އައްޑޫ ކައުންސިލް ޤުރުއާން މުބާރާތުން މުއައްސަސާތަކުގެ ބައިން އެއްވަނަ ޝަރަފުއްދީން ސްކޫލަށް

ސްކޫލްތަކުގެ ބައިން ނުބަލާ ކިޔެވުމުން އެއްވަނަ ހިރާ ސްކޫލްގެ އަރީކަށް، ބަލައިގެން ކިޔެވުމުން އެއްވަނަ އައްޑޫ ހައި ސްކޫލުގެ ނާވިޔާއަށް

އައްޑޫ ކައުންސިލް ޤުރުއާން މުބާރާތުން މުއައްސަސާތަކުގެ ބައިން އެއްވަނަ ޝަރަފުއްދީން ސްކޫލުން ހޯދައިފިއެވެ.

މުއައްސަސާތަކުގެ ބައިން ދެވަނަ ހޯދީ ހިތަދޫ ސްކޫލެވެ. އަދި ތިންވަނަ ހޯދީ ސ. އަތޮޅު މަދަރުސާއެވެ. ސްކޫލްތަކުގެ ބައިން ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދީ ހިރާ ސްކޫލްގެ އަރީކް ހާދީ މުހައްމަދެވެ.

ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހާސިލްކުރީ އައްޑޫ ހައި ސްކޫލްގެ ނާވިޔާ ހަސަން ހުސައިން އެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ރެކްރިއޭޝަން އެންޑް ވެލްފެއަރ ކްލަބުން އިންތިޒާމްކުރި މިމުބާރާތުގައި 12 ސްކޫލުން 237 ދަރިވަރުންނާއި 10 މުއައްސަސާއަކުން 104 ބައިވެރިން އަދި 2 ހާފިޒުން ބައިވެރިވިއެވެ. މިމުބާރާތުގެ ފަނޑިޔާރުންނަކީ އަލްޤާރީ އަޙްމަދު ތައުފީޤު، އަލްޤާރީ އިބްރާހީމް ޝަރީފް، އަދި އަލްޙާފިޡު އިބްރާހީމް ޒުހައިރު އެވެ.

މުބާރާތުގައި މި އަހަރު 343 ދަރިވަރުން ބައިވެރިވިއެވެ.

އައްޑޫސިޓީ ކައުންސިލުން ބޭއްވި ޤުރުއާން ކިޔެވުމުގެ މުބާރާތަކީ ކާމިޔާބު އަދި އިންތިޒާމްތައް ފުރިހަމަ މުބާރާތެއް ކަމުގައި އެމުބާރާތުގެ ފަނޑިޔާރުންގެ ޕެނަލް ގައި ހިމެނިވަޑައިގެންނެވި އަލްޤާރީ އަހުމަދު ތައުފީޤު ވަނީ ވިދާޅުވެފައެވެ. ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޤާރީ ވިދާޅުވީ، ޤުރުއާން ކިޔަވާ ހިތްވާކުދިން އައްޑޫގައި ތިބިކަން މިމުބާރާތުން ސާބިތުވެފައިވާ ކަމަށެވެ.

"މިފަދަ މުބާރާތަކަށް ދޭންޖެހޭ ވަގުތު ނަގައިގެން ކުދިންނަށް ވަގުތު ދީގެން މުބާރާތް ގެންދެވުނީމާ، ކުދިން ސާބިތުކޮށްދީފި ޤުރުއާންގެ އަޑު އިއްވަން ކެރޭ ކުދިބަޔަކު އައްޑޫގައި ތިބިކަން."

ކުދިންގެ ކިޔެވުމުގެ ކަންކަން ރަނގަޅު ކުރުމާއި ބެހޭގޮތުން ވާހަކަދައްކަވަމުން ފަނޑިޔާރު ވިދާޅުވީ، ކުދިން ކިޔެވިއިރު ކިޔެވުމާއި ނުގުޅޭ ބައިވަރު ކަންތައްތައް ފާހަގަކުރެވުނު ކަމަށެވެ. އޭގެ ތެރެއިން "އެންމެ އަޅައިގަންނަ އެއް ލަފުޒަކީ، ލަފުޒުލްޖަލާލާ ނުވަތަ ﷲ މި ކަލިމަ ކިޔެވުމުގައި ބޭނުންކުރާގޮތް ގޯސްވުން."  ޤުރުއާންގެ އިލްމު އުނގައި ދެއްވުމުގައި އެތައް އަހަރެއް ހޭދަކުރައްވާފައިވާ ފުންނާބު އުސް ޤާރީ ވިދާޅުވިއެވެ. "ޤުރުއާން ދަސްކޮށްދިނުމަކީ، އަނގައިގެ ހަރަކާތްތަކެއް ދަސްކޮށްދިނުމެއް ނޫން. މުދައްރިސް ކައިރިން އެއްކޮޅުން އަނެއްކޮޅަށް ކިޔަންވައިގެން ޤުރުއާން ދަސްކުރަން ޖެހެނީ."

ކުދިންގެ ކިޔެވުން ރަނގަޅުކޮށްދޭން މަސައްކަތްކޮށްދޭން ޖެހޭ ބަޔަކީ، މުދައްރިސުންނަށް ވީއިރު މި މުބާރާތުގެ ކިޔެވުން ހިނގަމުން ދިޔައިރު ކުދިން ކިޔަވާގޮތް އަޑުއަހަން ވަދެ ތިބި މުދައްރިސުންނާއި ބެލެނިވެރިން މަދުކަން ފަނޑިޔާރު ފާހަގަކުރެވެއެވެ.

މި މުބާރާތުގެ އިންތިޒާމް ފުރިހަމަކަމަށްޓަކައި މުބާރާތުގެ އިންތިޒާމް ކޮމިޓީ އަށާއި ކައުންސިލަށް ޚާއްސަކޮށް މޭޔަރަށް ޖަޖުންގެ ފަރާތުން ވާހަކަ ދައްކަވަމުން އަލްޤާރީ އަޙުމަދު ތައުފީޤު ޝުކުރު އަދާކުރެއްވިއެވެ.

މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ، މިފަދަ މުބާރާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ކައުންސިލަރުންނާއި ސްކޫލްތަކާއި ޕްރިންސިޕަލުންނާއި ހެޔޮއެދޭ އެތައް ބައެއްގެ އެހީތެރިކަމާއި ބުރަމަސައްކަތުން ކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

މޭޔަރ ވިދާޅުވީ، ކައުންސިލަކީ، މާލީގޮތުން އެހާ ތަނަވަސް ބަޔަކަށް ނުވި ނަމަވެސް މި މުބާރާތް އިންތިޒާމްކުރުމުގައި ފައިސާ އަކަށް ޚަރަދަކަށް ނުބަލައި ކައުންސިލުން ބެއްލެވީ، ޤުރުއާން މުބާރާތުގެ އިންތިޒާމް ފުރިހަމަކޮށް ކާމިޔާބު ކަމާއެކު ބޭއްވޭނެ އިންތިޒާމް ކުރުމަށް ކަމުގައެވެ. އަދި މި މުބާރާތް އިންތިޒާމްކުރުމުގައި ބެއްލެވީ ރާއްޖެއިން ލިބޭނެ އެންމެ ފުންނާބު އުސް ޤާރީން ގެނެސްގެން ކުދިންގެ ކިޔެވުން އެންމެ އިންސާފުވެރިކަމާއެކު ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ.

މި މުބާރާތުގެ އިންތިޒާމްތަކަށާއި ބެކްޑްރޮޕާއި ސައުންޑް ހެދުމަށް އަދި ވަނަތަކަށް ހޮވުނު ކުދިންނަށް އިނާމު ދިނުމަށާއި މުބާރާތުގައި ކިޔެވި ކުދިންނަށް ހަނދާނީ ލިއުން ދިނުމަށް އެތައް ލައްކަ ރުފިޔާ ޚަރަދު ހިނގާފައިވާނެ ކަމަށް މުބާރާތުގެ އިންތިޒާމް ކޮމިޓީގައި ހިމެނި ވަޑައިގެންނެވި އައްޑޫ ހައިސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމް ވިދާޅުވިއެވެ.

ނަދީމް ވިދާޅުވީ މިފަދަ ބޮޑު ޤުރުއާން މުބާރާތަކާ އަޅާ ބަލާއިރު މިއީ ބޮޑު އެއްޗެއް ނޫން ކަމުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *