" ކުޑަކުޑަ އާބާދީއެއް، ކުޑަކުޑަ ރަށެއް، ވަޞީލަތްތައް އެހާމެ މަދު، މިއީ ރަށާއި ސްކޫލަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ" ހިރިމަރަދޫ ސްކޫލު ހިންގުމާ ހަވާލުވެ ހުންނެވި ލީޑިންގ ޓީޗަރު އާމިނަތު މާޖިދާ އެ ވާހަކަ ދެއްކެވިއިރު ވެސް ހުންނެވީ އުފަލުންނެވެ.
ހަތް މާއްދާއިން އޭ ސްޓަރ، އެއް މާއްދާއިން އޭ ލިބުމުން ހިރިމަރަދޫ ސްކޫލުގެ މޫސާ ޣައިސް ދިޔައީ ޤައުމި ގަދަ ދިހައެއްގެ ދެ ވަނަ އަށެވެ. އޭ ލިބުނު ދިވެހި މާއްދާ ރީޗެކް ކުރުމުން އޭ ސްޓަރއެއް ލިބުމަކީ މާޖިދާގެ އުފާ ދެގުނައަށް އިތުރުވި ސަބަބެކެވެ.
ދިވެހި މާއްދާއަށް ޚާއްޞަ ޓީޗަރެއް ނެތިގެން ވަގުތީ ޓީޗަރެއްގެ ގޮތުގައި ގުރޭޑް 9އާ 10އަށް ދިވެހި ކިޔަވަދި ދެއްވީ އޭނާއެވެ.
" ދިވެހި މާއްދާއަށް ޚާއްޞަ ޓީޗަރަކަށް ނުވާތީ، ކިޔަވައިދިން ދަރިވަރަކަށް އޭ ސްޓަރ އެއް ލިބުމުން އުފާވޭ. މަސައްކަތެއް ކުރެވޭ ކަމުގެ އިހުސާސްވޭ"
އޯލެވެލްގެ ގަދަ ދެ ވަނަ ލިބުމުން ވެސް މޫސައަށް ލިބުނީ ސަޕްރައިޒެކެވެ. މޫސަ ދަރިވަރު ނޫހަށް މީގެ ކުރިން ބުނި ގޮތުގައި، އޭނާއެކު ކިޔެވި ހަތަރު ކުދިންނަކީ ވެސް ކިޔަވަން ޚާއްޞަ ސަމާލުކަންދިން ކުދިންނެވެ. އޭނާއަށް ލިބުނު ނަތީޖާއަކީ ޓީޗަރުން ކޮށްދިން ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް މޫސަ ގަބޫލުކުރެއެވެ.

" ސްކޫލަކީ އެހާ ބޮޑު ސްކޫލަކަށް ނުވާތީ ވަޞީލަތްތަކެއް ނުލިބޭ. އެކަމަކު ވެސް ޓީޗަރުން ކިޔަވައިދޭ ގޮތް ކަމުދޭ. އަހައި އޮޅުން ފިލުވައިދޭ، ސްކޫލާ މެދު ނެތް ބުނާނެ އެއްޗެއް. ވަރަށް ހިތްހަމަ ޖެހޭ" ޣައިސް ބުންޏެވެ.
ޣައިސް ކިޔަވަނީ އެކަންޏެވެ. އެގާރަ ޖަހަންދެން ބައެއް ރޭރޭ ކިޔަވަން އިނދެއެވެ. އާދަވެގެން ފަތިސްނަމާދަށް ތެދުވެ ފިލާވަޅު ދަސްކުރެއެވެ. ފިލާވަޅުތަކަށް ބޭނުންވާ އިތުރު އެހީ ހޯދަނީ ޔޫޓިއުބުންނެވެ.
ޣައިސް ބުނީ އޭނާއަށް ލިބުނު ނަތީޖާއާމެދު މަންމައާއި ބައްޕައާއި އާއިލާގެ އެންމެން ތިބީ ވަރަށް އުފަލުން ކަމަށެވެ.
ޣައިސްއަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ. ކިޔެވުމުގެ އިތުރުން ހުރިހާ ހަރަކާތެއްގައި އޭނާގެ ބައިވެރިވުން އޮވެއެވެ.
އޯލެވެލްގައި ހޯދި ފަދަ ކާމިޔާބެއް އޭލެވެލްގައި ވެސް ހޯދަން ޣައިސް ދަނީ މަސައްކަތް ކުރަމުންނެވެ.
ޕްރީސްކޫލް ޓީޗިން ހައްދަވައި ސެންޓީޗަރެއްގެ ގޮތުން ޚާއްޞަ ވެފައިވާ މާޖިދާ، އެ ސްކޫލުގެ ހހިންގުމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ފާއިތުވި ދެތިން އަހަރު ދުވަހުގެ ތެރޭގައި ތައުލީމީ ގޮތުން ގިނަ ކުރިއެރުންތަކެއް ދަނި ހޯދާ ދެމުންނެވެ.
40 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ހިރިމަރަދޫ ސްކޫލުގެ ގުރޭޑް 10 ގައި ފާއިތުވި ދިރާސީ އަހަރު ކިޔެވީ ހަތަރު ދަރިވަރުންނެވެ. އެ ހަތަރު ދަރިވަރުންގެ ތެރެއިން ދެ ދަރިވަރުން އަށް މާއްދާއިން ފާސްވިއިރު، ދެ ދަރިވަރުން ހަތް މާއްދާއިން ފާސްވިއެވެ. މުޅި ނަތީޖާއަށް ބަލާއިރު، އެ ސްކޫލުން ބައިވެރިވި ހުރިހާ ދަރިވަރުން ހަތް މާއްދާއިން ފާސްވިއެވެ. މި އެ ސްކޫލުން މިހާތަނަށް ހޯދުނު އެންމެ ރަނގަޅު ނަތީޖާއެވެ.


advertisment
ހިޔާލު