އެމްއޭސީއެލްގެ ފުރަތަމަ ކެރިއަރ ފެއާ އަމާޒު ކުރީ ޣާޒީ ސްކޫލަށް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފުރަތަމަ ކެރިއަރ ފެއާ، ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެ ސްކޫލުގައި މިއަދު ބާއްވައިފިއެވެ.

މިއީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން އެމްއޭސީއެލްގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން ފެށި ހަރަކާތެކެވެ.

"އެމްއޭސީއެލް ކެރިއާ 2024″ ގެ ނަމުގައި މިއަދު ފެށި ހަރަކާތަކީ އޭވިއޭޝަން ދާއިރާގެ އިތުރުން، އެއަރޕޯޓް އޮޕްރޭޝަނަށް ބޭނުންވާ ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ، ކުރިއަށް ދާނެ ދާއިރާއެއް ޚިޔާރު ކުރުމަށް މަގުފަހިކޮށް ދިނުމެވެ.

ކެރިއަރ ފެއާ ހުޅުވައި ދެއްވުމަށްފަހު، އެމްއޭސީއެލްގެ މެނޭޖިންގ ޑައިރެކްޓަރު، އިބްރާޙިމް ޝަރީފު މުޙައްމަދު ވިދާޅުވީ، އެކުންފުނީގައި 52 ދާއިރާއެއްގެ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ހުޅުވިފައިވާ ކަމަށާއި އުއްމީދު ކުރައްވަނީ ވަޒީފާ ތަކުގައި ދިވެހިން މަސައްކަތް ކުރަމުންދާތަން ދެކެން ބޭނުންވާ ކަމަށެވެ.

އަދި އޭނާ ވިދާޅިވީ، އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތް ކުރާނީ އެ ކުންފުނީގައި ހުރި ފުރުސަތުތައް ސްކޫލްތަކުގެ ދަރިވަރުންނަށް އަންގައިދީ، މުސްތަޤުބަލުގައި އެ ދަރިވަރުން އެ ކުންފުނީގައި މަސައްކަތް ކުރާނެ މާހައުލެއް ޤާއިމްކުރަން ކަމަށެވެ.

ޣާޒީ ސްކޫލުގެ ޕްރިންސިޕަލް ބަޝީރާ މުޙައްމަދު ވިދާޅުވީ، އެމްއޭސީއެލްއާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކެއްގެ ތެރެއިން ބާއްވައިދިން ކެރިއަރ ފެއާގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންނަށް ގިނަ ފުރުޞަތު ތަކެއް ލިބި މަސައްކަތުގެ ދާއިރާއަށް ޝައުޤުއުފެދިގެން ދާނެ ކަމަށާއި ގައުމު ބިނާކުރުމަށް އެމްއޭސީއެލްއިން ކުރަމުންދާ މަސައްކަތްތައް ފާހގަކުރައްވާ ކަމަށެވެ. އަދި އެ ސްކޫލުގެ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން ކެރިއަރ ފެއާއެއް ކުރިއަށް ގެންދިޔަ ކަމަށްޓަކައި އެމްއޭސީއެލްގެ މެނޭޖްމަންޓަށާއި މުވައްޒަފުންނަށް ބަޝީރާ ވަނީ ޝުކުރައްވާފައެވެ.

ދެ ސެޝަނަކަށް ބަހާލައިގެން "އެމްއޭސީއެލް ކެރިއާ ފެއަރ ކުރިއަށް ގެންދިޔައިރު، ގުރުއަތުން ހޮވި 10 ދަރިވަރުންނަށް ހަދިޔާ ދީފައިވާއިރު، ގުރުއަތުން ހޮވި 20 ދަރިވަރުންނަށް އެމްއޭސީއެލްގެ މަސައްކަތްތައް ގާތުން ބަލާލުމުގެ ފުރުސަތު ދޭން ވަނީ ނިންމާފައެވެ. މި ފެއަރ ކުރިއަށް ގެންދިޔައީ ހެނދުނުން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *