އެމްއެންޔޫގެ ޖޮބް ފެސްޓިވަލް އަންނަ މަހު، ބައިވެރިވާން ހުޅުވާލައިފި

ފަހި ފުރުޞަތުގެ ނަމުގައި ޤައުމީ ޔުނިވަރސިޓީން މި އަހަރު ބާއްވާ ދެވަނަ ޖޮބް ފެސްޓިވަލް ނޮވެމްބަރު މަހު ބާއްވަން ނިންމައި، އެ ފެސްޓިވަލުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

ނޮވެމްބަރު މަހުގެ 14ން 15 އަށް ބާއްވާ ޖޮބްފެސްޓިވަލުގައި ބައިވަރިވާން ބޭނުންވާ ފަރާތަކުން ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ 23:59 ގެ ކުރިން ފޯމް ހުށައަޅަން ޖެހެއެވެ.

އެ ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުންނަށާއި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ މި ޖޮބް ފެސްޓިވަލް ކުރިއަށް ދާނީ، ދެދުވަހުގެ ހަވީރު 04:00 ން ރޭގަނޑު 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

މާލެ ކެމްޕަސްގެ އިތުރުން އެމްއެންޔޫގެ އަތޮޅު ކެމްޕަސްތަކުގައިވެސް މިފެސްޓިވަލް ކުރިއަށް ގެންދަން ވަނީ ހަމަޖައްސާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލަދޭ ބާޒާރެކެވެ.

އެމްއެންޔޫއިން ބުނީ، މި ޖޮބް ފެސްޓިވަލް ބޭއްވުމުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި އެކިކަންކޮޅުތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ  އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖްރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުމާއި، އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވިހުރި އެކި ކަހަލަ ފުރުޞަތުތައް ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމެވެ.

ދިވެހިރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުޞަތުތަކާއި މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުމާއި،ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަފުރުޞަތެއް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުން ވެސް މި ފެސްޓިވަލުގެ މަޤްޞަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

މި އަހަރުގެ މެއި މަހު ބޭއްވި ފެސްޓިވަލުގައި މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމެނޭ ގޮތަށް 40 ފަރާތަކުން ބައިވެރިވިއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *