އުނގެނުމުގެ އިތުރުން ދަރިވަރުންނަށް ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ހުނަރުތަކާއި މަސައްކަތްތެރިކަމަށް ބޭނުންވާ ހުނަރުތައް އެއްވެސް ކުއްޖަކު ބާކީ ކުރުމެއްނެތި ދަސްކޮށްދީ މުޖުތަމަޢުގައި ކޮންމެ ދަރިވަރަކީވެސް އަގުހުރި ދަރިވަރަކަށް ހެދުމަށް އަމީނިއްޔާ ސްކޫލުންއަންނަނީ ގިނަގުނަ މަސއްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކިއްސަރު ޕްރޮގްރާމްއަކީ އަމީނިއްޔާ ސްކޫލްގެ ދަރިވަރުން މަސައްކަތްތެރިކަމަށް ލޯބިޖެއްސުމަށާއި، މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުމަށާއި ދިރިއުޅުމުގައި އާއި ގޭތެރޭގައި ޢާންމުކޮށް ކޮށްލެވޭ ވަޑާމުގެ ކުދި ކުދި މަސައްކަތް ދަސްކޮށްދިނުމުގެ މަޤްސަދުގައި މިއަހަރުގެ ޖުލައި މަހުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފުރިހަމަކުރަމުން ދަނީ އަމީނިއްޔާ ސްކޫލްގެ ގްރޭޑް 8، 9 އަދި 10 ގެ ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުންނެވެ.

މި ޕްރޮގްރާމްގައި ވޮލަންޓިއަރެއްގެ ގޮތުން ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދެއްވުމުގައި އުޅުއްވަނީ އެއަރޕޯޓްސް ކޮމްޕެނީ ގައި ކާޕެންޓްރީގައި (ސީނިއަރ ކާޕެންޓަރއެއްގެ ގޮތުގައި ) 18 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްދެއްވާފައިވާ ކުޅަދާނަ ވަޑިއެކެވެ.

މި ޕްރޮގްރާމް އެންމެ ފުރަތަމަ ފަށައިގަތްއިރު ދަރިވަރުން މަސައްކަތަށް ޖެހިލުންވިކަން ފާހަގަކުރެވުނުވެ. އެހެންނަމަވެސް ފުރަތަމަ ޓާރމް ތެރޭގައި ދަރިވަރުނަށް ވަޑާމުގެ ގިނަ އަސާސީ މަސައްކަތްތަކެއް ދަސްކުރެވުމުން ދަރިވަރުން މިހާރު ވަޑާމުގެ މަސައްކަތްކުރަނީ ޝައުޤުވެރިކަމާއިއެކު ކުރާހިތުންނެވެ. ނަތީޖާއެއްގެ ގޮތުން މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންއަންނަނީ ލަކުޑި ބޭނުންކޮށްގެން ތަފާތު ތަކެތި ތައްޔާރުކުރަން ދަސްކުރަމުންނެވެ.

އޭގެ ތެރޭގައި ހަރުގަނޑު، ކުޑަ ގޮނޑި، އެއްޗެހި އަޅުވާ އަދި ބަހައްޓާ ހަރު، އަދި ފޮތް ގޮނޑި ހެދުމުގެ އިތުރުން ތެރަސް ބޭނުންކޮށްގެން ލަކުޑި ތަތްކުރުމާއި އަދި ހިލަ ކަރުދާސްބޭނުންކޮށްގެން ލަކުޑި އޮމާންކުރުންފަދަ ކަންތައްތައް ހިމެނެވެ.

މިފަދަ ފުރުސަތުތައް ދަރިވަރުންނަށް ލިބޭނީ މުޖުތަމަޢުގެ އެއްބާރުލުމާއި ތަފާތު ފަރުދުންގެ އެހީތެރިކަން ލިބިގެންނެވެ. ތަކެތި ހޯދުމާއި، ދަރިވަރުންނަށް ބޭނުންވާ ހުނަރުދަސްކޮށްދިނުމަށް މުޖުތަމައުގައި ތިއްބެވި ތަފާތު ރޮނގުތަކުން މޮޅެތި ބޭފުޅުންގެ ފަންނީ އެހީތެރިކަން މި ފަދަ ޕްރޮގްރާމެއް ކާމިޔާބުކަމާއިއެކު ގެންދިޔުމަށް ނުހަނު ބޭނުންވެއެވެ. މިއީ ހަމައެކަނި ސްކޫލްތަކަށް އެކަނިވާނޭ ކަންތައްތަކެއް ނޫނެވެ. އެހެނީ މުދައްރިސުންނަކީ ދަރިވަރުންނަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްކޮށްދޭނެ ފަންނީ ގާބިލް ބޭފުޅުންކަމުގައި ނުވެދާނެތީއެވެ.
advertisment
ހިޔާލު