ޓީޗަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން "ލޯބިން ޝުކުރިއްޔާ ބުނެލަމާ" ސޯޝަލް މީޑިއާ ކެމްޕޭނެއް އައްޑޫ ސިޓީ ހިތަދޫ ސްކޫލުން ފަށައިފިއެވެ.
ހިތަދޫ ސްކޫލުން ބުނީ، މި ކެމްޕޭނަކީ މި އަހަރުގެ ޓީޗަރުންގެ ދުވަހު، ޓީޗަރުންގެ އަގުވަޒަންކޮށް ޓީޗަރުންނަށް ހައްޤު ޝުކުރާއި ތަޢުރީފު ސޯޝަލްމީޑިއާގައި ހާމަ ކުރުމަށް ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށެވެ.
އެ ސްކޫލުން ބުނީ، އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޓީޗަރުންގެ ދުވަހު، ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅެއްގެ ސޯޝަލް މީޑިއާ ޕޭޖުގައި، ސްޓޭޓަސް ނުވަތަ ޕޯސްޓްތައް ޓީޗަރުންނަށް ޚާއްޞަކޮށް ދެއްވުން އެދޭ ކަމަށެވެ. ޕޯސްޓްތައް ހިއްސާކުރައްވާއިރު، ވަކި ސްކޫލެއް، ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއެއް ބެލުމެއްނެތި މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ނިސްބަތްކޮށް، އެ ބޭފުޅުންގެ އަގުވަޒަންކޮށް އިޚްލާސްތެރި ޝުކުރުގެ މެސެޖް ޕޯސްޓްކޮށް ދެއްވުމަށެވެ.
ވަކިވަކި ޓީޗަރުންނަށް ނަމަވެސް މުދައްރިސުންގެ އަގުވަޒަންކުރުމުގެ ގޮތުން ހިތްހެޔޮކަމާއެކު އުފާވެރި އިހުސާސެއް ކުރެވޭނެ ބަސްކޮޅެއް ހިއްސާކުރައްވަން އަޅުގަނޑުމެން ބޭނުންވަނީ. އަޅުގަނޑުމެންގެ ބޭނުމަކީ ޓީޗަރުންނަށް އޮތް ހައްޤު މަޤާމާއި އެ އިހުތިރާމާއި ލޯބިން ސޯޝަލް މީޑިއާ އެކީ ފުރާލަދޭން" ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވިހެން، ޓީޗިން ހަދަން ކުދިން އަންނާނީ ޓީޗަރުންގެ އަގުވަޒަން ކުރެވިގެން ކަމަށާއި ބައިނަލްއަޤްވާމީ ދިރާސާތަކުން ދައްކާ ގޮތުން އެންމެ ރަނގަޅު ތަޢުލީމީ ދާއިރާ އޮންނަނީ ޓީޗަރުންނަށް އިޙްތިރާމް ކުރާ ޤައުމުތަކުގައި ކަމަށެވެ.

" އަޅުގަނޑުމެން ދެކެން ބޭނުންވަނީ ޓީޗަރުންގެ ދުވަހު، ބެލެނިވެރިންނާއި ދަރިވަރުން އަދި އެންމެހައި ފަރުދުން، ލޯބިން ޝުކުރިއްޔާ ބުނެލަން" ޑރ. އާސިޔަތު ވިދާޅުވިއެވެ.
ޕޯސްޓްތައް ލިޔާއިރު، ބޭނުން ކުރާނެ ހޭޝްޓެގް ތަކަކީ: TeacherAppreciation2024 #sayitwithlove# އެވެ.
ބެލެނިވެރިންނާއި ދަރިވަރުން ނިކަން އުފަލުން ބުނެލާ، ހިތަށް އުފާވެރިކަން ގެނެސްދޭ ފަދަ ބަސްތަކުން މުދައްރިސުންނަށް ލިބޭ އުފާވެރިކަން ބޮޑެވެ.
ސޯޝަލް މީޑިއާގެ ކެމްޕޭނުގެ އިތުރުން، ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން މުދައްރިސުންނަށް ސިޓީއާއި މެސެޖް ފޮނުވަން އެ ސްކޫލުން ވަނީ ހުޅުވާލާފައެވެ.
"ޓީޗަރުންގެ ދުވަހު ނިކަން ލޯބިން ތިޔަ ދަރިވަރުންގެ (މިހާރު ސްކޫލްގައި ނޫޅުނު ނަމަވެސް) މުދައްރިސުންނަށް މެސެޖެއް ލިޔެލާފަ ފޮނުވާލަދީ. ސްކޫލުން ތިޔަ ދަރިވަރުން ބޭނުންވާ ޓީޗަރަކަށް މެސެޖު ރައްދު ކޮށްދޭނެ. ބެލެނިވެރިންނަށް ވެސް މިހަރަކާތުގައި ބައިވެރިވެވޭނެ. ޓީޗަރގެ ނަން ޖައްސަވާފަ ފޭސްބުކު ޕޭޖަށް މެސެޖުކުރިޔަސް ނުވަތަ ތިރީގައިވާ މެއިލްއަށް މެއިލް ކުރިޔަސް ނުހަނު ލޯބިން މެސެޖު ރައްދުކޮށްދެވޭނެ" ބެލެނިވެރިންނަށާއި ކުދިންނަށް ހިތަދޫ ސްކޫލުން އެންގި ނޯޓިސްގައި ބުނެފައިވެއެވެ.
" އެއްވެސް ފަރާތަކުން ސްކޫލުގެ އެއްވެސް މުވައްޒަފެއްގެ އަގުވަޒަން ކުރުމުގެ ގޮތުން އެއްޗެއް ބުނެލަން ބޭނުންނަމަ ތިރީގައިވާ މެއިލްއަށް މެސެޖް ނުވަތަ ސިޓީ ފޮނުއްވައި ދެއްވުން އެދެމެވެ. ސިޓީ މެސެޖް ސްކޫލު އޮފީހުން ވެސް ބަލައިގަންނާނެއެވެ. އަދި ސްކުލުގެ ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ވެސް މެސެޖް ބަލައިގަންނާނެ"
މެސެޖް ފޮނުވަން އެ ސްކޫލުން އެދިފައި ވަނީ teacher@hithadhooschool.edu.mv އީމެއިލް އަށެވެ.
މުޖްތަމައުގައި އެއްބަޔަކު އަނެއް ބަޔަކު ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަކީ ގުޅުން ވަރުގަދަވެ ދުޅަހެޔޮ މުޖްތަމަޢެއް ބިނާ ކުރުމަށް ނުހަނު މުހިންމު ކަމަކަށް ވާތީ އެ ކަމުގައި ހުރިހާ ބޭފުޅުން އެއްބާރުލުން ދެއްވުމަށް ވެސް ހިތަދޫ ސްކޫލުން ވަނީ އެދިފައެވެ.
advertisment
ހިޔާލު