މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތް އއ. ހިމަންދޫ ސްކޫލުގައި ކުރިއަށް ގެންދިޔައީ ހުސްވި ބުރާސްފަތި ދުވަހުއެވެ. އެ ދުވަހުގެ އެންމެ މުހިންމު ހަރަކާތެއްގެ ގޮތުން މެންދުރު ދަންފަޅީގެ ދަރިވަރުންނަށް ކިޔަވައި ދިނީ ހިމަންދޫ ސްކޫލުގެ އިސް ދަރިވަރުންނެވެ. މިއީ މިފަދަ ތަޖުރިބާ ތަކެއް އެ ސްކޫލުގެ ދަރިވަރުން މީގެ އަހަރު ތަކެއް ކުރިން ވެސް ކުރިއެވެ.
ސްކޫލް ލީޑަރސް ކައުންސިލުން އިސްނަގައިގެން މެންދުރު ދަންފަޅީގެ ހަ ކުލާހަކަށް، ކީސްޓޭޖް އެކަކާއި ދޭކަށް ކިޔަވައިދިނެވެ. ކިޔެވައި ދިނުމުގައި 19 އިސްދަރިވަރުން ބައިވެރިވިއެވެ.
ކުލާސްތަކަށް ކިޔަވައިދޭން ދިޔަ ދަރިވަރުންގެ ތަޖުރިބާ ހިއްސާކުރިއެވެ.
ރުސްދާ ބިންތު މުސްތަފާ ބުނީ، ކިޔަވައިދޭން ކުލާސްތަކަށް ދިޔުމަކީ އެއީ އޭނާގެ ޙަޔާތުގަ އަލަށް، ވަރަށް އުފާވެރި އިޙުސާސެއް ކުރެވުނު ދުވަހެއް ކަމަށާއި އެހާމެ ހިތްހަމަ ޖެހުނު ދުވަހެއް ކަމަށެވެ.
" ދަރިވަރުން ތިބީވަރަށް މަޑުމައިތިރިކޮށް ބަސްއަހައިގެން. އުއްމީދުކުރަނީ އަދިވެސް މުސްތަޤުބަލުގަ މިފަދަ ފުރުޞަތުތައް ލިބޭނެކަމަށް. މިފުރުޞަތު ދެއްވީތީ ވަރަށްބޮޑަށް ޝުކުރިއްޔާ" ރުޝްދާ ބުންޏެވެ.
ސާޔާ ވެސް ބުނީ، ޓީޗަރެއްގެ ގޮތުގައި ކިޔަވައިދިނުމަކީ ތަޖުރިބާ ކުރަން ބޭނުންވެފައި ހުއްޓައި ލިބުނު ފުރުޞަތެއް ކަމަށެވެ. އެއީ ވަރަށް އުވާވެރި އަދި ދުވަހަކު ވެސް ހަނދާނުން ނުނެތޭނެ ތަޖުރިބާއެއް ކަމަށެވެ.
ކިޔަވާދޭން ވަނުމުގެ ކުރިން އެވާންޖެހޭ ތައްޔާރީތަށް ވުމަކީވެސް މާފަސޭހަ ކަމެއްނޫން ކަން ރިވާޔާއަށް، އިހުސާސް ކުރެވުނެވެ. ކުލާހުގައި ތިބި ކުދިންގެ ސަމާލުކަން ހޯދުމާއި، އެކުދިންނަށް ފިލާވަޅު ކިޔައިދިނުމަކީ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށާއި ކޮންމެ ކުއްޖަކީ ވެސް ތަފާތު ޤާބިލިއްޔަތު ހުރި، ތަފާތު ގޮތްގޮތަށް އުނގެނޭ ކުދިން ކަމަށްވާތީ، އެކުދިންނަށް ފެތޭ ގޮތަށް ކިޔަވައި ދިނުމަކީ ވަރަށް ގިނަ ވަގުތާއި މަސައްކަތް ކުރަން ޖެހޭނެ ކަމުގެ އިހުސާސްވި ކަމަށް ރިވާޔާ ފާހަގަ ކުރިއެވެ.
" ދަރިވަރުންނާއެކު ވަގުތު ހޭދަކުރަމުންދާއިރު، އެކުދިންގެ ޝައުޤުވެރިކަން އިތުރުވަމުންދާ މަންޒަރު ފެނުމުން ލިބޭ އުފަލަކީ ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެއް. އެއް ދުވަހުގެ ތަޖުރިބާއިން ވެސް އެނގުނީ ޓީޗަރުންނަކީ ހަމައެކަނި ފިލާވަޅު ކިޔައިދޭ ބައެއް ނޫންކަން. އެއީ ކުދިންގެ މުސްތަޤުބަލު ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބައެއްކަން. އެހެންކަމުން، މުދައްރިސުންނަށް ޝުކުރުވެރިވާން ޖެހޭކަން ވެސް މި ތަޖުރިބާއިން އަޅުގަނޑަށް ދަސްވި" ރިވާޔާގެ ތަޖުރިބާ ތަފާތެވެ.
އީޝާ ބުނި ގޮތުގައި، ފުރަތަމަ ވަން ކުލާހަކީ ބަސްއަހާ ކުދިންތަކެއް ތިބި ކުލާހެއް ކަމުގައި ވިޔަސް ގިނަ ކުދިންތަކަކަށް އަލަށް އެއްޗެއް ކިޔަވައި ދިނުމަކީ ފަސޭހަ ކަމެއް ނޫންކަން އެ ދުވަހުގެ ތަޖުރިބާއިން އެނގުނެވެ. އިތުރު ކުއްޖަކާ އެކީ ކިޔަވައިދިނުމަށް މަސައްކަތް ކުރަމުން ދިޔައިރު ވެސް ހުރިހާ ކުދިންގެ ސުވާލުތަކަށް ޖަވާބު ނުދެވުމުން އިހުސާސްވީ އެންމެ ޓީޗަރެއް ކިޔަވައިދެއްވަން އުޅުއްވާނެ ހާލެވެ.
" ދެވަނަ ކުލާހަށް ވަދެމުވާއެކު ސަހަރޯއޭ ހިތަށްއެރި. ސަލާމް ގޮވާލުމުގެ ކުރިން ވެސް އެތައް ފަހަރަކު ވަކިވަކި ކުދިންނަށް ގޮވާ، ސަމާލުކަން ހޯދަން ޖެހުނު. އެވަރުން ވެސް އެއްބައި ކުދިންގެ ސަމާލުކަން ނުލިބިގެން ބޯޑުގައި ބާރަށް ޖަހާލައި ބާރަށް ސަލާމް ގޮވާލައި ކުލާސް ފެށިން. ކުލާސް ތެރޭގައި ބައެއް ކުދިންގެ ފަރާތުން އިވެމުންދިޔަ މަލާމާތުގެ ބަސްތަކުން ހިތަށް މާބޮޑު އެއްޗެއް ނޭރި ނަމަވެސް، ބައެއް ޓީޗަރުންނަކީ އެކަހަލަ ކުދިކުދި ކަންކަމާ ވިސްނާނެ ޓީޗަރުން ބާވައޭ ހިތަށް އެރި. އެ ދުވަހު އަޅުގަނޑަށް ޓީޗަރުން ވާނެ ދެރަ އިހުސާސް ކުރެވުނު" އީޝާ ކުރި ތަޖުރިބާ ހިއްސާކުރިއެވެ.
ތަފާތު ލެވެލް ތަކުގެ ކުދިންނަށް ކިޔަވައިދޭއިރު، އެ ކުދިންގެ ސަމާލުކަން ހޯދުމާއި ފަހުމްވާނެ ގޮތަށް މައުލޫމާތު ފޯރުކޮށް ދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަން ޝާނީއަށް އިހުސާސް ކުރެވުނެވެ. ނަމަވެސް އެ ދަރިވަރުންނަށް ފިލާވަޅު ކިޔައި ދިނުމުން، ފިލާވަޅުގައި ބުނާއެއްޗެއް ނަގައިގަނެވި ދެވުނު ފިލާވަޅު ހަދަން ފެށުމުން ހިތުގައި އުފެދުނު އުފަލަކީ ބަޔާން ކުރަން ދަތި އުފަލެއް ކަމަށް ޝާނީ ބުންޏެވެ.
" އެންމެ ދުވަހެއްގެ ތަޖުރިބާއިން ވެސް އަޅުގަނޑަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވި. މުދައްރިސްކަމަކީ ގޮންޖެހުންތަކުން ފުރިގެންވާ މަސައްކަތެއް ނަމަވެސް، އޭގެ ނަތީޖާއަކީ އަގު ނުކުރެވޭހާ މަތިވެރި އެއްޗެއްކަން އެ ދުވަހުގެ ތަޖުރިބާއިން އަޅުގަނޑަށް އެނގުނު" ޝާނީ ބުންޏެވެ.
ހަމްނާ ކިޔަވައި ދިނީ ދެ ގުރޭޑަށެވެ. އެއީ ގުރޭޑު 3 ގެ އިގިރޭސި ގަޑި އާއީ 4 ގެ ސީއޭ ގަޑިއެވެ. ކިޔަވާދިނުމުގެ ކުރިން ވާން ޖެހޭ ތައްޔާރުވުންތަކާއި ލެސެނާއި އެއްގޮތަށް ކިޔަވާދިނުމާއި ކިޔަވާއި ދިނުމުގެ ޓީޗަރުން ކުރަމުންދާ ތަޖުރިބާ ހަމްނާއަށް ތަޖްރިބާކޮށްލެވުނެވެ. އަދި މީގެ އިތުރުން ޓީޗަރުންނާއި ކުދިންގެ މެދުގައި އޮންނަ ގުޅުމާއި މިނޫން ވެސް ވަރަށް ގިނަ ކަންތައްތަކެއް ދަސްވިކަން ވަރަށް އުފަލާއެކު އޭނާ ފާހަގަ ކުރިއެވެ.
" އަޅުގަނޑު ދެކާގޮތުގައި މި ޕްރާމުގެ ސަބަބުން އަޅުގަނޑުމެން ދަރިވަރުންނަށް ޓީޗަރުންގެ ބުރަމަސައްކަތާއި އެހެނިހެން ކަންތައްތަ ވަރަށް ރަނގަޅަ އެނގިގެން ދިޔަ. ހަމަ މިކަހަލަ ޕްރޮގުރާމްތަށް ގިނައިން ބޭއްވުން މުހިންމު ކަމުގައި ވެސް ދެކެން. މިއީ މިހާތަނަށް ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއް. ތަފާތު އިހިސާސެއް ގެނުވި ކަމެއް" ހަމްނާ ބުންޏެވެ.
ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ދިނުމަކީ އެކުދީންގެ ހިތުގައި ކިޔަވައި ދިނުމުގެ ދާއިރާއަށް ހިތް ޖެހޭނެ އަދި އެ ދާއިރާއަށް ޝައުގުވެރި ކުރުވުމަށްޓަކައި ކުރުން ވަރަށް ވެސް މުހިންމު ކަމެއްގެ ހިމަންދޫ ސްކޫލުގެ ލަމްހާ މިސް ދެކެމެވެ. ސަބަބަކީ މިހާރު ކިޔަވަމުންދާ ދަރިވަރުންނަކީ މުސްތަޤުބަލު ކަމަށް ވެފައި އެކުދިންގެ ހިތުގައި މުދައްރިސްކަމަށް ލޯބިޖައްސައި އެ ދާއިރާއަށް ނެރެދިނުމުގެ ބިންގާ އަޅަން ޖެހޭނެ ފުރަތަމަ ތަނަކީ އެކުދީންގެ އަމިއްލަ އިސްކޫލުކަމުގައި ވުމެވެ. އެ ފަދަ ފުރުސަތު ތަކުގެ ސަބަބުން އެކުދިންގެ ހުނަރުތައް އިތުރުވެ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ތަސައްވަރު ކުރެވި ދަރިވަރުން މުދައްރިސުންނަށް ކުރާ ޤަދަރު އިތުރުވެ އެކުދިންގެ ހިތުގައި މުދައްރިސުންނަށް އޮންނަ ލޯބި އިތުރުވެގެންދާނެ ކަމަށް ވެސް ލަމްހާ މިސް ދެކެއެވެ.
މުދައްރިސުންގެ ދުވަހުގެ ހަރަކާތެއްގެ ގޮތުން ހިމަންދޫ ސްކޫލުގެ ދަރިވަރުން ވަނީ މުދައްރިސުންނަށް ޚާއްޞަ އެސެމްބެލީއެއް ވެސް ބާއްވާފައެވެ. މި އެސެމްބްލީގައި ޑްރާމެއްގެ ގޮތުގައި "ޓީޗަރެއްގެ ހަޔާތުން ދުވަހެއް" ދަރިވަރުން ވަނީ ހުށައަޅާދީފައެވެ. އަދި މުދައްރިސުންގެ ދުވަހާ ގުޅޭ ލަވައެއް ވެސް ދަރިވަރުން ހުށައަޅާ ދީފައިވެއެވެ.
ހިމަންދޫސްކޫލުގެ ލީޑިންގ ޓީޗަރު އަދި ސްޓޫޑެންޓް ލީޑާސް ކައުންސިލްގެ ސުޕަވައިޒަރ އައިޝަތު ލީޒާ ވިދާޅުވީ، މުދައްރިސުންގެ ދުވަހު ދަރިވަރުން ކިޔަވައިދޭން ކުރިއަށް ގެންދިޔަ ހަރަކާތަކީ ދަރިވަރުންނަށް ދިރިއުޅުމަށް ތައްޔާރުކުރުމުގެ ގޮތުން ހޯދައިދެވުނު ފުރުސަތެއް ކަމަށެވެ. އެގޮތުން ޢަމަލީ ތަޖުރިބާގެ ތެރެއިން އެހެން މީހުންނާ ގުޅިގެން އުޅުމާއި، މުޢާމަލާތްކުރުން އަދި ކިޔަވައިދިނުމުގެ ހުނަރު ދަރިވަރުންނަށް ދަސްވެގެންދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ކިޔަވައިދިނުމުގެ ދާއިރާއަށް ދަރިވަރުން ޝައުޤުވެރިކުރުވައި އެ ދާއިރާއާމެދު ދަރިވަރުން ހިތްޖެއްސުމަކީ އެ ހަރަކާތުގެ މައިގަނޑު މަޤްޞަދު ކަމަށް ވެސް ލީޒާ ވިދާޅުވިއެވެ.
ހިޔާލު