ހެލްޕްލައިން 1484 އިން މުދައްރިސުންނަށް ވެސް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށް ދެނީ

ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ޤާއިމްކުރި ހެލްޕްލައިން 1484، އިން މުދައްރިސުންނަށް ވެސް ބޭނުންކުރެވޭނެ ގޮތް ހަމަޖައްސައި، އެކަން އިފުތިތާހުކޮށްދެއްވައިފިއެވެ.
ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ދިމާކޮށް، މިއަދު ހެނދުނު ތައުލީމީ ވުޒާރާގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައި މި ހެލްޕްލައިން އިފުތިތާހުކޮށްދެއްވީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްނަގައިގެން މި ހެލްޕްލައިން ޤާއިމްކޮށްފައިވަނީ ޔުނިސެފާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއި އެކުގައެވެ.

މި ހެލްޕްލައިންގެ މަޤްޞަދަކީ، ދަރިވަރުންނާއި މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށޭނަ ގޮތެއްގައި އެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ތައުލީމީ ވުޒާރާއިން ބުނީ، މި ނިޒާމްގެ ތެރެއިން، ދަރިވަރުންނާއި މުދައްރިސުންނަށް ދިމާވާ ކަންބޮޑުވުންތަކާ ގުޅިގެން ދިމާވެދާނެ ނަފްސާނީ ހާސްކަމަކުން އަރައިގަތުމަށް ކައުންސެލަރުން މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމާއި ދަރިވަރުންނަށް އާރލީ އިންޓަވެންޝަންދިނުމާއި، ސްކޫލް ކައުންސިލިންގ ޚިދުމަތް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީއިން ކުރާ ގިނަ މަސައްކަތްތަކުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ މުދައްރިސުން ކަމަށާއި، އެހެންކަމުން މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެ ވުޒާރާއިން އިސްކަންދޭ ކަމަށެވެ. އަދި މި މި ހެލްޕްލައިން މެދުވެރިކޮށް، މުދައްރިސުންގެ ހުރި ކަންބޮޑުވުންތަކަށް ތަސައްލީއެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

މި ހެލްޕްލައިންގެ ޚިދުމަތް ލިބޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ 15:00 އިން ފެށިގެން 21:00 އާ ހަމައަށެވެ. މި ހެލްޕްލައިން މެދުވެރިކޮށް ދަރިވަރުންނާއި މުދައްރިސުންނަށް ވެސް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވާނީ އެކަމަށްޓަކައި ޚާއްޞަކޮށް ތަމްރީން ކޮށްފައިވާ ސްކޫލްތަކުގެ ކައުންސެލަރުންނެވެ.

މި ކައުސެލަރުން ތަމްރީން ކުރުމާއި ހެލްޕްލައިން ޚިދުމަތް ފޯރުކޮށްދޭނެ އުޞޫލުތައް އެކުލަވާލުމުގައި ދިވެހި ރެޑް ކްރެސެންޓުން ވަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *