ވިލާ ކޮލެޖްގެ ޕްރޮގްރާމް ތަކަށާއި ފެކަލްޓީތަކަށް އިންޓަރނޭޝަނަލް ރިކޮގްނިޝަން ހޯދަނީ

ކުރިއަށް އޮތް ފަސްއަހަރުގެ އެއް އަމާޒަކަށް ވާނީ ދެވޭ ތަޢުލީމުގެ ފެންވަރު އިތުރަށް މަތިކޮށް ޕްރޮގްރާމްތަކަށާއި ފެކަލްޓީތަކަށް އިންޓަރނޭޝަނަލް ރިކޮގޮނިޝަން އިތުރަށް ހޯދުން ކަމަށް ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވެއްޖެއެވެ.

ވިލާ ކޮލެޖްގެ ދަރިވަރުން ދަސްވެނިވުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ހަފްލާގައި ޑރ. އަލީ ނަޖީބު ވިދާޅުވީ، އިންޓަރނޭޝަނަލް ރިކޮގޮނިޝަން ހޯދުމުގެ އިތުރުން ރިސަރޗާއި އިނޮވޭޝަންގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދުން ވެސް ހިމެނޭ ކަމަށެވެ.

ވިލާ ކޮލެޖުން ވަނީ ޔުނިވަރސިޓީސްތައް ރޭންކުރާ ކިއުއެސް ސްޓަރ ރޭޓިންގައި ތިން ދާރިއާއަކުން ފައިވް ސްޓަރ ހާޞިލްކޮށްފައެވެ. ފައިވް ސްޓަރ ރޭންކިންގ ލިބުނީ، އޮންލައިން ލާނިންއާއި އެންވަރަމެންޓަލް އިމްޕެކްޓް އަދި އެމްޕްލޯޔަބިލިޓީންނެވެ.

ޑރ. ނަޖީބު ވިދާޅުވި ގޮތުގައި، ޓައިމްސް ހަޔަރ އެޑިޔުކޭޝަންގެ އޮންލައިން ރޭންކިންގ ވިލާ ކޮލެޖުން މިހާރު ބައިވެރިވެފައިވާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން ޓައިމްސް ހަޔަރ އެޑިޔުކޭޝަންގެ ސޯޝަލް އިމްޕެކްޓް ރޭންކިންގ ގައި ވިލާ ކޮލެޖުން ބައިވެރިވާނެއެވެ. އަދި ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް (ކިޔުއައިއެސްބީ) އިން މިހާރު ވެސް ދަނީ އެސްއޭކިއުއެސް އެކްރެޓިޓޭޝަން ހޯދަން މަސައްކަތް ކުރަމުންނެވެ.

އެސްއޭކިއުއެސް އަކީ ސައުތު އޭޝިޔާގައި، މެނޭޖްމަންޓް އެންޑް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަތީ ތައުލީމު ދޭ ތަންތަނުގެ ކޮލިޓީ އެސެސްމަންޓް، އިމްޕްރޫވްމަންޓް އަދި އެކްރެޑިޓޭޝަންދޭ ނިޒާމެވެ.

ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްއަށް އޭއޭޕީއެސްއީގެ އެކްރެޓިޓޭޝަން ހޯދަން މި އަހަރު ނިމުމުގެ ކުރިން އެޕްލިކޭޝަން ލެވޭވަރުވާނެ ކަމަށް ވެސް ޑރ. ނަޖީބު ވަނީ މިއަދު އިއުލާން ކުރައްވާފައެވެ.

ޑރ. ނަޖީބު ވިދާޅުވީ، އެ ވިލާ ކޮލެޖުން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ދިވެހިރާއްޖޭގައި ނެތް ދިވެހިރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރަން ކަމަށާއި އެގޮތުން ވޭތުވެދިޔަ އަހަރާއި މިއަހަރު، ބޭރުގެ އާ ޔުނިވަރސިޓީތަކާ އެކު އެއްބަސްވުންތައް ޤާއިމްކޮށްފައިވާ ކަމަށެވެ. އަންނަ އަހަރު އިތުރު ދާއިރާތަކުން އާ ޕްރޮގްރާމްތައް ފެށިގެން ދާނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އާކިޓެކްޗަރ އާއި އެންޓެޕްރެނިއަރޝިޕާއި ނާސިންގއާއި ސައިކޮލޮޖީ އާއި ފިޒިއޮތެރަޕީ އާއި ބައޮއިންޖިނިރިއަރިންގ އާއި ލޯ އާއި އައިޓީގެ ތަފާތު ސްޕެސަލައިޒޭޝަން ކޯސްތައް ފަށަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މި އަހަރު ވިލާ ކޮލެޖުން ކިޔަވަމުންދާ ދަރިވަރުންގެ އަދަދު 10 އިންސައްތަ އިތުރުވެފައިވާކަން ފަޚުރުވެރިކަމާއެކު ޑރ. ނަޖީބު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، " ވިލާ ކޮލެޖުގެ ދަސްވެނީންގެ ސާވޭއިން ދައްކާގޮތުން އެ ކޮލެޖުން ފުރަތަމަ ޑިގްރީއަށް ކިޔަވައިގެން ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނުކުތް ކުދިންގެ 21 އިންސައްތަ ދަރިވަރުން އެއް އަހަރު ދުވަހުގެ ތެރޭގައި ވިލާ މާސްޓަރަސް ޕްރޮގްރާމްތަކުގައި ކިޔަވަން އަލުން އެ ކޮލެޖާ ގުޅިފައިވޭ. ފައުންޑޭޝަނުން ޑިގްރީއަށް އަންނަ ކުދިންގެ އަދަދު  އެއަށްވުރެ މަތި. މިއިން ދައްކުގައި ދެނީ ކޮލެޖާ މެދު ދަސްވެނީންގެ އޮތް އިތުބާރު" ކަމަށެވެ.

ވިލާ ކޮލެޖުން ބުނީ، މި އަހަރު ދަސްވެނިވި ދަރިވަރުންގެ 68 އިންސައްތައަކީ އެ ކޮލެޖްގެ އަމިއްލަ ޕްރޮގްރާމް ތަކުން ގުރެޖުއޭޓް ވި ދަރިވަރުން ކަމަށާއި 59 އިންސައްތައަކީ އަންޑަ ގުރެޖުއެޓް ކޯސްތަކުން ގުރެޖުއޭޓް ވި ދަރިވަރުން ކަމަށެވެ. ދަސްވެނިވި ދަރިވަރުންގެ 70 އިންސައްތައަކީ އަންހެން ދަރިވަރުން ކަމަށް ވެސް ވިލާ ކޮލެޖުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *