުމެންނަށް މިލޯމަރައިލެވެނީ ފެންނަން އޮތް ޙަޤީޤަތެއްގެ ކުރިމަތީގައި ކުރެވޭ ބޭއިންސާފަކަށް. އަޅުގަނޑުމެންގެ ދަރީންގެ ދަރިންގެ މުސްތަޤްބަލަށް އަޅުގަނޑުމެންނަށް ލޯމަރައިމިލެވެނީ. އެހެންވީމާ، އެހެން ނުހައްދަވައި، އެބަ ޖެހޭ މަސައްކަތްތަކެއް ކުރަން."

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *