ސްޓޫޑެންޓް ޓީޗަރސް ޕްރޮގްރާމުގައި ބައިވެރިވެ އޭލެވެލް ކިޔަވަމުންދާ ދަރިވަރުންނަށް ފަހި ފުރުޞަތެއް ހޯދައި ދޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަންއިން، ޓީޗަރުންގެ ދުވަސް ފާހަގަ ކުރަން އިއްޔެ ބޭއްވި ބައްދަލުވުމުގައި ޑރ. އިސްމާއިލް ވިދާޅުވީ، ސްޓޫޑެންޓް ޓީޗަރސް ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް އެޑިޔުކޭޝަން މިނިސްޓްރީގެ ތެރެއިން ފަހި ފުރުޞަތުތަކެއް ލިބޭނެ ކަމަށާއި އެކްސްޗޭންޖް ޕްރޮގްރާމްތައް ވެސް އެ ދަރިވަރުންނަށް ހޯދައިދޭނެ ކަމަށެވެ.
" އެކްސްޗޭންޖް ޕްރޮގްރާމްތައް ހޯދައިދޭނަން. މާލޭގައި ވެސް އެކިއެކި ޕްރޮގްރާމްތައް ފަހިކޮށްދޭނަން. އެހެން ކުދިންނަށްވުރެ މާ ގިނަ ފުރުޞަތު ހޯދައިދޭނަން" މިނިސްޓަރު ވިދާޅުވިއެވެ.
ތައުލީމީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޓީޗަރުން މަދުވުމުގެ މައްސަލައަށް ވާއިރު، ޓީޗަރުން ތަމްރީނު ކުރަން ފެށި އާ މަޝްރޫއުގެ ދަށުން، އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ ތެރެއިން ޓީޗިން ހަދަން ބޭނުން ވާ ދަރިވަރުންނަށް މަހަކު 1500 ރުފިޔާގެ އެލަވަންސެއް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

ޓީޗަރަކަށް ވުމުގެ ޝައުޤުގައި އޭލެވެލް ފެށި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި ބައްދަލުވުމުގައި ވަޒީރު އިސްމާއިލް އެ ދަރިވަރުން ސިފަކުރެއްވީ މި ޖީލުގެ ޓީޗަރުންގެ ގޮތުގައެވެ.
މިނިސްޓަރު ވިދާޅުވީ، ޓީޗަރުން ތަމްރީނު ކުރުމަށް ފެށި ޕްރޮގްރާމުގައި 130 ދަރިވަރުން ކިޔަވަމުންދާއިރު، އެ ޕްރޮރާމަކީ އަލަށް އެކުލަވާލައި އާ މޮޑަލަކަށް ކުރިއަށް އެ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ އެމްއެންޔޫއާއި އައިޔޫއެމްއާއި އަމިއްލަ ކޮލެޖްތަކުގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.
ޑރ. އިސްމާއިލް ވިދާޅުވީ، އެ ދަރިވަރުން ކިޔަވާ އޭލެވެލްގެ ކޮންޓެންޓް ޑިގްރީ ޕްރޮގްރާމެއްގެ ފުރަތަމަ އަހަރުގެ ކޮންޓެންޓާ ވަރަށް ގާތް ކުރާނެ ކަމަށެވެ. އަލަށް ފަރުމާކުރި އެ ޕްރޮގްރާމުގެ ދަށުން އެއް އަހަރު ކިޔެވުމަށްފަހު ދެން އެކުދިން ފަށާނީ ހަތަރު އަހަރުގެ ޓީޗިންގ ޕްރޮގްރާމެއްގައެވެ.

ޓީޗިންގ ދާއިރާއަކީ ފަހުން އެހެން ދާއިރާއަކުން ކުރިއަށް ދާން ބޭނުންވިޔަސް އެންމެ ފަސޭހައިން ދެވޭނެ ދާއިރާ ކަމަށާއި ޓީޗިންގ ދާއިރާއަކީ މައިދާނެއްގެ ގޮތުގައި އަމިއްލަ ތަޖުރިބާގެ އަލީގައި ޑރ. އިސްމާއިލް ސިފަކުރެއްވިއެވެ.
ޓީޗިންގ ކޯސްތަކަށް ވަންނާނެ ކުދިން މަދުވުމުގެ ކަންބޮޑުވުން މި ބައްދަލުވުމުގައި އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ވަނީ ފާޅުކޮށްފައެވެ.
advertisment
ހިޔާލު