ށ. ގޮއިދޫ ސްކޫލުގެ ފައުންޑޭޝަން ދަރިވަރުންގެ ކުލާސްރޫމް، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ތަރައްޤީކޮށް ހުޅުވައިފިއެވެ.

ކުލާސް ރޫމް ތަރައްޤީ ކޮށް ހުޅުވީ ބުރާސްފަތި ދުވަހު އެ ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީއެއްގައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވެދިން އެހީގެ އަގުވަޒަންކޮށް ސްކޫލުގެ ފަރާތުން ވަނީ އެ ކޮމިޓީއަށް ހަނދާނީ ފިލައެއް ހަދިޔާކޮށްފައެވެ. މި ފިލާ އަންހެނުންގެ ކޮމިޓީގެ ރައީސާ އަޒުހީމާ އަބްދުﷲ އާ ހަވާލުކޮށް ދެއްވީ ޕްރިންސިޕަލް އަލީ ހައިދަރެވެ.

ކުލާސްރޫމް ތަރައްޤީ ކުރަން 15،000ރުފިޔާގެ އެހީއެއް އަންހެނުންގެ ކޮމިޓީން ޚަރަދުކޮށްފައެވެ. ކުލާސްރޫމަށް ރީޑިންގ ކޯނާއަކާއި ކުރިއޭޓިވް ކުޅޭ އޭރިޔާއެއްގެ އިތުރުން ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީޒް ވެސް ވަނީ ހޯދާފައެވެ.

ގޮއިދޫ ސްކޫލުން ބުނީ، ކުލާސްރޫމުގެ ތެރޭގައި ވަޑާމުގެ މަސައްކަތް ކޮށްދިނީ ބެލެނިވެރިން ކަމަށާއި، ކުލާހުގެ ބޭރު ޒީނަތްތެރި ކުރަން ކުރެހުމުގެ މަސައްކަތް ކުރީ ގުރޭޑް 8 ގެ ދަރިވަރުން ކަމަށެވެ.

ގޮއިދޫ ސްކޫލުގެ ތަރައްޤީއަށް ގިނަ އެހީތަކެއް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވަމުން އަންނަ ކަމަށް ގޮއިދޫ ސްކޫލުން ފާހަގަ ކުރެއެވެ.
advertisment
ހިޔާލު