ހާފިޒުން އިމްތިޙާނު ކުރަން އައިޔޫއެމްއިން ފަށައިފި

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ހާފިޡުން އިމްތިޙާނު ކުރަން ފަށައިފިއެވެ. ހާފިޡުން އިމްތިޙާނު ކުރަން އެ ޔުނިވަރސިޓީން ހުޅުވާލީ މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އައިޔޫއެމްއިން ބުނީ، އެ ޔުނިވަރސިޓީން ޤުރުއާން ހިތުދަސްކުރާ ދަރިވަރުން ވެސް މީގެ ކުރިން އިމްތިހާނު ކުރަމުން އައީ ޤުރުއާނާ ބެހޭ މަރުކަޒުން ކަމަށާއި މީގެ ފަހުން އެ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނާއި އާންމު ފަރާތްތަކަށް ވެސް އިމްތިޙާނުގައި ބައިވެރިވާން ހުށައެޅޭނެ ކަމަށެވެ.

މި އަހަރުގެ ޖުލައި 9 ގައި، ހާފިޡުން ތަމްރީނު ކުރާ ސެންޓަރެއްގެ ގޮތުގައި އައިޔޫއެމް ހަމަޖައްސައި އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ވަނީ އެ ޔުނިވަރސިޓީއަށް ހުއްދަ ދީފައެވެ. އެ ހުއްދައާ އެކު ހާފިޡުން އިމްތިޙާނު ކުރުމުގެ އެންމެހައި އުޞޫލުތަކާއި ޤަވާއިދުތައް އެކުލަވާލާފައިވާ ކަމަށާއި ޤަވާއިދާއި އުޞޫލުތައް އެ ޔުނިވަރސިޓީގެ ވެބްސްއިޓުން ލިބެން ހުންނާނެ ކަމަށް އައިޔޫއެމްއިން ބުނެއެވެ.

ހާފިޡުން އިމްތިހާރު ކުރަނީ އެކަމަށް އެކުލަވާލާފައިވާ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ކޮމެޓީއަކުންނެވެ. އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

1- އުސްތާޛު އިބްރާހިމް ރަމްޒީ ( ކޮމެޓީގެ ރައީސް)

2- އުސްތާޛު އިބްރާޙިމް ޒުހައިރު

3- އުސްތާޛު އަލީ އިބްރާޙިމް ދީދީ

4- އުސްތާޛު ހަސަން މުޙައްމަދު އަބްދުލް ހަމީދު އަލް ކުރިދީ

5- އުސްތާޛު ސަލްވާ މުޙައްމަދު ލަތީފު

މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިޔޫއެމްގެ ކުއްލިއްޔާ، ޤުރުއާން އެންޑް ސުންނާގެ ޑީން މުޙައްމަދު މަންސޫރު އާދަމް ވިދާޅުވީ،  ޤުރުއާން މެމޮރައިޒޭޝަން ޕްރޮގްރާމުގައި ވެސް 200 އަށްވުރެ ގިނަ ދަރިވަރުން މިހާރު ވެސް ކިޔަވަމުން ގެންދާ ކަމަށާއި އިތުރު ޕްރޮގްރާމެއްގައި ޤުރުއާން ހިތުދަސްކޮށްފައިވާ ދަރިވަރުން މިހާރު ވެސް ތިއްބެވި ކަމަށެވެ.

" އެ ދަރިވަރުންނަށް، އައިޔޫއެމްގެ ކޮމެޓީއަށް ކިޔައިދޭން ފަހި ފުރުޞަތެއް ލިބިގެން މިދިޔައީ" މަންސޫރު ވިދާޅުވިއެވެ.

ހާފިޡުން އިމްތިޙާނު ކުރާ ކޮމެޓީގެ ރައީސް އުސްތާޛު އިބްރާހިމް ރަމްޒީ ވިދާޅުވީ، އިމްތިހާނުގައި ބައިވެރިވާން ފޯމެއް ހުށައަޅަން ޖެހޭނެ ކަމަށާއި ފޯމް ހުށައެޅުމުން އިމްތިޙާނުގައި ބައިވެރިވުމުގެ ފެންވަރު ހުރިތޯ ޔަޤީން ކުރުމުގެ ގޮތުން ޓެސްޓެއް ކުރިއަށް ގެންދާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *