މުޙައްމަދު ޛިހާން ޒުބައިރު
"ކުޑަކުދިންގެ ކެންސަރުބަލީގެ ފަރުވާއަށްފަހު މުޖުތަމައުން ދިމާވާ ގޮންޖެހުންތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ އަތްމަތީ ފޮތް" ލިޔުނީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިންނެވެ.
މި ފޮތް ނެރުނީ ޔުނިސެފާއި ދިރާގާއި ތަޢުލީމީ ވުޒާރާއާއި ގުޅިގެންނެވެ.
ތާޖުއްދީން ސުކޫލުގައި މި ފޮތް ނެރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ސޮސައިޓީ އޮފް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއާރޕާސަން ޖުވޭރިއާ ސަޢީދު ވިދާޅުވެފައި ވަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރ މަހަކީ ކުޑަކުދިންނަށް ޖެހޭ ކެންސަރުބައްޔާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ މަސްކަމަށާއި، މި އަހަރު ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.
އަދި އޭނާ ވިދާޅުވެފައި ވަނީ ކެންސަރަށް ފަރުވާކުރުމުގެ ފަހުން އެ ތަހައްމަލުން ސަލާމަތްވާ ކުޑަކުދިން ދިރިއުޅުމުގައި އެކި ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. މިހެން މިކަން ދިމާވަނީ އެ ބަލިން ރަނގަޅުވުމަށް ފަހު ވެސް ބަލީގެ ކޮންމެވެސް އަސަރުތަކެއް ކުރާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފޮތް ނެރެދެއްވީ ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙުސައިން ސަޢީދު މުޙައްމަދާއި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދާއި ކެންސަރ ސަޮސައިޓީގެ ޗެއާޕާސަނާއި ޔުނިސެފުގެ ޑެޕިޔުޓީ ރެޕްރެޒެންޓޭޓިވް އިޒީ ފެއިން ގޯލްޑެވެ.
މުދައްރިސުންނާއި ބެލެނިވެރިންގެ އިތުރުން ކުޑަކުދިން ބަލަހައްޓާ މީހުންނަށް މިފޮތުގެ ސަބަބުން ފައިދާ ކުރާނެ ކަމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއިން ބުނެއެވެ. ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރި ކުރުމަށް މަޢުލޫމާތު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.
ދުނިޔޭގައި ހަތަރު ލައްކައެއްހާ ކުޑަކުދިން ކޮންމެ އަހަރަކު ވެސް ކެންސަރާ ހަނގުރާމަ ކުރެއެވެ. ރާއްޖޭގައި ވެސް ކެންސަރުގެ ނުރައްކާ ބޮޑުވަމުންދާއިރު، އާސަންދަ ބަޖެޓުގެ 4.5 އިންސައްތަ ޚަރަދު ކުރަނީ ކުޑަކުދިންނަށް ކެންސަރު ޖެހިގެން ފަރުވާ ހޯދުމަށެވެ.
2012 ވަނަ އަހަރު އުފެއްދި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ދަނީ ރާއްޖޭގައި ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ ސަބަބަތަކާއި މި ބަލިން ރައްކާތެރިވުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި ކެންސަރާއި ބެހޭ ދިރާސާތައް ކުރުމާއި ތަފާސް ހިސާބުތައް އެއްކުރަމުންނެވެ.
ހިޔާލު