ގއ. ދެއްވަދޫ ކައުންސިލުން ދިން އެހީތެރިކަމާއެކު އެރަށު ސްކޫލް ކޫސް ސްކޫލަކަށް ވަނީ ބަދަލުވެފައެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އަށް ކުލާސްރޫމް އޭސީ ކޮށްފައިވާއިރު، ބާކީ ހުރި ހަތަރު ކުލާސްރޫމް އޭސީ ކުރީ ކައުންސިލުން ދިން އެހީތެރިކަމާއެކު ފާޢިތުވި ހަފުތާގެ ތެރޭގައެވެ.
ދެއްވަދޫ ސްކޫލުގެ ޕްރިންސިޕަލް އަލީ މުނީރު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ހުރިހާ ކުލާސްރޫމެއް އޭސީ ކުރުމަކީ އެ ސްކޫލާއި ދަރިވަރުންނާއި ބެލެނިވެރިންގެ އުއްމީދެއް ކަމަށާއި އެ އުއްމީދު މިހާރު ހާޞިލްވީ ކަމަށެވެ. މީގެ ކުރިން ބައެއް ކުލާސްރޫމްތައް ވެސް އޭސީ ކުރީ އެ ސްކޫލުގެ ޕީޓީއޭގެ އިސްނެގުމާއެކު އެކިފަރާތްތަކުން ދިން ދީލަތި އެހީތެރިކަމާއެކުގައެވެ.
87 ދަރިވަރުން ޕްރީ ސްކޫލް އުމުރުފުރާއިން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭ ދެއްވަދޫ ސްކޫލުގެ ހުރިހާ ކުލާހެއް އެސީ ކުރުމަކީ ދަރިވަރުންގެ ކިޔެވުމަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށް ޕްރިންސިޕަލް ފާހަގަ ކުރެއްވިއެވެ.
އަލީ މުނީރު ވިދާޅުވީ، އެ ސްކޫލަށް ބޭނުންވާ ކޮންމެ ކަމެއްގައި ކައުންސިލުގެ އެހީތެރިކަން ލިބޭ ކަމަށާއި ދަރިވަރުން ކުޅޭ ސަރަހައްދުގައި ޓާފް އަޅައި ދިނީ ވެސް ކައުންސިލުން ކަމަށެވެ.
ކައުންސިލާއި ޕީޓީގެ އެހީތެރިކަން ލިބިގެން އަޅުގަނޑުމެންނަށް މިފަދަ މަސައްކަތް ކުރިއަށް ގެންދެވެނީ" އަލީ މުނިރު ވިދާޅުވިއެވެ.
ކައުންސިލާއި ޕީޓީއޭއިން ކޮށްދޭ މަސައްކަތަށް އޭނާ ވަނީ ޚާއްޞަ ޝުކުރެއް ވެސް އަދާކުރައްވާފައެވެ. އެ ޝުކުރުގައި ކައުންސިލުގެ ރައީސާއި ނާއިބްރައީސް ނަން އޭނާ ފާހަގަ ކުރެއްވިއެވެ.
"ކޫލް ސްކޫލް" ޕްރޮޖެކްޓް އެޑިޔުކޭޝަން މިނިސްޓްރީން ފެށީ ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ އަމާޒުގައެވެ.
ހިޔާލު