ރާއްޖޭގައި ކުރާ ރިސަރޗްތައް ބޮޑުތަނުން އިތުރުވަމުންދާއިރު ހަވާލާ ދެވޭ ފެންވަރުގެ ކޮލިޓީ ރިސަރޗްތައް މަދުވުމުގެ ކަންބޮޑުވުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ފާޅުކުރައްވައިފިއެވެ.
އިސްލާމިކް ޔުނިވަރސިޓީން އަހަރަކު އެއް ފަހަރު ބާއްވާ އައިސީއައިއޭ ބައިނަލް އަޤްވާމީ ކޮންފަރެންސް އިފްތިތާޙްކޮށް ދެއްވައި ޑރ. އިސްމާއިލް ވިދާޅުވީ، 2000 ވަނަ އަހަރާ ހަމައަށް އައިއިރު ރިސަރޗް ޕަބްލިކޭޝަން ތަކުގެ އަދަދު ހުރީ ދެ އަދަދުން ގުނާލެވޭ ހިސާބުގައި ކަމަށާއި އެ އަދަދު 100 އަށް ވެސް ނާރާ ކަމަށެވެ. އެހެން ނަމަވެސް ދެ ޔުނިވަރސިޓީގެ މަސައްކަތާއި މަތީ ތައުލީމަށް ދެވޭ ފޯކަސް ބޮޑުވުމާ އެކީގައި ޕަބްލިކޭޝަންތަކުގެ އަދަދު ގިނަވަމުން އަންނަ ކަމަށެވެ.
" ދިވެހި ލިޔުންތެރިންގެ ރިސަރޗްތަކާއި އިންޓަރނޭޝަނަލް ފަރާތްތަކާ އެކުގައި ކުރެވޭ ދިރާސާތަކުގެ އަދަދު 6000 އަރައިފި. އެއީ ފަޚުރިވެރިވާން ޖެހޭ ކަމެއް" މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ދެން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވީ، ރިސަރޗްތަކުގެ އަދަދު މައްޗަށް ދިޔަ ނަމަވެސް ހަވާލާ ދެވޭ ފެންވަރުގެ ކޮލިޓީ ރިސަރޗްތައް ހެދިފައި ނެތުމުންނެވެ.
ޕަބްލިކޭޝަންތަކުގެ ޖުމްލަ އަދަދު މަތިވެގެން ދިޔަ ކަމުގައިވިޔަސް 2000 ވަނަ އަހަރުގައި ގައި 28 ނޫނީ 30 ޕޭޕަރު ޕަބްލިޝް ކުރެވުނުއިރު އެ އެއްޗިއްސަށް ދިޔައީ ރެފަރެންސް ދެވެމުން، ހަވާލާ ދެވެމުން ކަމަށް ޑރ. އިސްމާއިލް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ 2023 އާ ހަމައަށް އައިއިރު 250 އަށްވުރެ ގިނަ ސައިންޓިފިކް ރިސަރޗް ޕަބްލިކޭޝަން ހެދުނުއިރު ޕަބްލިސް ކުރެވޭ ރިސަރޗް ތަކަށް ސައިޓް ކުރެވޭ މިންވަރުގެ ބޮޑު ގެޕެއް އެބައޮތް ކަމަށެވެ.
" ޔުނިވަރސިޓީތަކުން ޚާއްޞަކޮށް އިސްކަމެއް ދެއްވަން އެބަޖެހޭ ކޮންޓިޓީއާ އެކު ރިސަރޗް ތަކުގެ ކޮލިޓީ ގެންނަން. ރިސަރޗްތަކުގެ ކޮލިޓީ، ޕޭޕަރުތަކުގެ ކޮލިޓީ، ޕަބްލިކޭޝަންތަކުގެ ކޮލިޓީ ރަނގަޅު ނުކުރެވޭ ކަމުގައި ވަނީނަމަ ޕަބްލިކޭޝަނެއް އައިކަމުގައިވި ނަމަވެސް އުފެއްދުންތެރި އިލްމީ ދިރާސާވެރިން އެ އެއްޗިއްސަކަށް ހަވާލާ ނުދޭނެ. މިއީ ޤައުމީ ލެވެލްގައި އެޑްރެސްކުރަން ޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން" އިސްލާމިކް ޔުނިވަރސިޓީގެ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ޑީންގެ މަޤާމުވެސް އަދާކުރެއްވި ޑރ. އިސްމާއިލް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޕަބްލިޝް ކޮށްފައި ހުރި ދިރާސާތަކަށް ބަލާއިރު އޭގެ ތެރެއިން 18.9 ޕަސެންޓަކީ ސައިންސްގެ ދާއިރާގެ ދިރާސާތައް ކަމަށާއި ހިސާބުގެ ދާއިރާގައި ޕަބްލިޝް ކޮށްފައި ހުރީ އެންމެ 0.4 ޕަސެންޓު ދިރާސާތައް ކަމަަށެވެ.
ޑރ. އިސްމާއިލް ވިދާޅުވީ، ހިސާބު ސައިންސް އިންޖިނިއަރިންގ ދާއިރާތަކުން ރިސަރޗް ކުރަން ފޯކަސް ކުރަން ޖެހޭ ކަމަށާއި އުފެއްދުންތެރިކަން ޤައުމީ ލެވެލްގައި އިތުރުވެގެން ދާނީ އެ ދާއިރާތަކަށް އިސްކަންދީގެން ކަމަށެވެ. ތިމާވެށީގެ ދާއިރާގައި ވެސް ހުރީ ވަރަށް މަދު އަދަދެއްގެ ދިރާސާތަކެއް ފާހަގަކުރައްވައި ޤައުމީ އުފެއްދުންތެރިކަން އިތުރު ކުރުމަށް އެ ދާއިރާތަކުން ރިސަރޗް ކުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހިޔާލު