މަސައްކަތުން ލިބޭ ވަރުވަލިކަން ފިލުވާލަން ރ. ވާދޫ ސްކޫލުގައި " ސްޓަރފް ރެސިލިއަންސް ސްޕޮޓް" އެއް ހުޅުވައިފައިވެ.
ޓީޗަރުންގެ ދުވަހުގެ ހަރަކާތެއްގެ ގޮތުން މި ތަން ހުޅުވައި، މިހާރު ދަނީ ބޭނުން ކުރަމުންނެވެ.
ވާދޫ ސްކޫލުގެ ޕްރިންސިޕަލް އިސްމާއިލް ނަޞީރު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، އެ ސްކޫލުގެ ސްޓާފުންގެ ދުޅަހެޔޮކަމާއި މަސައްކަތުގެ މާހައުލުގައި އުޅޭއިރު ލިބޭ ވަރުބަލިކަމަށް ލުޔެއް ހޯދައިދޭން " ސްޓަރފް ރެސިލިއަންސް ސްޕޮޓް" ތައްޔާރު ކުރީ، ޕްރޮޕޯސަލް ހަދައިގެން އެ ޕްރޮޕޮސަލްއަށް އެކި ފަރާތްތަކުން ދިން މާލީ އެހީތެރިކަމާ އެކުގައި ކަމަށެވެ. އެހީދިން ފަރާތްތަކުގެ ތެރޭގައި އިސްމަޤާމްތަކުގައި ތިއްބެވި ރ. ވާދޫއަށް ނިސަބަތްވާ ފަރާތްތަކާއި ވިޔަވާފަރިވެރިންނާއި ވަކިވަކި ފަރުދުންނާއި އެސްއެމްޓީގެ މެމްބަރުން ހިމެނޭ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
މި ޕްރޮޖެކްޓަށް 25،000 ރުފިޔާ ޚަރަދުވި ކަމަށް ވާދޫ ސްކޫލުން ބުނެއެވެ.
" ސްޓަރފް ރެސިލިއަންސް ސްޕޮޓް" ގައި ފޮތް ކިޔުމާއި ކޮފީ ބުއިމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ. އަދި މުދައްރިސުންނާއި ސްޓާފުންނަށް ކުދިކުދި ބައްދަލުވުންތައް ބޭއްވޭނެ ގޮތަށް ވަކި ތަނެއް ޚާއްޞަކޮށް، އެފަދަ ބަންދަލުގުން ބޭއްވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.
ރ. ވާދޫ ސްކޫލުގައި 100 އަށްވުރެ ގިނަ ކުދިން ކިޔަވަމުން ގެންދެއެވެ.
ހިޔާލު