މި އަހަރު އޭލެވެލްއަށް ކިޔަވަން ފެށި 130 ދަރިވަރުން ޓީޗިން ހަދާނެކަން ފާހަގަކުރެވިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ބައިނަލް އަޤްވާމީ ޓީޗަރސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، ޓީޗަރުން މަދުވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެ މިނިސްޓްރީން، އޭލެވެލް ކިޔަވައިދޭ ސްކޫލްތަކުގައި ކުރި މަސައްކަތުން މި އަހަރު ގުރޭޑް 11 ގައި ކިޔަވަން ފެށި ދަރިވަރުންގެ ތެރެއިން 130 ދަރިވަރުން ޓީޗިން ހަދާނެ ފާހަގަ ކުރެވިފައިވާ ކަމަށާއި އެއީ އެ މިނިސްޓްރީން މި އަހަރަށް ކަނޑައެޅި 120 ކުދިންނަށް ވުރެ އިތުރު އަދަދެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ " މި އަހަރަކީ އެހެން އަހަރުތަކާ އަޅާބަލާއިރު އެންމެ ގިނަ ކުދިން މުދައްރިސް ކަމުގެ ކޯސް ހަދަން ވަންނާނެ އަހަރު" ކަމަށެވެ.
މުދައްރިސުން ތަމްރީނު ކުރުމަށް ޤައުމީ މަޝްރޫއެއް މި މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު އޮތީ މީގެ ދުވަސްތަކެއް ކުރިން އިއުލާން ކުރައްވާފައެވެ. މީގެ ކުރިން މިނިސްޓަރު ވިދާޅުވެފައި ވަނީ އޭލެވެލްއަށް ކިޔަވަން ފަށާ ޓީޗިންގ ހަދަން އެއްބަސްވާ ދަރިވަރުންނަށް މަހަކު 1500 ރުފިޔާގެ އެލަވަންސެއް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
" އިލްމީ ދިރާސާތަކުގެ އަލީގައި، ކީއެވެގެންތޯ މުދައްރިސުންގެ ދާއިރާއަށް ވަންނަން އޭލެވެލް ނިންމާ ކުދިން އެހާ ޝައުޤުވެރި ނުވަނީ. ކޮންކަހަލަ ގޮންޖެހުމެއްތޯ މި ދާއިރާގައި މި ހުރީ. ރަނގަޅު ނަތީޖާއާ އެކު އޭލެވެލް ނިންމާ ދަރިވަރުން ކިހިނަކުންތޯ އެޓްރެކްޓް ކުރެވޭނީ. ސްކޫލްތަކުގެ މާހައުލު ހިތްގައިމު ކުރެވޭނީ ކިހިނަކުންތޯ. މިއީ ދިޔަ ބޭފުޅުންގެ ދިރާސާގެ އަލީގައި ދެނެގަންނަން ޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ފާހަގަކުރަން" މިނިސްޓަރު ޑރ. އިސްމާއިލް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޖީޕީއީއާއެކު ކުރެވުނު މަސައްކަތުން ލިބިފައިވާ 5 މިލިއަން ޑޮލަރުގެ ތެރެއިން ޓީޗަރުން ތަމްރީނު ކުރުމަށް އެކަށީގެންވާ އަދަދެއް ކަނޑައަޅާފައިވާނެ ކަމަށެވެ.
advertisment
ހިޔާލު