އެމްއެންޔޫގެ ބިޒްނަސް ސްކޫލުގެ ޑީންއަކަށް އައިޝަތު ޝާހީން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުގެ ޑީންއަކަށް އައިޝަތު ޝާހީން މިއަދު ހަމަޖައްސައިފިއެވެ.

ޝާހީން ވަނީ، އެސްޓަން ޔުނިވަރސިޓީގައި މާސްޓަރ އޮފް ސައިންސް އިން ހިއުމަން ރިސޯސަސް މެނޭޖްމަންޓްގެ ދާއިރާއިން ތައުލީމް ހާޞިލް ކުރައްވާފައެވެ. އަދި ބިޒްނަސް އެޑިޔުކޭޝަން މެނޭޖްމަންޓްގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލް ކުރެއްވީ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގ އިންނެވެ.

ޝާހީން އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުފަގައެވެ. އެ އޮފީހުގެ ހިއުމަން ރިސޯސަސް އޮފިސަރެއްގައި ގޮތުގައި މަސައްކަތް ފެއްޓެވި ޝާހީން ވަނީ ރައީސް އޮފީހުގައި އެންމެ ފަހުން އަދާކުރެއްވީ އަންޑަރ ސެކެރެޓަރީގެ މަޤާމެވެ.

ޤައުމީ ޔުނިވަރސިޓީގައި އެންމެ ފަހުން އަދާކުރެއްވީ، ޑެޕިއުޓީ ވައިސް ޗާންސެލަރ، ރިސާރޗް އެންޑް އިނޮވޭޝަންގެ މަޤާމެވެ. އޭގެ ފަހުން ތާރޑް އޯޝަން ޕްރައިވެޓް ލިމިޓެޑްގައި އެޑްމިން، އެޗްއާރު އެންޑް ޓްރެއިނިންގ ޑައިރެކްޓަރެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ.

ޝާހީން ވަނީ، އެމްއެންޔޫގެ ބިޒްނަސް ސްކޫލަށް ގިނަ ޚިދުމަތްތަކެއް މީގެ ކުރިން ކުރައްވާފައެވެ.

މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ޝާހީން ވިދާޅުވީ، ހިންގުމުގެ ދާއިރާގެ ކޯސްތަކާއި މާއްދާތައް ފަރުމާ ކުރުމާކޮށް އަދި ބައެއް މާއްދާތައް ކިޔަވާދީފައިވާނެ ކަމަށެވެ.

އެނާ ވިދާޅުވީ ބިޒްނަސް ސްކޫލަކީ ޤައުމީ ތަރައްޤީއަށް ބޭނުންވާ އިޤްތިޞާދީ ރޮނގުން މީހުން ބިނާކުރުމުގެ މައި މަރުކަޒު ކަމަށާއި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ދަރިވަރުންނަކީ ވިޔަފާރީގެ ރޮނގުން ޤައުމަށް ބޭނުންވާ އިލްމީ ދިރާސާތައް ކުރާ ބަޔަކަށް ހަދަން ބޭނުންވާ ކަމަށެވެ. ޤައުމުގެ އިޤްތިޞާދު ފުޅާކޮށް ވަރުގަދަ ކުރުމަށްޓަކައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފަށަން ބޭނުންވާ ފަރާތްތަކަށް ފަންނީ އެހީ ދިނުމުގައި އިންކިއުބޭޓިންގ ސިސްޓަމެއްގެ ތެރެއިން މަސައްކަތް ކޮށްދެވޭނެ ޤާބިލް ބަޔަކަށް ހަދަން ބޭނުންވާ ކަމަށް ޝާހީން ވިދާޅުވިއެވެ.

އީޖާދީ އާ ވިސްނުން އެ ސްކޫލުގެ ތެރެއިން ނެރެން ބޭނުންވާ ކަމަށާއި އަޓިފިޝަލް އިންޓަރލިޖެންސްއާއި ފިންޓެކް ފަދަ ދާއިރާތަކުން މަތީ ލެވެލްގެ ކޯސްތައް ތަޢާރަފު ކުރަން ބޭނުންވާ ކަމަށް ވެސް ޝާހީން ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *