ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ( އައިޔޫއެމް) އިން އަންނަ އަހަރުގެ ޖެނުވަރީގައި ފަށާ 68 ކޯހަކަށް ވަންނަން ހުޅުވާލައިފިއެވެ. ކޯސްތަކަށް ހުޅުވާލިކަން އެ ޔުނިވަރސިޓީން އިއުލާން ކުރީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިއަދު އިއުލާން ކުރި ކޯސްތަކަށް ވަނުމުގެ ފުރުޞަތު އައިޔޫއެމްއިން ހުޅުވާލާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ 13:00 އާ ހަމައަށެވެ.
އައިޔޫއެމްއިން ބުނީ އަންނަ އަހަރުގެ ޖެނުއަރީގައި ފަށާ ކޯސްތައް އޮންލައިން ކޯސްތަކުގެ އިތުރުން ބްލެންޑެޑްކޮށް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
އައިޔޫއެމްއިން ފަށަން އިއުލާން ކުރި ކޯސްތައް:
- ޕީއެޗްޑީ 3 ކޯސް
- މާސްޓަރސް 17 ކޯސް
- ޕޯސްޓް ގުރެޖުއޭޓް 1 ކޯސް
- ބެޗްލާސް ޑިގްރީ 15 ކޯސް
- އެސޯސިއޭޓް ޑިގްރީ 2 ކޯސް
- ޑިޕްލޮމާ 11 ކޯސް
- ސެޓްފިކެޓް ލެވެލްގެ 19 ކޯސް
އައިޔޫއެމްއިން ބުނީ، އަންނަ އަހަރު ފަށާ ކޯސްތަކުގެ ތެރޭގައި ގިނަ ދާއިރާތައް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި، ޤުރުއާނާއި ޝަރީއާއިން ލޯ އާއި ފިޤްޙު އާއި އިސްލާމިކް ސްޓަޑީޒާއި ލޭންގުއޭޖާއި އެޑިޔުކޭޝަން އާއި ފައިނޭންސް އެންޑް އެކައުންޓިންގއާއި ލީޑަރޝިޕްއާއި އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓާއި އަދި ޖަރނަލިޒަމްގެ ކޯސްތައް ހިމެނޭ ކަމަށެވެ.
އައިޔޫއެމް އިން ބުނީ، އެ ޔުނިވަރސިޓީގެ ކޯސްތައް މާލޭގައި ހުންނަ މައި ކެމްޕަހުގެ އިތުރުން ގދ. ތިނަދޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ސ. މީދޫއާއި ޅ. ނައިފަރާއި ރ. އުނގޫފާރާއި ލ. ފޮނަދޫގައި ޤާއިމް ކޮށްފައިވާ ލަރނިންގ ސެންޓަރު ތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ.
ހިޔާލު