އެނގިގެންނާއި ނޭނގި ނަމަވެސް މައިން ކުރާ ކަންތައްތައް ދަރިން ދަސްކުރޭ

މައިންނަކީ ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެވެ. އެ ކުދިންގެ އުޅުމާއި ގުޅުން ބައްޓަންކުރުމުގެ ބާރު އޮތީ މައިންގެ އަތުގައެވެ. މައިން ކުރާ ކަންތައްތައް ސީދާ ގޮތުންނާއި ނުސީދާ ކޮށް ވެސް ދަރިން ނަގައިގަނެއެވެ.

އާންމުކޮށް މަންމައިންގެ ފުށުން ދަރިން ނަގައިގަންނަ ކަންތައްތަ ހުރެއެވެ. އޭގެ ތެރޭގައި، މަންމަ އިހްތިރާމާއެކު ވާހަކަ ދައްކައިފި ނަމަ ކުޑަ ދަރިފުޅު ވެސް އެކަން ކުރަން އެހާމެ ބޭނުންވެއެވެ. މަންމަ ދަރިފުޅާ އެއްވެސް އަދަބެއް ނެތި ވާހަކަ ދައްކައިފި ނަމަ އެ ކުއްޖާގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ކުރުވައެވެ.

ހާސްވެ ކަންބޮޑުވާ ހާލަތުގައި މައިން ކެތްތެރިވެ ތިބޭތަން ދެކޭނަމަ އެ ހާލުގައި ކަންކުރަންވީ ގޮތް ދަރިންނަށް އެނގިގެންދާނެއެވެ. ރުޅިވެރިކަމާއި ހަސަދަވެރިކަން ބާއްވާނަމަ އެ ކުދިންގެ ހިތުގައި ނަފުރަތު އުފެދި ޖަދަލު ކުރަން ފަށާނެއެވެ.

މަސައްކަތެއްގައި މަންމަ ފަރުވާތެރިކަން ބަހައްޓައިގެން މަސައްކަތް ކުރާ ތަން ދަރިފުޅަށް ފެންނަ ނަމަ އަމިއްލަ ޒިންމާ ނަގަން ދަސްވުމުގެ އިތުރުން ބުރަ މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް ދަސްވާނެއެވެ. ހަމަ އެހެންމެ ކަންނެތް ކަމާއި އެއްވެސް ތަރުތީބެއް ނެތި ކަންކަން ކުރާނަމަ އެކުދިންގެ ދިރިއުޅުމުގައި ވެސް ތަރުތީނެއް ނުފެންނާނެއެވެ.

މަންމަ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކަސްރަތުކޮށް، ކެއުން މިންގަނޑެއްގެ ދަށުން ބަހައްޓަމުން ގެންދާ ތަން ދަރިފުޅަށް ފެންނަ ނަމަ ދަރިފުޅުވެސް އެކަމަށް ސަމާލުކަން ދޭނެއެވެ.

މަންމަ ނަމާދުކުރާ ތަން ދަރިންނަށް އަބަދުމެ ފެންނަނަމަ ދަރިން ވެސް އެކަން އެގޮތަށް ކުރަން ހިތްވަރަކަށް ވާނެއެވެ.

ކަންކަން ނިންމުމުގައި މަޑުމައިތިރި ކަމާއެކު ކަން ކުރާތަން ދަރިންނަށް ފެނުމުން އެ ދަރިންނަށް ހަޔާތުގައި ދިމާވާ ކަންކަން ނިންމަން ފަސޭހަ ވެގެންދެއެވެ.

އެކި އުމުރުގައި ކުދިން ކޮޕީ ކުރާނީ އެކި ކަންތައްތަކެވެ. ކޮންމެ ކަމެއް ދަސްކޮށްދޭން އެކަން ކުރަންވީ ގޮތް ކިޔައެއް ނުދެވިދާނެއެވެ. ފެންނަ ކޮންމެ މަންޒަރަކުން، ނޫނީ ކުރާކަމަކުން އެތައް ކަމެއް ދަސްކޮށްދެއެވެ. ކަމެއް ދަސްކޮށްދޭނަމަ އެންމެ މުހިންމީ އާދަކޮށް، ތަކުރާރުކޮށް އެކަމެއް ކުރުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *