އެމްއެންޔޫގެ ކައުންސިލުގައި ސައިންސާއި ޓެކްނޮލޮޖީއާއި އިންޖިނިއަރިންގ ދާއިރާގެ މެމްބަރަކު ހޯދަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ކައުންސިލުގައި ސައިންސާއި ޓެކްނޮލޮޖީއާއި އިންޖިނިއަރިންގ ދާއިރާއިން މެމްބަރަކު ހޯދަން އިއުލާން ކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަކީ، ޔުނިވަރސިޓީ ހިންގާ އެންމެ އިސް މަޖިލިހެވެ. އެ މަޖިލިހުގައި މަތީ ތަޢުލީމާބެހޭ ވަޒީރު އައްޔަންކުރާ ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ހިމެނެއެވެ.  ސައިންސް، ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގ ދާއިރާއިން، މިހާރު ހުންނެވި މެންބަރުގެ މުއްދަތު ހަމަވެފައި ވާތީ، ޝައުޤުވެރިވާ ފަރާތްތަކުން އެ މަޤާމަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ކައުންސިލަށް ޢައްޔަނުކުރަނީ މަތީ ތަޢުލީމަށް ޒިންމާވާ ވަޒީރެވެ. މެންބަރުން ޢައްޔަނުކުރަނީ، ޔުނިވަރސިޓީ ކައުންސިލްގެ ނޮމިނޭޝަން ކޮމިޓީއިން އެކުލަވާލާ ލިސްޓެއްގެ ތެރެއިންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނުގެ 12 ވަނަ މާއްދާގައި އެ ޔުނިވަރސިޓީގެ ކައުންސިލުގައި ހިމަނާނެ މެމްބަރުންގެ ޝަރުޠުތައް ކަނޑައަޅާފައިވެއެވެ. އެއީ:

ޢުމުރުން 18 އަހަރު ފުރިފައިވުން.

އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މިޤާނޫނުގެ 14 ވަނަ މާއްދާގެ (ކ) ގައިވާ މެންބަރުގެ ޢުމުރު، މިމާއްދާގެ (ހ) ގައިވާ ޢުމުރަށްވުން ލާޒިމެއްނޫނެވެ.

މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

ބުއްދިހަމައަށްހުރި މީހަކު ކަމުގައިވުން.

ުނިވަރސިޓީގެ ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު

އަދި މަސައްކަތުގެ އަޚްލާޤް ހުރި މީހަކު ކަމުގައިވުން؛

ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން؛

އިފްލާސްކުރެވިފައިވާ މީހަކުކަމުގައި ނުވުން.

ޔުނިވަރސިޓީ ކައުންސިލް މެންބަރުކަމުގެ ޢިނާޔަތެއްގެ ގޮތުގައި ދެނީ ހާޒިރުވާ ކޮންމެ ޖަލްސާއަކަށް، އެއް ހާސްރުފިޔާގެ ރަމްޒީ ޢިނާޔަތެކެވެ. ސަބްކޮމިޓީގެ ޖަލްސާއެއް ކަމުގައި ވިއަސް މި އިނާޔާތް ލިބެއެވެ.

އެމްއެންޔޫއިން ބުނީ، ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ސޮއިކޮށްފައިވާ ސީވީއާއި އައި.ޑީ. ކާޑު ކޮޕީއެއް council.secretary@mnu.edu.mv އަށް 21 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް ކުރުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *