ގްލޯބަލް ހައި ސްކޫލު ކެޓަގަރީން ނޮމިނޭޓް ވެފައިވާއިރު، މުޅި ސްކޫލު އެއްކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރަން 145،000 ޑޮލަރުގެ ޕްރޮޖެކްޓެއް އެ ސްކޫލުން ހުށައަޅާފައިވޭ
ޔޫއޭއީގެ ފައުންޑަރު ޒައިދު ބިން ސުލްތާން އަލް ނަހްޔާނުގެ ހަނދާނުގައި ކޮންމެ އަހަރަކު ވެސް އެ ގައުމުން ދޭ، "ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް" އަށް މި އަހަރު ރާއްޖޭގެ ފ. އަތޮޅު ތައުލީމީ މަރުކަޒު ނޮމިނޭޓް ވެއްޖެއެވެ. ގްލޯބަލް ހައި ސްކޫލު ކެޓަގަރީން ފ. އަތޮޅު ތައުލީމީ މަރުކަޒު ނޮމިނޭޓްވި އިރު، މި ކެޓަގަރީގައި އެ ސްކޫލާ އެކި ޤައުމުތަކުން 18 ސްކޫލެއް ވާދަ ކުރެއެވެ. މި ކެޓަގަރީގައި ސައުތު އޭޝިއާއިން ނޮމިނޭޓްވީ ފ. އޭއީސީގެ އިތުރުން ޕާކިސްތާނުގެ ސްކޫލަކާއި އުޒްބެކިސްތާނުގެ ސްކޫލެކެވެ.
ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ދެނީ ދެމެހެއްޓެނިވި ހަކަތަ އާއި ސިއްހަތާއި ތައުލީމާ ގުޅުން ހުރި މަޝްރޫއުތަކަށެވެ. ޕްރޮޖެކްޓަކަށް އިނާމެއްގެ ގޮތުގައި ގިނަ ވެގެން 150،000 ޑޮލަރު ދެއެވެ. މި އިނާމް މީގެ ކުރިން އައްޑޫގެ ދެ ސްކޫލަކަށް ވަނީ ލިބިފައެވެ. އެއީ އައްޑޫ ހައި ސްކޫލާއި ހިރާ ސްކޫލަށެވެ.

ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަބްދުﷲ އަހުމަދު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒްގެ މައުލޫތު ލިބުނީ އެ ސްކޫލަށް އައްޑޫ ހައިސްކޫލުގެ ދަރިވަރުން ކުރި ޒިޔާރަތުގެ ތެރެއިން ކަމަށެވެ.
އަބްދުﷲ އަޙްމަދު ވިދާޅުވީ، ޕްރޮޖެކްޓް އެކުލަވާލައި ހުށައެޅީ މި އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ކަމަށާއި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ނޮމިނޭޓްވިކަން އަންގާފައިވާ ކަމަށެވެ.
" ހުށައެޅި ހިސާބުން ކޮމިއުނިކޭޓްވުމާ ހަމައަށް ވެސް މައުލޫމާތު ސެޝަންތައް ބާއްވަމުން ދިޔައީ" އަބްދުﷲ އަޙްމަދު ވިދާޅުވިއެވެ.
އަޙްމަދު ވިދާޅުވީ އެ ސްކޫލުން ހުށައެޅީ ސޯލާ ބޭނުން ކޮށްގެން އެ ސްކޫލަށް ބޭނުންވާ ކަރަންޓްގެ އުފައްދަން ކަމަށާއި އޭގެ ސަބަބުން މިހާރު ކަރަންޓަށް މަހަކު ހޭދަ ކުރާ ލައްކައެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އެކަމަށް 75 ކޭވީގެ ކަރަންޓް އުފައްދަން ޖެހޭ ކަމަށާއި އެކަމަށް 145،000 ޑޮލަރު ޚަރަދުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕްރޮޖެކްޓް ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށާއި އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހަށް އަބޫދާބީއަށް ވަޑައިގެންނެވުމުގެ ދައުވަތު އޭނާއެކު ދެ ދަރިވަރުންނަށް މިހާރު ލިބިފައިވާ ކަމަށެވެ.
advertisment
ހިޔާލު