ރާއްޖޭގައި ޓީޗަރުންގެ ރޭޝިއޯ ހުރީ ކޮންމެ އަށް ކުއްޖަކަށް ޓީޗަރެއް

ތައުލީމީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މުދައްރިސުން މަދުވުމުގެ މައްސަލަ ކަމަށާއި ރާއްޖޭގައި މިހާތަނަށް ލިބެން ހުރި ތަފާސް ހިސާބުތަކަށް ބަލާއިރު އަށް ކުއްޖަކަށް ޓީޗަރަކު ޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

" އަޅުގަނޑަށް ހިއެއް ނުވޭ މި ސަރަހައްދުގެ އެއްވެސް ޤައުމެއްގައި މިވަރުގެ ރޭޝިއޯއެއް އޮންނާނެ ހެން" ހަތް ވަނަ ޓީޗަރސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭ އޭރިޔާގައި 18 ނޫނީ 19 ކުއްޖަކަށް ޓީޗަރެއް ޖެހޭއިރު، އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ކޮންމެ ހަ ކުއްޖަކަށް ޓީޗަރެއް ޖެހޭ ކަމަށެވެ. އަދި ނިސްބަތުން ދެ ކުއްޖަކަށް ޓީޗަރަކު ޖެހޭ ރަށްރަށް ވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

" ފާހަގަކޮށްލަން ޖެހޭ ކަމަކީ، އަޅުގަނޑުމެން މިވަރަށް ޓީޗަރުން ސަޕްލައިކޮށްފައިވާއިރު ވެސް ޓީޗަރުން މަދު. ޕްރައިމަރީ އަށް ކިޔަވައިދޭ ސްޕަލައިޒް ޓީޗަރުންނަށް ބެލިކަމުގައި ވިޔަސް މަދު. 250 ޓީޗަރުން މަދު. އިސްލާމް ދިވެހި މާއްދާތަކަށް ބަލާއިރުވެސް މަދު" ޑރ. އިސްމާއިލް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޤައުމު ކުރިއަރުވާ ކަމުގައި ވަނީނަމަ އަޅުގަނޑުމެންގެ މުދައްރިސުންނަށް، ޓީޗަރުންނަށް ދޭން ޖެހޭ ގަދަރާއި ޝަރަފު، އިހުތިރާމާއި ލޯބި ދޭން ޖެހޭނެ ކަމަށެވެ. ކޮލިޓީ ތައުލީމެއް ފޯރުކޮށްދޭ ޤައުމުތަކުގައި އެކަން ކުރެވެނީ މުދައްރިސުންނަށް ދޭން ޖެހޭ އިޚްތިރާމާއި ގަދަ ދެވިގެންކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މުދައްރިސުންނަށް ވާން ދަރިވަރުން ބޭނުން ނުވާ ސަބަބު އިލްމީ ދިރާސާތަކުގެ އަލީގައި ދެނެގަންނަންޖެހޭ ކަމަށް ވެސް މިނިސްޓަރު ޑރ. އިސްމާއިލް ވިދާޅުވިއެވެ.

" ކީއެވެގެންތޯ މުދައްރިސުންގެ ދާއިރާއަށް ވަންނަން އޭލެވެލް ނިންމާ ކުދިން އެހާ ޝައުޤުވެރި ނުވަނީ. ކޮންކަހަލަ ގޮންޖެހުމެއްތޯ މި ދާއިރާގައި މި ހުރީ. ރަނގަޅު ނަތީޖާއާއެކު އޭލެވެލް ނިންމާ ދަރިވަރުން އިހިނަކުންތޯ އެޓްރެކްޓް ކުރެވޭނީ. ސްކޫލްތަކުގެ މާހައުލު ހިތްގައިމު ކުރެވޭނީ  ކިހިނަކުންތޯ. މިއީ ދިޔަ ބޭފުޅުންގެ ދިރާސާގެ އަލީގައި ދެނެގަންނަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ފާހަގަކުރަން" ކޮންފަރެންސްގެ ބައިވެރިންނަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.

މުދައްރިސުން ތަމްރީނު ކުރުމަށް ޤައުމީ މަޝްރުއެއް ފެށުމަށް ސަރުކާރުން ނިންމާފައިވާއިރު، މުދައްރިސުންނަށް ވާން ޝައުޤު ހުރި، އޭލެވެލްއަށް ކިޔަވާ ދަރިވަރުންނަށް 1500 ރުފިޔާގެ އެލަވަންސެއް ދޭން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *