ސެޓްފިކެޓް ލެވެލްގެ ސްޓްރާޓާ މެނޭޖްމަންޓް ކޯސްތައް ފަރުމާކޮށް ހިންގަން އެމްއެންޔޫއަށް

ސްޓްރާޓާ މެނޭޖްމަންޓް ކޯސްތައް ނުވަތަ އެއްމެދު އިމާރާތް ބެލެހެއްޓުމާބެހޭ ސެޓްފިކެޓް ލެވެލްގެ ކޯސްތައް ފަރުމާކޮށް ހިންގަން އެމްއެންޔޫއާއި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ސެޓްފިކެޓް ލެވެލް 3އާއި 4ގެ ކޯސްތައް ފަރުމާކޮށް ހިންގަން ވި އެއްބަސްވުމުގައި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ( އެމްއެންއެސްޑީއޭ) ގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑރ. ޒަހުރާ މުޙައްމަދެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.

އެމްއެންޔޫއާއި ހައުސިން މިނިސްޓްރީއާ ގުޅިގެން މީގެ ކުރިން މިފަދަ ކޯހެއް މި އަހަރު ކުރީކޮޅު ހިންގާފައެވެ. މިއީ އެއްމެދު އިމާރާތް ބެލެހެއްޓުމާ ބެހޭ ސްޓްރާޓާ ސްޓްފިކެޓް ލެވެލްގެ ކޯސްތަކެއް ހިންގާ ފުރަތަމަ ފަހަރެވެ.

ސްޓްރާޓާ މެނޭޖްމަންޓް ކޯސް ފަރުމާކޮށް ހިންގަން ބޭނުންވާ ފައިސާ ހަމަޖައްސައި ދެނީ ވޯލްޑް ބޭންކުގެ އެންހޭންސިންގ އެމްޕްލޮޔެބިލިޓީ އެންޑް ރެޒިލިއެންސް ފޯރ ޔޫތް (މީރީ) ޕްރޮޖެކްޓުގެ ފަންޑުންނެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އެމްއެންއެސްޑީއޭގެ ސީއީއޯ ޑރ. ޒަހުރާ ވިދާޅުވީ، ރާއްޖޭގައި އެއްމެދު އިމާރާތްތައް އިތުރުވަމުންދާއިރު އެތައް އާއިލާއެއް އެއް އިމާރާތެއްގައި އުޅޭއިރު ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ދަތިތަކެއް ދިމާވާ ކަމަށާއި އެފަދަ މައްސަލަތައް ހައްލުކުރާނެ އެކަމަށް ޚާއްޞަވެ ތަމްރީނު ލިބިފައިވާ ބަޔަކު ދިވެހިންގެ ތެރޭގައި މަދުކަމެވެ. އަލަށް ފަށާ ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން އެފަދަ މައްސަލަތަކަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޑރ. ޒަހުރާ ވިދާޅުވިއެވެ.

ސެޓްފިކެޓް ލެވެލްގެ ސްޓްރާޓާ މެނޭޖްމަންޓް ކޯސްތައް ފަރުމާކޮށް ހިންގާނީ އެމްއެންޔޫގެ ބިޒްނަސް ސްކޫލުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *